MC aa Nulaa 15 Dhuvahu Salaam Buneveygothah Islaahu Genesfi

6 ސެޕްޓެމްބަރ 2020 - 18:40

އެމްސީ ހުށަނޭޅި ނަމަވެސް އަހަރަކު ގިނަ ވެގެން 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާށްކޮށްފިއެވެ.

މަޖިލީހުން މިއަދު ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނެސްފައެވެ.

advertisement

ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން މުވައްޒަފަކަށް އަހަރަކު ގިނަ ވެގެން މުސާރަ ލިބޭ ގޮތަށް ސަލާމް ބުނެވެނީ 30 ދުވަހުއެވެ. ނަމަވެސް ވިދިވިދިގެން ދެ ދުވަހަށް ވުރެ އިތުރުވާ ނަމަ ޑޮކްޓަރަކަށް ދައްކައި އެމްސީ ހުށަހަޅަންޖެހެއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 42 ވަނަ މާއްދާ އަށް މަޖިލީހުން މިއަދު ގެނައި އިސްލާހުގައި ބުނެފައި ވަނީ ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެ ދެ ދުވަހަށް ވުރެ އިތުރުނުވާނެ ގޮތުގެ މަތިން މެޑިކަލް ސެޓްފިކެޓާ ނުލައި ސަލާމްގެ ޗުއްޓީގެ ގޮތިގައި ބޭނުންކުރުމުގެ އިހްތިޔާރު ވަޒީފާ އަދާކުރާ ފަރާތަށް ލިބިގެން ވެއެވެ.

މީގެ އިތުރުން މަޖިލީހުން ވަނީ އެ ގާނޫނުގެ 41 ވަނަ މާއްދާ ވެސް އިސްލާހުކޮށްފައެވެ. އެ މާއްދާގައި ބުނަނީ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް މުވައްޒަފަކު އެދެފި ނަމަ އޭނާއަށް ލިބޭ އަހަރީ ޗުއްޓީ ފެށުމުގެ ކުރިން، މަސައްކަތަށް ނުކުންނަ އެންމެ ފަހު ދުވަހަށް ވުރެ ލަސް ނުވާނެ ގޮތުގެ މަތިން އެ ނަގާ ޗުއްޓީގެ ދުވަސްތަކަށް މުސާރައިން ޖެހޭ ފައިސާގެ އަދަދު ވަޒީފާދޭ ފަރާތުން އޭނާއަށް ދޭން ވާނެ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން މުސާރަ ދޭ މުވައްޒަފެއް ނަމަ އެ މުވައްޒަފަކު ޗުއްޓީގައި ހުރި ނަމަވެސް މުސާރަ ދޭ އުސޫލުން މުސާރަ ދެވިދާނެ ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0