އަމިއްލަ ހިޔާލު: ބަހުސްގައި މޮޅުވީ ކާކު؟

4 ސެޕްޓެމްބަރ 2023 - 15:07

ރިޔާސީ ކެންޑިޑޭޓުން ބައިވެރިވާ ރިޔާސީ ބަހުސަކީ ކެންޑިޑޭޓުންނާ މެދު ދެ ވަނަ ވިސްނުމަކުން ވިސްނާލުމަށް ރައްޔިތުންނަށް ލިބިދޭ ފުރުސަތެކެވެ. ވަކި ގޮތެއް ނިންމައިގެން ޕާޓީ ހަރަކާތްތަކާއި ކެމްޕެއިންގައި އުޅޭ ފަރާތްތަކަށް ވުރެ މި ބަހުސް މުހިންމު ވަނީ ވަކި ކެންޑިޑޭޓަކަށް ތާއީދުކުރި ނަމަވެސް ވަކި ގޮތެއް ނުނިންމައި ތިބި މީހުންނަށާއި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރާ ނަމަވެސް ކޮންމެވެސް ކެންޑިޑޭޓަކަށް ވޯޓު ލާނެ މީހުންނަށެވެ. ހޮނިހިރު ދުވަހުގެ ރޭ ބަހުސް ނިމުމާ އެކު ސޯޝަލް މީޑިއާ ވަނީ ކެކި އަރައިގަނެފައެވެ. 

އެންމެ މަގުބޫލުކަމެއް ހޯއްދެވި އެއް ބޭފުޅު

ބަހުސްގައި ކެންޑިޑޭޓުން ދެއްކެވި ވާހަކަތަކަށް ބަލާއިރު އެންމެ މަގުބޫލުކަމެއް ހޯއްދެވި އެއް ބޭފުޅަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނެވެ. މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް ދެއްވި ޖަވާބުތަކާއި ބަހުސްގެ ތެރެއިން ލިބުނު ހުސް ވަގުތުތަކުގައި ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އޯޑިއަންސްގެ ވާހަކަތަކަށް ޖަވާބު ދެއްވައި ޓްވީޓްކުރައްވަމުން ގެންދެވުމަކީ ގިނަ ބަޔަކަށް ފާރިސް ކަމުދިޔަ ސަބަބުތަކެވެ. 

advertisement

ހަމަގައިމު ވެސް ބަހުސްގެ ސަބަބުން ފާރިސްގެ ތާއީދު އިތުރުވާނެކަން ޔަގީނެވެ. ކުރިން ކެމްޕެއިންގެ މާބޮޑު ހަރަކާތްތަކެއް ނުހިންގެވި ނަމަވެސް ސޯޝަލް މީޑިއާ ބޭނުންކުރައްވައިގެން މީހުންގެ ސަމާލުކަން ހޯއްދެވުމަށް އަދި ކެމްޕެއިންކުރައްވަމުން ގެންދެވިއެވެ. ބަހުސް އަށް ފަހު އޭނާ އަށް މީހުން ދޭ ސަމާލުކަން އިތުރުވެއްޖެއެވެ. އެހެން ނަމަވެސް ހަމައެއާ އެކު ފާޑުކިޔުންތައް ވެސް އަމާޒުވެއްޖެއެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ފާރިސް ދެއްކެވީ “ސެންސިބަލް” ވާހަކަތަކެކެވެ. ހާއްސަކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި މާލެ ނޫން އެހެން ގޮތެއް ހޯދުމާ ބެހޭ ގޮތުން ދެއްކެވި ވާހަކަތައް ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި ފާރިސްގެ އެ ވިސްނުމަކީ މީގެ ކުރިން ބައްޕާފުޅުގެ ޒަމާނުގައި އަދި އޭގެ ފަހުގެ ވެރިކަންތަކުގައި ވެސް ޕްލޭންތައް ކަރުދާހުގައި ލިޔެވި އަދި ކޮންމެ އިންތިހާބަކާ ދިމާކޮށް ދެކެވޭ ވާހަކައެކެވެ. ރާއްޖޭގައި އާބަން ސެންޓަރުތަކެއް ގާއިމުކުރެވި މާލެ އަށް މީހުން ހިޖުރަކުރާ ސަބަބުތައް ނައްތާލާ ވާހަކައަކީ ބައްޕާފުޅުގެ ޒަމާނުއްސުރެ ދެކެވޭ ނަމަވެސް އަމަލީ ސިފައެއް ނައިސް ނުވަތަ އައުން ދުރު ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ގައުމީ ތަރައްގީގެ ދުރު ރާސްތާ ޕްލޭންތައް

ފާރިސްގެ ވާހަކަތަކުން ދެން އެންމެ ގިނަ ބަޔަކު ޝައުގުވެރިވީ ގައުމީ ތަރައްގީގެ ޕްލޭނެއްގެ ވާހަކައެވެ. ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ވެރިކަމާ އެކު ގައުމީ ތަރައްގީގެ ޕްލޭން ބަދަލުވުމަކީ މީގެ ކުރިން ވެސް ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ސަބަބެކެވެ. ކުރީގެ ސަރުކާރުތަކުން ފަށާފައި ހުރި މަސައްކަތްތައް ހުއްޓާލުމާއި އެގްރީމެންޓްތައް ބާތިލްކުރުމުން ދޭންޖެހުނު ބަދަލު ކުޑައެއް ނޫނެވެ. 

އަދިވެސް ދޭންޖެހޭ ބަދަލު އެބަހުއްޓެވެ. އެހެންކަމުން ގާނޫނަކުން ބާރު ލިބިގެން ހަދާ ގައުމީ ތަރައްގީގެ ޕްލޭނެއް މުހިންމެވެ. އެހެން ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި އެކަމަށް ފާރިސް ގެންގުޅުއްވަނީ ވަރަށް ދުރު ރާސްތާ ޕްލޭނެކެވެ. ފާރިސް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މަޝްވަރާކުރެވި އެފަދަ ޕްލޭނެއް ދެ އަހަރު ތެރޭގައި އެކުލަވާލައި ރެފަރަންޑަމަކަށް ނުވަތަ އާންމުންގެ ހިޔާލު ހޯދުމަކަށް ދާނެ ކަމަށެވެ. 

ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުންގައި ދެ އަހަރުގެ ތެރޭގައި ޕްލޭނެއް ހަދައި އަދި އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ގޮސް ނިމި ތަންފީޒު މަރުހަލާ އަންނަ އިރު އޮންނާނީ ފާރިސްގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމިފައެވެ. އަދި އެ ޕްލޭން ތަންފީޒުކުރުމަށް އެ ސަރުކާރު ދެ ވަނަ ދައުރަކަށް ދެމެހެއްޓުމުގެ ކެމްޕެއިން ފަށަންޖެހިފައެވެ.

މީގެ އިތުރުން މާލޭ ފަދަ އެހެން ސަރަހައްދުތަކެއް އުފެއްދުމަކީ ވެސް އެހާ ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ. އަދި މީހުންގެ ވިސްނުމާއި ފިކުރަށް ވެސް އެތައް ބަދަލެއް ގެނެސްގެން ނޫނީ ހާސިލްވާން ނެތް ކަމެކެވެ. މާލެ މާލެއަކަށް ވެފައި ވަނީ އެންމެ ފަސް އަހަރުން ނުވަތަ 10 އަހަރަކުން ނޫނެވެ.

އެހެން ކަމުން ފާރިސްގެ އެ ވިސްނުންފުޅަކީ ވަރަށް ދުރު ރާސްތާ ޕްލޭނެއްގެ ތެރެއިން ނޫނީ ހާސިލްކުރެވޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް ރާއްޖެ އަށް މިހާރު ކުރިމަތިވެފައި ހުރި މައްސަލަތަކަކީ މިވަގުތުން ވަގުތަށް ވެސް ހައްލުކުރަންޖެހިފައި ހުރި ކަންކަމެވެ. ގައުމީ ތަރައްގީގެ ދުރުރާސްތާ ޕްލޭނަކުން އެ ކަމަށް ހައްލު ލިބެންދެން މަޑުކުރެވޭ ފަދަ ކަންކަމެއް ނޫނެވެ. އެހެންކަމުން ފާރިސްގެ ވާހަކަތައް ކިތަންމެ އަޑުއަހާލަން ރީތި ނަމަވެސް އެކަމުގައި “ރިއަލިޓީއެއް” ނެތެވެ.

“ރައްޔިތު މީހާ ތަރައްގީކުރުމުގެ” ވިސްނުންތައް

ފާރިސްގެ އިތުރުން ދަ ޑިމޮކްރެޓިކްސްގެ ފަރާތުން ވާދަކުރައްވާ އިލްޔާސް ލަބީބަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެހެން ނަމަވެސް އިލްޔާސްގެ ވާހަކަތައް ވެސް ބައްޓަންވެފައި ވަނީ އެ ޕާޓީގެ “ބާނީ” ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަތަކާ އެއް ސިފައަކަށެވެ. ރައީސް ނަޝީދު މަޝްހޫރުވެގެން ދިޔައީ “އާންމު މީހާ” އާއި “ރައްޔިތު މީހާ” އާއި މިފަދަ ދިވެހިންނަށް އާ ބަސްތަކާއި ވިސްނުންތައް ހިމެނޭ ފާދަ ވާހަކަތައް ދައްކަވައިގެންނެވެ. 

އެހެން ނަމަވެސް މިހާރު އެއީ އާ ވާހަކަތަކަކަށް އަދި އާ ވިސްނުންތަކަކަށް ވެސް ނުވެއެވެ. އެހެންކަމުން ކޮންމެ ސުވާލަކަށް ދެއްވި ޖަވާބުގައި “ރައްޔިތު މީހާގެ ޖީބަށް” ނުވަތަ “ރައްޔިތު މީހާގެ ތަރައްގީ” އަށް ކަމަށް ބުނެ ނިންމާލައިގެން ދިވެހިންގެ ސިކުނޑިއާ ކުޅުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. 

ޚާރިޖީ ސިޔާސަތާއި އިގްތިސާދީ އަދި އިޖުތިމާއީ، ސިއްހީ އަދި ބޯހިޔާވަހިކަން ފަދަ އަސާސީ ހިދުމަތްތަކާ ގުޅޭ ސިޔާސަތަކުތަކުގައި ވެސް އިލްޔާސްގެ ޖަވާބަކީ އެއް ޖަވާބެކެވެ. ހުލާސާކޮށްލާ ނަމަ ހުރިހާ ކަމެއްގައި ވެސް އެ ބޭފުޅުން ވަޑައިގަންނަވަނީ “ރައްޔިތު މީހާގެ ޖީބަށް ލުއިކޮށްދީ” އަދި “ރައްޔިތު މީހާ ތަރައްގީކުރުމުގެ” ވިސްނުމުގައެވެ. އެއީ މިހާރު އާންމުން އެހާ ގަޔާވާ ވާހަކަތަކަށް ނުވެއެވެ.

ހަރުކަށި ސިޔާސަތުތައް

އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. ސޯޝަލް މީޑިއާގެ ވާހަކަތަކަށް ބަލާއިރު ވެސް އުމަރު ދެއްކެވި ވާހަކަ ރަނގަޅު ކަމަށް ގިނަ ބަޔަކު ބުރަވި ނަމަވެސް އެއީ ހަގީގަތް ކަމަށް ގަބޫލުކުރަން ގިނަ ބަޔަކަށް ދަތިކަން ފާހަގަކުރެވެއެވެ. 

އަދި 2008 އިން ފެށިގެން ވެސް އުމަރު ދައްކަވަނީ އެއް ވާހަކަތަކެއް ކަމާއި އެހެން ނަމަވެސް އެއީ މާ ގިނަ ބަޔަކު ޝައުގުވެރިވާ ވާހަކަތަކެއް ނޫންކަން އިންތިހާބުގެ ނަތީޖާތަކުން ހާމަވެއެވެ. ހާއްސަކޮށް އިސްލާމީ ޝަރީއަތް ތަންފީޒުކުރުމުގައި އުމަރު ގެންގުޅުއްވާނެ ސިޔާސަތާއި ސްކޫލްތައް ނިންމާ ކުދިންނަށް ސިފައިންގެ އަށް ވަންނަން މަޖުބޫރުކުރުވާ ސިޔާސަތުތައް ބޮޑަށް ސިފަވަނީ އުތުރުކޮރެ އާއި އެ ނޫން ވެސް ހަރުކަށި ސިޔާސަތުތައް ގެންގުޅޭ ގައުމުތަކާއެވެ. އެހެންކަމުން ގިނަ ބަޔަކު އެކަމަށް ޖެހިލުން ވެއެވެ.

އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޒަމީލްގެ ވާހަކަތަކަށް މާގިނަ ބަޔަކު ސަމާލުކަމެއް ދިން ކަމަކަށް ނުފެނެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރަށް ބަހުސްގައި މާބޮޑު ވާހަކަތަކެއް ދެއްކެވޭ ގޮތެއް ނުވިއެވެ. ފަހަރުގައި ކެމްޕެއިން ޖަލްސާތަކުގައި ދެއްކެވި އަދި ކުރެއްވުނު ބައެއް ކަންކަމުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. އެމަނިކުފާނު ހިފެހެއްޓެވީ ޕާޓީގެ މެނިފެސްޓޯއެވެ.

ބޮޑު ޕްރެޝަރެއް އޮންނާނެ ކަމަށް ބެލެވުނު ދެ ކެންޑިޑޭޓުން

އެންމެ ބޮޑު ޕްރެޝަރެއް އޮންނާނެ ކަމަށް ބެލެވުނު ދެ ކެންޑިޑޭޓުންނަކީ ޕީއެންސީގެ ކެންޑިޑޭޓް އަދި ހަތް އަހަރު ދުވަސް ވަންދެން ހޯމް މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު އާއި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއެވެ. އެހެން ނަމަވެސް ހީކުރި ގޮތާ ހިލާފަށް ދެ ބޭފުޅުން ވެސް ތިއްބެވީ ވަރަށް ހަމަޖެހިވަޑައިގެންނެވެ.

ހާއްސަކޮށް ރައީސް ސޯލިހް ބަހުސް ކުރިއަށް ގެންދެވީ ވަރަށް ވިސްނުންތެރިކަމާ އެކުގައެވެ. ބަހުސްގެ ބައިވެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު ސިޔާސީ ލީޑަރަކީ އެމަނިކުފާނު ކަމަށް ވުމަކީ އޭގެ ސަބަބަކަށް ވެދާނެއެވެ. އަދި މިހާރުގެ ވެރިކަމުން ލިބިވަޑައިގެން ހުންނެވި ތަޖުރިބާ ބަހުސްގައި ވަރަށް ރަނގަޅަށް ބޭނުންކުރެއްވިއެވެ. ސުވާލުތައް ހުރި ގޮތުން ކަމަށް ވެސް ވެދާނެއެވެ. ޑރ. މުއިއްޒު އަށް ވެސް ފާޑުކުޔާ ވަރުގެ ވާހަކަތަކެއް ދޫކޮށެއް ނުލައްވައެވެ.

ބަހުސަށް ފަހު ގިނަ ބައެއްގެ ފާޑުކިޔުން ސުވާލުތަކަށް ނުވަތަ މޮޑެރޭޓަރު އިބްރާހީމް ވަހީދު (އަސްވާޑް) އަށް އަމާޒުވިއެވެ. ހާއްސަކޮށް ގައުމީ ޓީވީ ޕީއެސްއެމް އާއި ގައުމީ ޔުނިވާސިޓީ ވެސް ބައިވެރިވި ބަހުސަކަށް ވުމުން އެކަށީގެންވާ ދިރާސާތައް ކުރެވިފައި ނުވުމަކީ އޭގެ ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އަދި ސުވާލުތަކުގައި ޔޯލަ ވާހަކަތަކާއި ބަހުސަކަށް ވުރެ “ހޮޓްސީޓް” ޕްރޮގްރާމެއްގެ ސިފަޖެހުމާއި ކެންޑިޑޭޓުންނަށް ދޭންޖެހޭ އިހްތިރާމް ނުދިނުމާއި މިހެން ގޮސް ގިނަ ކަންތައްތަކެއް ސޯޝަލް މީޑިއާގައި ވެސް ފާހަގަކޮށްފައި ވެއެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި ބަހުސްކުރަން މޮޅު ކޮންމެ މީހަކީ އަދި ވެރިކަން ކުރުމަށް މޮޅު މީހަކަށް ނުވެދާނެއެވެ. ދޫފަރިތަ ވާހަކަދެއްކުންތެރިންނާއި ބަހުސްތަކުން މޮޅުވާ މީހުން ވެރިކަމަށް ކުފޫ ހަމަވާ ނަމަ ދުނިޔޭގެ ގައުމުތަކުގެ ވެރިންނަށް ތިބޭނީ މުޅިން ވެސް އެފަދަ ދޫހެލޭ ބޭފުޅުންނެވެ.

މިހުރިހާ ކަމަކަށް ފަހު ބަހުސުން މޮޅުވި މީހަކީ ކޮބައިތޯ ސުވާލު އުފައްދައެވެ؟ އެ ސުވާލަށް އޮތް ޖަވާބަކީ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ލިބުނީ އެއް ވަނަ ކަމެވެ. އެއީ އެ ކެންޑިޑޭޓަކަށް ތާއީދުކޮށްގެން ތިބި ބައެއްގެ ކުރިމަތީގައި އެ އަށް ވުރެ މޮޅު ދެ ވަނަ މީހަކު ނެތީމައެވެ.

ގޮތެއް ނުނިންމައި ތިބި މީހުންގެ ވިސްނުމާ ކުޅެލުމުގައި ހަމައެކަނި ބަހުސްކުރަން މޮޅުވުން ނުފުދެއެވެ. އެ ދެއްކެވި ވާހަކަތައް ތަންފީޒުކުރައްވާނެ ގޮތުގެ ޕްލޭނަކީ ކޮބައިކަމާއި ހަގީގަތުގައި ވެސް އެއީ ކުރެވިދާނެ ކަންތައްތައްތޯ ނުވަތަ ހަމައެކަނި ދެއްކެވި މޮޅު ވާހަކައެއްތޯއާ މެދު ވެސް ވިސްނާނެ މީހުން ތިބޭނެއެވެ.

ފާރިސް ވިދާޅުވި ފަދައިން “ބަހުސުން ވެސް އެންމެ ރަނގަޅު މީހާ” އަށް ވޯޓު ދޭނެ ބަޔަކު ވެސް ތިބެދާނެއެވެ. އެހެން ނަމަވެސް ދޭ ވޯޓަކީ ބޭކާރު އެއްޗަކަށް ވެދާނެ ކަމަށް ބަލައިގެން ގޮތް ނިންމާ މީހުން ވެސް ވަކި މަދެއް ނުވާނެއެވެ

ރިއެކްޝަންސް
0
2
4
0
0
3
0