ފައްޔާޒުގެ އިތުބާރުގެ މައްސަލަ: ދެ ރައީސުންގެ “ހަނގުރާމައެއް”!
12 ސެޕްޓެމްބަރ 2020 - 10:32
ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ހާލަތު ނިޔާކުރި ގޮތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކޭ ބުނެވިދާނެއެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ޖަލު ހުކުމެއްގައި އޭރު ހުންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ގޮތެއް ނެތުމުންނެވެ. އަދި ގުޅިފައިވާ ކޯލީޝަނެއްގެ ތެރެއިން ވެސް ގިނަ ބަޔަކަށް އެއްބަސްވެވޭ ނަމަކަށް އޮތީ ވެސް ރައީސް ސޯލިހްގެ ނަންފުޅެވެ. އެއީ އޭރު އޮތް ވެރިކަން ބަދަލުކުރުމަށް ކޮންމެ ނަމެއް އެ ކަރުދާސްކޮޅުގައި އޮތް ނަމަވެސް ކަން ވާނެ ގޮތް ކަމަށް އެއް ބަޔަކު ގަބޫލުކުރެއެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެމްޑީޕީ އިސްވެ އޮވެ ގުޅިފައިވާ ސަރުކާރެއް އެކުލަވައިލެވުމުގެ އަސްލު މޭސްތިރިއަކީ ރައީސް ސޯލިހެވެ.
ކުރީގެ ރައީސް ނަޝީދަށް ވާދަކުރެއްވެން އޮތް ނަމަ ހާލަތު ތަފާތުވީހެވެ. އެހެންކަމުން ރައީސް ސޯލިހަކީ އޮތް ހަމައެކަނި ޗޮއިސް ކަމަށް ގަބޫލުކުރާ ބަޔަކު ވެސް އެބަ ތިއްބެވެ. މަޖިލީހުގައި އެތައް އަހަރަކު އިންނެވުމާއި އެމްޑީޕީ ފެށުނީއްސުރެ ސިޔާސީ ހަރަކާތްތަކުގައި އެ ޕާޓީއާ އެކު ކުރީ ސަފުގައި މަސައްކަތް ކުރެއްވުމަކީ އެފަދަ މަގާމަކަށް އެމަނިކުފާނު ޝަރުތު ހަމަވާކަމުގެ ހެކިތަކެވެ. މިޒާޖުގެ ގޮތުން މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް ސިޔާސީ ގޮތުން އެ މަނިކުފާނަކީ ކުޅަދާނަ ތަޖުރިބާކާރެކެވެ.
ވެރިކަމަށް ވަޑައިގެންނެވި ފަހުން މި ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް ސޯލިހަށް ސިޔާސީ މައިދާނުގައި ބާރުވެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާ އެއް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ. މިނިސްޓާރު ފާހަގަކުރެއްވެނީ މި ސަރުކާރުގައި ނުފޫޒު ގަދަ ވަޒީރެއްގެ ގޮތުގައެވެ. ސަބަބުތައް ގިނަ އެވެ. އެހެންކަމުން ފައްޔާޒާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ވެސް ގިނައެވެ. އިވޭ އަޑުތަކާއި ކުރެވޭ ތުހުމަތުތައް ވެސް މަދެއް ނޫނެވެ.
ފައްޔާޒުގެ އިތުބާރުގެ މައްސަލައެއް އެމްޑީޕީގެ އެތެރޭގައި އުފެދި ބޮޑުވަމުން އައި ނަމަވެސް ހަގީގީ މައްސަލަ އޮތީ ކުރިން މި ފާހަގަކުރި ތުހުމަތުތަކާ ގުޅިގެންނެއް ނޫނެވެ. އަދި އެކަން އޮތީ ހަމައެކަނި އެމަނިކުފާނާ ހިސާބުގައި ކަމަށް ގަބޫލުނުކުރެވޭ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. އެއްބަޔަކު ދެކޭ ގޮތުގައި މައްސަލައިގެ މޫ ގޮސް ގުޅެނީ ކުރިން ފާހަގަ ކުރި ގޮތަށް ރައީސް ސޯލިހާއި މި ވަގުތު މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް ނަޝީދުގެ ސިޔާސީ ބާރުވެރިކަމުގެ ތިލަފަތާ އެވެ.
ދެ ރައީސުންނަކީ އާއިލީ ގޮތުންނާއި އެކުވެރިކަމުގައި ވެސް އެތައް މާޒީއެއް އޮތް ދެ ބޭފުޅުން ކަމުގައިވީ ނަމަވެސް ސިޔާސީ މައިދާނުގައި ދެ ބޭފުޅުން ވެސް މި ވަގުތު ތިއްބެވީ އެ ގުޅުންތައް ވެސް މިނެކިރާލެވޭ ހިސާބުގައެވެ. އެމްޑީޕީ އާއި ދިވެހިންގެ ހައްގުތައް ހޯއްދަވައިދެއްވުމުގައި ރައީސް ނަޝީދު އެތައް މަސައްކަތްތަކެއް ކުރައްވާފައިވާކަން އަދި ކުރައްވަމުން އަންނަކަން އެއީ ދެބަސްވެވެން އޮތް ކަމެއް ނޫނެވެ. އެހެން ނަމަވެސް އެއިން ކޮންމެ މަސައްކަތެއްގައި އެމަނިކުފާނާ ކޮނޑާކޮނޑު ޖައްސަވައި އެކުގައި ހުންނެވި ބޭފުޅަކީ ވެސް ރައީސް ސޯލިހެވެ. އެއިން ކޮންމެ ކަމެއްގެ ކްރެޑިޓް އެމަނިކުފާނަށް ވެސް ލިބެންޖެހެއެވެ. ބުރަދަނަށް ބަލާއިރު ރައީސް ސޯލިހަކީ ވެސް ސިޔާސީ ތިލަފަތުގައި ވަކި ލުއި ބޭފުޅެކޭ ދެންނެވޭކަށް ނެތެވެ.
ވެރިކަން ފެށި މަޖިލީހުގެ އިންތިހާބާ ހަމައަށް އައި އިރު ވެސް ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ސިޔާސީ ބުރަދަނާ މެދު ދިޔައީ ބަހުސް ކުރެވެމުންނެވެ. މަޖިލީހުގެ ރައީސްއެއް ހޮވުމުގެ މައްސަލައިގައި ދެ ބޭފުޅުން ފާޅުގައި ދެ މިސްރާބަކަށް މަސައްކަތް ކުރައްވައި ގަދަ ހިފުމަކާ ހަމައިން ރައީސް ނަޝީދު ހަތިޔާރު ބެހެއްޓެވީ ކާމިޔާބު ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ނެތުމުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެވެއެވެ. އޭގެ ފަހުން މަޖިލީހުގައި ނެގޭ ވާދަވެރި ވޯޓުތައް އަބަދުވެސް ސިފަވެފައި އޮންނަނީ އެ ދެ ބޭފުޅުންގެ ކުރިމަތިލުމެއްގެ ގޮތައެވެ. އަދި އެއިން ކޮންމެ ފަހަރަކު ރައީސް ސޯލިހުގެ ކޮޅަށް އަރުއްވާ މަޖިލިސް މެންބަރުން ގިނަ ކަމަށް ވާހަކަ ދެކެވެއެވެ. ފެންނަން ހުރި ކަންކަމުން އެގޮތަށް ގަބޫލުކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
މަޖިލީހުގެ ތެރޭގައި ރައީސް ސޯލިހް ވިއްކަވާ ބޭފުޅަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ކަމަށް ވާހަކަ ދެކެވެއެވެ. ޚުދު އެމަނިކުފާނު ވެސް ވަނީ ވޯޓުގެ ކަންކަމުގައި ސަރުކާރުން ބޭނުންވާ ކަންކަން މެންބަރުންގެ އަރިހުގައި ދަންނަވާ ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެހެންކަމުން މަޖިލީހުގެ ކޮންޓްރޯލް މި ވަގުތު ރައީސް ސޯލިހު އަތްޕުޅުގައި އޮތް ކަމާއި އެކަމަށް އެމަނިކުފާނަށް ވާގިވެރިވާ ބޭފުޅަކީ ފައްޔާޒު ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.
އަނެއްކޮޅުން ވެރިކަން ބަދަލުކުރުމަށް ފަހު ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަކީ އިންތިހާބުގެ ކުރިން ވެސް ރައީސް ނަޝީދު ދައްކަވަމުން ގެންދެވި ވާހަކަފުޅެކެވެ. އޭރު އެމްޑީޕީގެ ވިސްނުމަކީ ވެސް އެއީ އެވެ. ދައުރުގެ މެދުތެރެއިން ވަކި ގޮތެއް ކަނޑައަޅުމަކީ އެމްޑީޕީގެ މެނިފެސްޓޯގެ ބައެކެވެ. ނަމަވެސް އެކަން އެގޮތަށް ނުވެ ދިޔައީ ގުޅިފައިވާ ކޯލީޝަނެއްގެ މެނިފެސްޓޯއެއްގެ ދަށުން ރައީސް ސޯލިހަށް ވެރިކަން ކުރައްވަން ޖެހިވަޑައިގަތުމެވެ. އެކަން އެހެން އޮތް ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރެއްވުމަށް ރައީސް ނަޝީދު ގެންގުޅުއްވާ ހިޔާލުފުޅަށް ކުޑަވެސް ބަދަލެއް ގެންނަވާފައެއް ނުވެއެވެ. އަދި އެކަން އެމަނިކުފާނު ގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ. ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި އެމަނިކުފާނު ހުންނެވުމަކީ އޭގެ މަގުސަދެވެ. އެކަމަށް މަޖިލީހުގެ ތެރޭގައި އޮތް އެންމެ ބޮޑު ހުރަހަކީ ރައީސް ސޯލިހަށް ވަފާތެރި ގިނަ މެންބަރުންތަކެއް ތިއްބެވުމެވެ. އެ ބޭފުޅުންގެ “ލަގަން” އޮތީ މިނިސްޓަރު ފައްޔާޒުގެ އަތުގައި ކަމަށް ބުނެވެއެވެ.
ރައީސް ނަޝީދު ސިފަކުރައްވާ ގޮތުގައި ފައްޔާޒަކީ “ބްރޯ” އެކެވެ. އެގޮތަށް ސިފަކުރައްވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރު މުއްދަތެއްގައި ގިނަ ބާރުތަކެއް މުށުތެރެއަށް ލެއްވި އަހްމަދު އަދީބާ އެއްފަދަކުރުމުގެ ގޮތުންނެވެ. މުޅި ޕާޓީ އާއި ވަޒީރުންނާއި މަޖިލީހުގެ މެންބަރުންގެ ކޮންޓްރޯލް އަދީބު ނެންގެވި ގޮތަށް ފައްޔާޒު ވެސް އެމަގުން އަމަލުކުރައްވާ ކަމަށް ނަޝީދު ސިފަކުރައްވައެވެ. އަދި ކޮރަޕްޝަނާއި އެ ނޫން ވެސް ތުހުމަތުތައް ކުރައްވައި އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެ މަނިކުފާނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ޕާޓީ ތެރެއިން ގައުމީ މަޖިލިސް މެދުވެރިކޮށް ފައްޔާރު އެކަހެރިކޮށްލެއްވުމަށް ވެސް ރައީސް ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މަގާމުން އެކަހެރިވެ ވަޑައިގަތުމަށް ފާޅުގައި ގެންދަވަނީ ގޮވާލައްވަމުންނެވެ.
އަނެއްކޮޅުން ފައްޔާޒުގެ ދިފާއުގައި ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ސޯލިހް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެކަން އެ މަނިކުފާނު ވަނީ ހާމަ ވެސް ކުރައްވާފައެވެ. މާނައަކީ ފައްޔާޒުގެ އިތުބާރުގެ މައްސަލާގައި ދެ ރައީސުން ތިއްބެވީ ދެ ގޮތެއްގެ މަތީގައި ކަމެވެ. ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ ކޮޅު ވަރުގަދަ ކުރެއްވުމަށް އެޅުއްވެން ހުރި ފިޔަވަޅެއް އަޅުއްވާނެކަން ޔަގީނެވެ. އެމަގުން މަސައްކަތްތަކެއް ވެސް ދަނީ ކުރެވެމުންނެވެ. އެއްބަޔަކު ސިފަކުރާ ގޮތުގައި ފައްޔާޒުގެ ވޯޓަކީ ހަމައެކަނި އިތުބާރުގެ މައްސަލައެއްގެ ވޯޓެއް ނޫނެވެ. އެއީ ބަރުލަމާނީ ނިޒާމަކާ މެދު މަޖިލީހުގެ ވިސްނުން އޮތް ނެތް ގޮތް ވެސް ހާމަވާނެ ވޯޓެކެވެ. އަދި ޕާޓީގެ ސިޔާސީ ބާރުގެ ލަގަން އޮތް ކޮޅެއް ވެސް ކަނޑައެޅޭނެ ވޯޓެކެވެ. ހަމަ އެހެންމެ ރާއްޖޭގެ ސިޔާސީ މައިދާނުގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ބާރުވެރިކަން މިނެކިރާލެވޭނެ ވެސް ވޯޓެކެވެ. އެއީ ދެ ރައީސުންގެ “ހަނގުރާމަ”އެކެވެ.