ފަސިންޖަރުންނާއި ސީމަނުންނަށް މި ނޫން ގޮތެއް ނެތީތަ؟
19 ސެޕްޓެމްބަރ 2020 - 14:04
ދުނިޔޭގެ މަޝްހޫރު ބިޔަ ކްރޫޒާތަކާއި ސުޕަ ޔޮޓް ފަހަރުގައި ދަތުރުކުރާ ފަތުރުވެރިންނާއި ފަޅުވެރިން ރާއްޖޭގެ ރަށްތަކުގެ ރީތިކަން ދެކިލުމަށާއި ދަތުރުގައި ތަފާތު ބޭނުންތަކުގައި މަޑުކޮށްލާ ބަނދަރެއްގެ ގޮތު ރާއްޖެ ބޭނުން ކުރެއެވެ. މިފަދަ ބިޔަ އުޅަނދުތަކާއި ސުޕަ ޔޮޓްތައް ދޭތެރެ ދޭތެރެއިން މާލެ ސަރަހައްދުގައި ބަންދަރު ކުރެއެވެ. އެ އުޅަނދުތަކުން އެތައް ހާއްސަ ބަޔަކު މާލެ ފައިބައެވެ. މީގެ އިތުރުން ސީމަނުންނާއި މި ނޫން ވެސް ފަރާތްތައް އުޅަނދުތަކަށް އަރާފައިބާ ހަދައެވެ. ނަމަވެސް އެ ފަރާތްތަކުން އަބަދު ވެސް ކުރާ ޝަކުވާއެއް އޮވެއެވެ. މާލެ އަށް ފޭބޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެހިފައި ނެތުމެވެ. ނުވަތަ އެ ފަރާތްތަކައް ހާއްސަ ސަރަހައްދެއް ނުވަތަ ޔޮޓް ބަނދަރެއް ނުވަތަ ޖެޓީއެއް ވިޔަސް ހަމަޖެހިފައި ނެތުމެވެ.
މިއީ އިއްޔެއަކު މިއަދަކު ދައްކާ ވާހަކައެއް ނޫނެވެ. ބޮޑެތި އުޅަނދުފަހަރު މާލެ ސަަރަހައްދުގައި ބަނދަރުކުރާތާ އެތައް ޒަމާނެއް ވެއްޖެއެވެ. މިއިން ކޮންމެ އުޅަނދަކުން ޓުއަރިސްޓުންނާއި ސީމަނުން މާލެ ފައިބާ އިރު މި ޝަކުވާ ފެންމަތިވެފައެވެ. އެ ފަރާތްތަކަށް ފަސޭހައިން މާލެ އަށް ފޭބޭނެ ގޮތެއް ނެތުމުގެ ޝަކުވާއެވެ. ފާހާނާކޮށްލުމާއި ހިޔަލުގައި މަޑުކޮށްލައިގެން ތިބެވޭނެ ގޮތެއް ނެތުމުގެ ޝަކުވާއެވެ. އެއް އުޅަނދު މަތިން އަނެއް އުޅަނދު މަތިން ފުންމަމުން ބޯޓު ފަހަރަށް އަރަންޖެހުމުގެ ޝަކުވާއެވެ. ބަންދަރުގެ ދަތިކަން ކުރިމަތިވެ ދަބަސްތަކާ އެއްޗެހި ހިފައިގެން ފައިބަންޖެހުމުގެ ދަތިތަކުގެ ވާހަކައެވެ.
މިކަމަށް އެދެވޭ ހައްލެއް އަދިވެސް ލިބިފައެއް ނުވެއެވެ. ފަސިންޖަރު ލައިނާތަކުން މާލެ އަންނަ ފަތުރުވެރިން އާންމުކޮށް ބޭނުންކުރަނީ ރަސްމީ ފާލަން ސަރަހައްދެވެ. އެފަދަ އުޅަނދެއް އަތުވެއްޖެ ނަމަ ވާދަމައިގެން މުޅި ސަރަހައްދު ބަންދުކޮށް ކަސްޓަމާއި ޕޯޓު ބަލަހައްޓާ ފަރާތްތަކުން މޭޒު އަޅައި ގިނަ ތަކުލީފުތަކެއް ކުރިމަތިވެއެވެ. މާލެ އަށް ފައިބާ މީހުން ބެލޭނެ ރަނގަޅު އިންތިޒާމެއް ނެތެވެ. ދާދި ފަހުން މަސްވެރިންގެ ޕާކްގައި އެ ފަރާތްތަކަށް ހާއްސަކޮށްގެން ވެއިޓިން އޭރިޔާ އަކާއި ފާނާ ބަރިތަކެއް ހެދި ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ އެކަމަށް އެކަށޭނަ ތަނެއް ނޫނެވެ. އަދި އެނަތާ މެދު ގިނަސ ޝަކުވާތަކެއް އެބަހުއްޓެވެ.
މުސްތަގުބަލަށް އަމާޒުކޮށްގެން މިކަމަށް ހައްލެއް ހޯދުމަށް ހުޅުމާލެ ޑިޒައިން ކުރެވުނު ނަމަވެސް އަދާހަމައަށް އެކަމުގެ އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ. ބޮޑެތި ބިޔަ ފަރިންޖަރ ލައިންތަކަށް މަގަތުކޮށްލެވޭ ގޮތަށް ހުޅުމާލޭގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ކުރަހާފައި އޮންނަތާ އަހަރުތަކެއް ވީއެވެ. ނަމަވެސް އަދި އަލިމަގެއް ނެތެވެ. އެއީ ކުރެހުން ރީތި އަދި އެފަދަ އުޅަނދަކަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް އެއްތާކުން ލިބޭނެ ގޮތަށް ކުރަހާފައި އޮތް ހަމައެކަނި ހިޔާލީ ކުރެހުމެކެވެ. އޭގައި ކުލަޖެހޭނެ ދުވަހެއް އަދި ފެންނާކަށް ނެތެވެ.
އެފަދަ ފަރާތްތަކަށް ހިދުމަތްދޭ ދިވެހި ކުންފުނިތަކުން ދެކޭ ގޮތުގައި އެކަމަށް އަމަލީ ސިފައެއް އަންނަންދެން ވެސް ވަގުތީ ހައްލެއް ހޯދައިދޭންޖެހެއެވެ. އެފަދަ އުޅަނދުތަކުން ފައިބާ ފަރާތްތަކަށް ރަނގަޅު ހިދުމަތެއް ދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދޭންޖެހެއެވެ. އެއީ މާލެއިން ވިޔަސް އަދި ޖާގަ އޮތް ހުޅުމާލެއިން ވިޔަސް މައްސަލައެއް ނެތެވެ. ތާއަބަދު އެއް އުޅަނދުން އަނެއް އުޅަނދު މަތިން ފުމެމުން ބޯޓަށް އަރަންޖެހުމަކީ ކުޑަ ކަމެއް ނޫނެވެ. އެ ފަރާތްތަކަށް މި ނޫން ގޮތެއް ހަމަ ނެތީތޯއެވެ.؟