އަތޮޅުތެރޭގެ ރައްޔިތުން ރަށައް ބަދަލުވުމުން މާލޭގެ ކުލި ކުޑަވެދާނެތަ؟
13 ސެޕްޓެމްބަރ 2020 - 14:39
ކޯވިޑް19 އަކީ މިފަހުން އަހަރެމެންގެ ދިރިއުޅުމަށް ކުރިމަތިވި އެންމެ ބޮޑު އެއް ކާރިސާއެވެ. މި ބަލީގެ ސަބަބުން ގިނަ ބައެއްގެ އާންމު ދިރިއުޅުމަށާއި ވަޒީފާއަށް ވަނީ ނުރަނގަޅު އަސަރުތަކެއް ކޮށްފައެވެ.
ރާއްޖޭގައިވެސް ކޯވިޑް19 މިހާރު ފެތުރެމުންއަންނައިރު މި ބަލީގެ ސަބަބުން ރާއްޖޭގެ އިޤްތިޟާދަށް އޭގެ ނޭދެވޭ އަސަރު ވަނީ ކޮށްފައެވެ.
ރާއްޖޭގެ އިޤްތިޟާދު އެ ސިނާއަތަކަށް ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތް މުޅިންހެން ކޮޅަށް ނަގަންޖެހިފައިވާއިރު، މި ސިނާއަތުގައި ހަރަކާތްތެރިވާ އެތައް ބައެއްގެ ވަޒީފާ ގެއްލި އަނެއްބަޔެއްގެ ވަޒީފާ ގެއްލުމުގެ ބިރު ހީވެ އާމްދަނީއަށް ވަނީ ނުރަނގަޅު އަސަރުކޮށްފައެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން ވިޔަފާރިއާއި އެނޫންވެސް ދާއިރާތަކަށް ކޯވިޑްގެ އަސަރުކޮށް އާމްދަނީވަނީ ދަށްވެފައެވެ.
ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުން ގެންދަނީ ވެރިރަށް މާލޭގައެވެ. މީގެތެރެއިން ގިނަ ބަޔަކު ދިރިއުޅެމުންގެންދަނީ ކުއްޔަށް ތަންތަން ހިފައިގެންނެވެ. ކޯވިޑް19 އާއިއެކު ގިނަ ބައެއްގެ ވަޒީފާތައް ގެއްލި އާމްދަނީއަށް އަސަރުކޮށްފައިވުމުގެ ސަބަބުން މާލޭގައި ކުއްޔަށް ދިރިއުޅޭ ގިނަ ބަޔަކަށް ކުލި ދެއްކުމަށް ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ.
މާލެއަކީ މުޅި ދުނިޔެގެ ނިސްބަތުންވެސް އެންމެ ގިނަބަޔަކު ތޮއްޖެހިގެން ދިރިއުޅޭ އެއްތަނެވެ. މީގެއިތުރުން މާލޭގެ އެޕާޓްމަންޓްތަކުގެ ކުލިތަކަކީވެސް އެހެން ބައެއް ޤައުމުތަކާއި އަޅާބަލާއިރު ބޮޑު އަދަދެކެވެ.
މާލޭގެ އެޕާޓްމެންޓެއްގައި ދެތިން އާއިލާ ދިރިއުޅޭއިރު ކުލި ދެއްކުމާއި ބިލްތައް ދައްކަނީ އެންމެންގެ މައްޗަށް ބަހާލައިގެންނެވެ. ނަމަވެސް ކޯވިޑް19 ގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާއަށް އަސަރުކޮށް ގިނަ މީހުންގެ ވަޒީފާ ގެއްލުމުގެ ސަބަބުން ގިނަ އާއިލާތަކަކުން މިހާރު ވަނީ ރަށްރަށައް ބަދަލުވެފައެވެ.
34 އަހަރު މާލޭގައި އުޅުމަށްފަހު ކޯވިޑް19 ގެ ސަބަބުން ރަށައް ބަދަލުވި މީހަކު އެމްވީ ޕްލަސްއަށް މައުލޫމާތުދެމުން ބުނީ ރަށައް ބަދަލުވާންޖެހުނީ ކޯވިޑް19 ގެ ސަބަބުން އާމްދަނީ ލިބޭނެ ގޮތެއް ނެތުމުންކަމަށެވެ. ކޯވިޑްގެ ހާލަތު ރަނގަޅުވިނަމަވެސް މާލެއަށް އަލުން ދިރިއުޅުން ބަދަލުކުރުމުގެ ވިސްނުމެއް ނެތްކަމަށް އޭނާ ވަނީ ބުނެފައެވެ.
ކޯވިޑްއާއިއެކު ރަށައް ބަދަލުވި ބ. އަތޮޅު ރަށަކަށް ނިސްބަތްވާ މީހަކު ބުނީ، އޭނާއަށްވެސް ރަށައް ބަދަލުވާންޖެހުނީ އާމްދަނީއަށް އަސަރުކުރުމުގެ ސަބަބުން މާލޭގައި އުޅެވޭނެ ގޮތެއް ނެތުމުގެ ސަބަބުންކަމަށެވެ.
“ރަށައް ބަދަލުވާންޖެހުނީ މުސާރަ ކަނޑާލުމުގެ ސަބަބުން މާލޭގައި އުޅެވޭނެގޮތެއް ނެތުމުގެ ސަބަބުން. ކޯވިޑްގެ ހާލަތު ރަނގަޅުވިއަސް އަނބުރާ ރަށައް ދިއުމުގެ ވިސްނުމެއް މިހާރަކު ނެތް.” އޭނާ ބުންޏެވެ.
ދެން އުފެދޭ ސުވާލަކީ ގިނަ ބަޔަކު ރަށައް ބަދަލުވުމުން މާލޭގެ އެޕާޓްމަންޓްތަކުގެ ކުލި ކުޑަވެދާނެތޯއެވެ.؟ މިކަމާއި ގުޅޭގޮތުން މާލޭގައި ކުއްޔަށް ދިރިއުޅޭ މީހަކު ބުނީ ކުލި ކުޑަވުމުގެ ކޮޅުމަތި މިހާރު ފެންނަން ފަށާފައިވާކަމަށެވެ. ގިނަ ބަޔަކު އަނބުރާ ރަށައް ދިއުމުގެ ސަބަބުން މިހާރު މާލޭގެ އެޕާޓްމަންޓްތަކުގެ ކުލިތައް ކުޑަވާންފަށާފައިވާތަން ކުއްޔަށްދޭ ތަންތަން ދޫކުރަން ޖަހާފައިހުންނަ އަގުތަކުން ފެންނަން ހުންނަކަމަށް އޭނާ ބުންޏެވެ.
އެމްވީ ޕްލަސްއަށް މައުލޫމާތުދެމުން މާލޭގައި ކުއްޔަށްއުޅޭ އެހެންމީހަކު ބުނީ އޭނާ އުޅޭ އެޕާޓްމަންޓްގެ ކުލި ވަގުތީގޮތުން ކުޑަކޮށްދީފައިވާކަމަށެވެ. ކޯވިޑްގެ ސަބަބުން ގިނަ ބަޔަކު ރަށްރަށައް ބަދަލުވުމުގެ ސަބަބުން މާލޭގެ އެޕާޓްމަންޓްތަކުގެ ކުލި ދަށައްދާންފަށާފައިވާކަން އޭނާވެސް ވަނީ ފާހަގަކޮށްފައެވެ.
“މިހާރު ވަރަށް ގިނަ މީހުން އެބަ ރަށްރަށައް ބަދަލުވޭ. ވަރަށް ގިނަ ތަންތަން އެބަ ހުސްވޭ. އެހެންވީމަ ވެރީ ލައިކްލީ ކޮންމެވެސް ވަރަކަށް ކުލި ދަށައް ގޮސްދާނެއޭ. އެއީ ކުރީގައި 18000 އާއި 19000 ދެމެދު ކުއްޔަށްދޭ 2 ރޫމް އެޕާޓްމަންޓް މިހާރު އެބަހުރި 15000 އާއި 14000 ދެމެދުގައި. އެހެންމީވަ ކުލި ކުޑަވުމުގެ ޗާންސް އެބައޮތް. އެކަމަކު މިކަންތައް ރަނގަޅުވެގެން މީހުންތައް މޫވް ބެކްކުރަން ފަށައިފިއްޔާ ހަމަ އަގު ދާނީ މައްޗަށް.
ކޯވިޑް19 އާއި ގުޅިގެން އެންމެންގެ ދިރިއުޅުމަށްވެސް އޭގެ ނޭދެވޭ އަސަރު ވަނީ ކޮށްފައެވެ. ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ މާލޭގައި ދިރިއުޅުނު އަތޮޅުތެރޭގެ ގިނަ އަދަދެއްގެ ރައްޔިތުން އަނބުރާ ރަށައް ދިއުމުގެ ސަބަބުން މާލޭގެ އެޕާޓްމަންޓްތަކަށް އޮންނަ ޑިމާންޑް ދަށްވުމުގެ ސަބަބުން އަގަށް ކޮންމެވެސް ބަދަލެއް ގެންނަން ކުއްޔަށްދޭ ފަރާތްތަކަށް މަޖުބޫރުވާނެކަމެވެ. އަދި ސަރުކާރުގެ ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވާންފެށުމާއިއެކު މާލޭގެ އެޕާޓްމަންޓްތަކަށް އޮންނަ ޑިމާންޑްދަށްވެ އަގަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ.