ޔައުގޫބްގެ ގޮނޑީގެ މައްސަލަ: ގާނޫނީ ޖަވާބެއް ބޭނުން ސުވާލެއް؟
17 ސެޕްޓެމްބަރ 2020 - 22:02
މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ތެރެއިން ދާންދޫ މެންބަރު ޔައުގޫބު އަބްދުﷲ އަކީ އެތައް ގޮތަކުން ފާހަގަކޮށްލެވޭ މެންބަރެކެވެ. މެންބަރުކަމަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން ދާއިރާގެ މެންބަރުންގެ އިތުރުން އެމްޑީޕީ އަށް ސަޕޯޓްކުރާ އަދި އެ ނޫން ވެސް އެތައް ބައެއްގެ ހިތް ފަތަހަކުރެއްވި މެންބަރެކެވެ. ކެމްޕެއިންގެ ތެރޭގައި ދައުލަތުގެ މީޑިއާ އިން ބޭއްވި ބަހުސްގައި ރަށު ބަހުން ދެއްކެވި ވާހަކަ އާއި ކޮރަޕްޝަނާ ދެކޮޅަށް ދެއްކެވި ވާހަކަތައް ގިނަ ބަޔަކަށް ކަމުދިޔައެވެ. އެހެންކަމުން މި ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ ބަޔަކު ދެއްކިޔަސް އެންމެ ފުރަތަމަ ހޯދަނީ ޔައުގޫބެވެ. ސުވާލު އުފެދެނީ ޔައުގޫބު ކޮބައިތޯއެވެ.
މީގެ ދުވަސްކޮޅެއް ކުރިން އަނެއްކާ ވެސް ޔައުގޫބުގެ ވާހަކަ ދެކެވެން ފެށީ ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ ބައެއް އިދާރާތަކުން ކުރި ހަރަދުތަކާ ގުޅިގެން ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވުމުންނެވެ. އިދިކޮޅު އެކްޓިވިސްޓުން ކުރަމުން ގެންދިޔަ ސުވާލަކީ ކޮރަޕްޝަން ހުއްޓުވުމަށް މަޖިލީހަށް ވެންނެވި އޮޑިޓަރު ކޮބައިތޯއެވެ. ޖަވާބުގައި ޔައުގޫބު ވިދާޅުވެފައި ވަނީ ކޮރަޕްޝަން ހުއްޓުވުމުގައި ދެމިހުންނެވި ކަމަށާއި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ހިންގާ ނަމަ އެ ވާހަކަ ވެސް ދައްކަވާނެ ކަމަށެވެ. އަދި ކޮވިޑްގެ ހަރުދަތައް އޮޑިޓްކުރަން ނިންމީ ވެސް އޭނާ ހިމެނޭ ގޮތަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ކަމަށެވެ.
އެ ވާހަކަތަކުގެ ހޫނުކަން ނުކެނޑި އުޅެނިކޮށް އަނެއްކާ ވެސް މި ވަނީ މެންބަރު ޔައުގޫބުގެ ވާހަކަތައް މީޑިއާގެ ފަލަ ސުރުހީތަކުން ޖާގަ ހޯދާފައެވެ. މި ފަހަރު މެންބަރު ކަމުގެ ގޮނޑިއާ މެދު އުފެދުނު ސުވާލުންނެވެ. އެ ސުވާލު އުފެދެން މެދުވެރިވީ ގާނޫނުން ބާރު ލިބިގެން ދާދި ފަހުން ވުޖޫދަށް ގެނައި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓް ކައުންސިލްގެ މެންބަރު ކަމަށް ޔައުގޫބް އައްޔަންކުރުމާ ހިސާބުންނެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނަނީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެންބަރުން އަދާކޮށްގެން ނުވާނެ ކަމަށެވެ. އެއް ބަޔަކު ސިފަކުރާ ގޮތުން ގާނޫނަކުން ބާރު ލިބިގެން އުފައްދާފައިވާ ކައުންސިލެއްގެ މެންބަރު ކަމަކީ ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރުމެވެ. ނަމަވެސް މި ވިސްނުމާ ދެކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެއީ ދައުލަތުގެ ވަޒީފާއެއް ނޫނެވެ. އެއީ މަސްއޫލިއްޔަތެކެވެ. ޒިންމާއަކާ ހަވާލުވުމާއި އެހެން ވަޒީފާއެއް އަދާކުރުމާ އެއީ މުޅިން ތަފާތު ދެކަމެއް ކަމަށާއި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި އެ ބުނާ ވަޒީފާ އަށް އެކަން ނުފެތޭ ކަމަށެވެ.
މި ސުވާލުތައް އުފެދި ބޮޑު ބަހުސްއަކަށް ވުމާ އެކު ޔައުގޫބް ވަނީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓް ކައުންސިލްގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ. މީޑިއާތަކަށް ޔައުގޫބު ވިދާޅުވެފައި ވަނީ އެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް ގާނޫނީ ލަފާ ހޯއްދެވި ކަމަށާއި ގާނޫނީ ގޮތުން އެކަމަށް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް ގަނޫނީ ބަހުސެއް އުފެދުމުން އެކަމުގައި ދެމިހުންނަވަން ބޭނުންފުޅު ނުވީ ކަމަށެވެ.
ދެން އޮތް ސުވާލަކީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހިނގައި މިދިޔަ ކަންތައްތަކުގެ ސަބަބުން ގޮނޑީގެ ސައްހަކަމެވެ. އެ ސުވާލުގެ ޖަވާބެއް ދެވެން އޮތީ ސުޕްރީމް ކޯޓަށެވެ. މެންބަރެއްގެ ގޮނޑިއާ މެދު ޚިލާފެއް އުފެދިއްޖެ ނަމަ އެކަމަށް ގޮތެއް ކަނޑައެޅުމުގެ ހަމައެކަނި ބާރު އޮތީ ސުޕްރީމް ކޯޓަށެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ގާނޫނީ ވަކީލް މުހައްމަދު ހަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ޔައުގޫބުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ. ހަލީމް ވަނީ މީގެ ކުރިން ވެސް ދެ މެންބަރެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައި ކާމިޔާބު ހޯއްދަވާފައެވެ. އެ ގޮތުން ހަލީމް ހުށަހެޅުއްވީ ދެ މައްސަލައަކާ ގުޅިގެން 2013 ވަނަ އަަހރު ސުޕްރީމް ކޯޓުން ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އާޒިމް އާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. އެއީ އެ ބޭފުޅުން ގެރެންޓީ ދެއްވި ލޯނަކަށް ފައިސާ ނުދެއްކި މައްސަލައެއްގައެވެ.
ގާނޫނީ ގޮތުން މި ކަމުގައި ހިޔާލު ތަފާތުވެފައިވާ އިރު ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަންތައްތަކުގެ ތެރޭގައި އެ މާއްދާގެ (ރ)ގައި ބުނާ ދައުލަތުގެ ވަޒީފާ އަދާކުރުން ނުހިމެނޭ ކަމަށް އެއްބަޔަކު ފާހަގަކުރެއެވެ. އެ މާއްދާގެ (ނ) ގައި މެންބަރުކަމުން ވަކިވާނެ ހަތަރު ކަމެއް ފާހަގަކޮށްފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ އަދާ ކުރަންޖެހޭ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް އަދާނުކުރުމާއި، ޖިނާއީ ކުށެއްގައި 12 މަސް ދުވަހަށް ވުރެ އިތުރު ހުކުމެއް ތަންފީޒުކުރަންޖެހުމާއި، އެފަދަ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މައާފްކުރިތާ ތިން އަހަރު ވުމާއި ފަނޑިޔާރަކު ކަމުގައި ވުމެވެ. އެހެންކަމުން އެ މާއްދާގެ (ރ)ގައި ބުނާ ދެ ވަނަ ވަޒީފާއެއް އަދާނުކުރުން އެއީ މެންބަރުންނަށް ކުރުން މަނާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ގަބޫލުކެއެވެ.
ކޮންމެއަކަސް ޔައުގޫބުގެ ގޮނޑީގެ މައްސައަކީ ގާނޫނީ ބޭފުޅުންގެ މެދުގައި ވެސް ސުވާލު އުފެދިފައިވާ ކަމެކެވެ. އެެހެންކަމުން އެއަށް ހަގީގަތުގައި ވެސް ޖަވާބެއް ލިބެންޖެހެއެވެ. އެއީ ޔައުގޫބު ވެސް ބޭނުންފުޅުވާނެ ގޮތް ކަމަށް ގަބޫލުކުރެވެއެވެ. މެންބަރެއްގެ ގޮނޑިއާ މެދު ސުވާލެއް އުފެދި އެ ސުވާލު މަތީގައި ހުންނެވުމަށް އެ މެންބަރަކު ވެސް ބޭނުންފުޅުވާނެހެން ހިއެއް ނުވެއެވެ. މިއީ އެހެން މެންބަރުންނަށް ވެސް ލިބުނު ފިލާވަޅެކެވެ. ގާނޫނީ ޖަވާބެއް ބޭނުންވާ ސުވާލެކެވެ.