ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާ ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު އިތުރުވާންފަށައިފި

19 ސެޕްޓެމްބަރ 2020 - 14:03

އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވި ފުރަތަމަ މަހާއި އަޅާބަލާއިރު ދެވަނަ މަހު ވީއައިއޭއަށް ޖެއްސި އަދި ފުރި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު ވަނީ %5.25 އިތުރުވެފައެވެ. 


ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯދަރު ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
ޖުލައިމަހުގެ 15 ވަނަ ދުވަހުން އޮގަސްޓްމަހުގެ 15 ވަނަ ދުވަހާ ހަމައަށް ވީއައިއޭގެ އިންޓަނޭޝަނަލް އެއަރ ޓްރެފިކް މޫވްމަންޓްގެ އަދަދު އުޅެނީ 419 ގައެވެ. ނަމަވެސް 16 އޮގަސްޓް އިން 15 ސެޕްޓެމްބަރުގެ ނިޔަލަށް މިއަދަދު ވަނީ 441 އަށް އިތުރުވެފައެވެ. 

advertisement

ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު އިތުރުވެފައިވާއިރު މި މުއްދަތުގައި ރާއްޖެ އައި މީހުންގެ އަދަދާއި ރާއްޖެއިން ފުރި މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. ބޯޑަރު ހުޅުވާލި ފުރަތަމަ މަހު ރާއްޖެ އައިސްފައިވަނީ 7607 މީހުންނެވެ. ނަމަވެސް 2 ވަނަ މަހު 12،883 މީހުން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ 69.36 އިންސައްތަ އިތުރު އަދަދެކެވެ. ބޯދަރު ހުޅުވާލި ފުރަތަމަ މަހު ރާއްޖެއިން 9241 މީހުން ވަނީ ފުރާފައެވެ. ނަމަވެސް 2 ވަނަ މަހު މި އަދަދު ވަނީ 14،984 އިތުރުވެފައެވެ. އިންސައްތައިން ބަލާނަމަ މިއީ 62.15 އިންސައްތައިގެ އިތުރުވުމެކެވެ.


ބައިނަލްއަޤްވާމީ ފްލައިޓްތައް އިތުރުވިނަމަވެސް މި މުއްދަތުގައި ޑޮމެސްޓިކް ފްލައިޓްތައް ވަނީ ދަށްވެފައެވެ. ބޯޑަރު ހުޅުވާލި ފުރަތަމަ މަހާއި އަޅާބަލާއިރު 2 ވަނަ މަހުގައި ވީއައިއޭއަށް ޖެއްސި އަދި ފުރި ޑޮމެސްޓިކް ފްލައިޓްތަކުގެ އަދަދު ވަނީ 14.36 އިންސައްތަ ދަށްވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލި މަހު ޑޮމެސްޓިކް ފްލައިޓްތައް މެދުވެރިކޮށް ވީއައިއޭއަށް އައި މީހުންގެ އަދަދު ވަނީ 2.99 އިންސައްތަ ދަށްވެފައެވެ. އަދި ފުރި މީހުންގެ އަދަދު ވަނީ 19.71 އިންސައްތަ ދަށްވެފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0