ރިޕޯޓް: ދައްކާ މަންޒަރާ ނަތީޖާ ހާސްބައި ތަފާތު

14 ސެޕްޓެމްބަރ 2023 - 15:27

ރިޔާސީ ކެމްޕެއިންގެ ތެރެއިން ފެނުނު މަންޒަރުތަކާއި ނަތީޖާ ދެއްކި ގޮތާ ގުޅިގެން ބައެއް ފަރާތްތަކުން ވަރަށް ހައިރާންވެގެން ވާހަކަ އެބަ ދައްކައެވެ. ކެމްޕެއިން ކުރެއްވި ބޭފުޅުން ރަށްރަރަށް ވަޑައިގަތުމުން ދަމާލި ކިޔުތަކާއި އެއްވަރަށް ކެންޑިޑޭޓުންނަށް ވޯޓު ނުލިބުނު ވާހަކައެކެވެ.

ހާއްސަކޮށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދަތުރުފުޅުތަކުން ބައެއް ރަށްރަށުން ފެނުނު މަންޒަރާއި ނަތީޖާއާ ދިމާނުވާ ވާހަކައެކެވެ. އެހެން ނަމަވެސް މިއީ ދިވެހިންނަށް އާ ކަމެއް ނޫނެވެ. ހައިރާންވާންޖެހޭ ފަދަ ކަމެއް ވެސް ނޫނެވެ.

advertisement

ހައިރާންވާންޖެހޭ ފަދަ ކަމެއް ނޫން

ރާއްޖޭގައި އަބަދުވެސް ނަތީޖާ ބިނާވަނީ ކެމްޕެއިންގެ ތެރޭގައި ފެންނަ ގޮތަކަށް ނޫނެވެ. މަލްޓި ޕާޓީ ޑިމޮކްރަސީގެ ދަށުން ބޭއްވި ފުރަތަމަ އިންތިހާބުގައި ވެސް ކަންވީ އެގޮތަށެވެ. ދިގު 30 އަހަރުގެ ވެރިކަމުގެ އަނިޔާވެރިކަމުގެ ވާހަކަތައް ދައްކައި އޭރު އޮތް ސަރުކާރާ މެދު އާންމުންގެ ހިތްތަކުގައި އެތައް ނަފުރަތެއް އުފައްދައި އަދި އޭރު ސަރުކާރު ކުރަމުން ދިޔަ ކަންކަމުގެ ސަބަބުން ރައްޔިތުން އައިސް ތިބި ރުޅިއަށް ބަލާއިރު އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ފެނުނީ އެހެން މަންޒަރަކެވެ. އޭރު އިދިކޮޅުން ވާދަކުރެއްވި މުހައްމަދު ނަޝީދުގެ މަގުބޫލުކަމުގެ ސަބަބުން ގިނަ އަދަދެއްގެ ވޯޓު އެމަނިކުފާނަށް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް އެ ފަހަރު ލިބުނީ ވޯޓު ލީ މީހުންގެ 25 ޕަސެންޓެވެ. ދެ ވަނަ ބުރަކަށް ދިޔައީ ހަމަ ކިރިޔާއެވެ.

ރައީސް ނަޝީދުގެ ވެރިކަން ތިން އަހަރުގެ ތެރޭގައި ބަދަލުވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެމަނިކުފާނުގެ ނައިބު ޑރ. މުހައްމަދު ވަހީދަށް ވެސް ދިމާވީ އެފަދަ ގޮތެކެވެ. ޖެހިގެން އައި ދައުރަށް ކުރިމަތިލައްވައި ކުރެއްވި ކެމްޕެއިންގެ ތެރޭގައި ރަށްރަށަށް ވަޑައިގަތުމުން ދަމާލާ ކިޔުތަކުން އެ މަނިކުފާނަށް އިތުރު ފުރުސަތެއް ލިބިދާނެއޭ ހީވި ފަހަރު ވެސް ދިޔައެވެ. އަދި އެވަރު ނުވާ ނަމަ ޔަގީނުން ވެސް ދެ ވަނަ ބުރެއްގައި ވާދަކުރެއްވޭ ވަރުވާނެ ކަމަށް ބެލެވުނެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާ އައި އިރު އެ މަނިކުފާނަށް ތާއިދުކުރެއްވީ ފަސް ޕަސެންޓް މީހުންނެވެ.

އޭގެ ފަހުން 2018 ވަނަ އަހަރުގެ އިންތިހާބުގައި ވެސް ނަތީޖާ ނުކުތީ ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކާ ހިލާފަށެވެ. ތަރައްގީގެ ބިޔަ ބޮޑެތި އެތައް މަޝްރޫއުތައް ލޯކުރިމަތީގައި ފެންނަން ހުއްޓާ ވެސް ދިވެހިން ވޯޓު ދިނީ އެ ސަރުކާރު ބަދަލުކުރުމަށެވެ. ހުޅުމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއިން ދުވަހަކު ނުދެކޭ ފަދަ ކުލަގަދަ ހަފުލާއަކާ އެކު ބަޑިބޭހުގެ ކުޅިވަރުތައް ބެލުމަށް މުޅި މާލެ ތޮއްޖެހުނު ނަމަވެސް އެ ތަނަށް އެއްވި ގިނަ ބަޔަކު ވެސް ވޯޓު ދިނީ ސަރުކާރު ބަދަލުކުރުމަށެވެ. 

ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގި ނަމަވެސް އެ ސަރުކާރުން ދިވެހިންނާ މެދު އަމަލުކުރި ގޮތް ގިނަ ބަޔަކަށް ކަމަކު ނުދިޔައެވެ. އެ ފަހަރު ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ވޯޓު ދިނީ އެ ފަސް އަހަރު ގައުމުގައި އޮތް ހަމަނުޖެހުން ނިމުމަކަށް ގެނައުމަށެވެ. ދެ ފަހަރެއްގެ މަތިން ކުއްލި ހާލަތުގެ ނުރައްކާ އިއުލާންކުރުމާއި ސިޔާސީ މީހުން ހައްޔަރުކުރުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމާއި ކޮރަޕްޝަންގެ އަމަލުތަކާއި މިފަދަ އެތައް ކަމަކަށް ނިމުން ގެނައުމަށް ބޭނުންވީ އެވެ. ޖަލްސާތަކަށް ކިތަންމެ ގިނަ ބަޔަކު އެއްވި ނަމަވެސް ސިއްރުން ވޯޓުލުމަށް ލިބުނު ފުރުސަތުގައި ދިވެހިން ނަތީޖާ ދެއްކީ އެހެން ގޮތަކަށެވެ.

ގިނަ ބަޔަކު ޖެހި ހިސާބު ދިމާނުވޭ

މިފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ވެސް ކުރިއަށް ދަނީ ވަރަށް ފޯރިގަދަކޮށެވެ. އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ދެން ތިއްބެވި ކެންޑިޑޭޓުން ވެސް ވަރަށް ފޯރިއާ އެކު ކެމްޕެއިން ކުރެއްވިއެވެ. އެހެން ނަމަވެސް ފުރަތަމަ ބުރު ނިމިގެންދިޔައީ ގިނަ ބަޔަކު ޖެހި ހިސާބު ދިމާނުވެއެވެ. 

ރަށްރަށުގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މި ސަރުކާރުން ހިންގާ އެތައް މަޝްރޫއެއް ކެމްޕެއިންގެ މައިގަނޑު ތީމެއްގެ ގޮތުގައި ބޭނުންކުރި އިރު އިދިކޮޅު ބޭނުންކުރީ ރާއްޖޭގައި ތިބި ކަމަށް ތުހުމަތުކުރާ އިންޑިއާ ސިފައިންގެ ސަބަބުން ގައުމުގެ ސިޔާދަތުގެ މިނިވަންކަމަށް އޮތް ހުރަހާއި ދީނީ ކާޑެވެ. ކެމްޕެއިންގެ މަންޒަރުތަކަށް ބަލާ ނަމަ ރައީސް ސޯލިހް އެއްބުރުން އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ހީވެފައި އޮތް ނަމަވެސް އެ މަނިކުފާނު ދެ ވަނަ ބުރަށް ދިޔައީ ދެ ވަނަ ކެންޑިޑޭޓްގެ ގޮތުގައެވެ. ގިނަ ބަޔަކު ގަބޫލުކުރީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުއިއްޒުގެ ޓީމުން ދެއްކި ވާހަކަތަކެވެ.

މި ދެ ކެންޑިޑޭޓުންގެ އިތުރުން ދެން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުންނަށް ވެސް ލިބުނު ވޯޓާއި ފެނުނު މަންޒަރާއި ހާސްބައި ތަފާތެވެ. އެމްޑީޕީ އާއި ޕީޕީއެމް ނަގާފައި ރާއްޖޭގައި ދެން އޮތް އެންމެ ވަރުގަދަ ޕާޓީއަކީ ޖޭޕީއެވެ. އެހެން ނަމަވެސް ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ޕާޓީގެ މެންބަރުންގެ ވޯޓު ވެސް ލިބިފައެއް ނުވެއެވެ. 

ޕާޓީގައި ދިހަ ހާހަށް ވުރެ ގިނަ މެންބަރު ތިބި އިރު ލިބުނީ އޭގެ ދެ ބައިކުޅަ އެއްބައެވެ. އެހެން ނަމަވެސް ކުރެއްވި ކެމްޕެއިނުން ތިން ވަނައިގައި ގާސިމް އޮންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. ނަމަވެސް އެންމެން ހައިރާންކޮށްލާފައި ގާސިމަށް ވުރެ ވެސް ކުރި ހޯއްދެވީ އެއްވެސް ސިޔާސީ ޕާޓީއެއް ނެތް އަދި މާބޮޑު މެނިފެސްޓޯއެއް ވެސް ނެތް އުމަރު ނަސީރެވެ. ކުރު މުއްދަތެއްގައި 10،000 މެންބަރުން ހަމަކުރި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް އަދި ދިމާވީ މާ ދެރަ ގޮތެވެ. އެ ބޭފުޅާ އަށް 2،000 ވޯޓު ވެސް ހަމަނުކުރެއްވުނެވެ.

އެމްޑީޕީގެ އެތެރެއިން ވަކިވެގަނެގެން އާ ޕާޓީއެއް އުފައްދައި އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބް ތިން ވަނަ ހޯއްދެވި އިރު އެ ނަތީޖާ ވެފައި ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެސް ސިޔާސީ ބަރުދަން މިނެކިރިގެން ދިޔަ ނަތީޖާއަކަށެވެ. އެމަނިކުފާނުގެ ތާއީދާ އެކު އެ މަނިކުފާނުގެ ޕާޓީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އިލިޔާސަށް ވެސް ހޯއްދެވުނީ އެމްޑީޕީގެ ޕްރައިމަރީގައި ޕާޓީ ތެރެއިން ވެސް ހޯއްދެވުނު އަދަދަށެވެ. އެއީ 15،000 ވޯޓެވެ. އެހެން ނަމަވެސް އިންތިހާބު ދެ ވަނަ ބުރަކަށް ދިއުމާއި ރައީސް ސޯލިހާއި ޑރ. މުއިއްޒުގެ ވޯޓުގެ ފަރަގުގެ ސަބަބުން މިއަދު އެންމެ މުހިންމު ބޭފުޅަކަށް ވެފައި ވަނީ ރައީސް ނަޝީދާއި އެ މަނިކުފާނުގެ ބައިވެރިންނެވެ.

އިންތިހާބުގެ ދެވަނަ ބުރަކަށް ކެމްޕެއިން ފަށާފައިވާ އިރު ފުރަތަމަ ބުރުގައި ފެނުނު މަންޒަރާއި ނަތީޖާއާ ދިމާނުވާކަން ޕާޓީތަކުން ވެސް ގަބޫލުކުރެއެވެ. އަދި ނަތީޖާ ބަދަލުކުރުމަށް ކުރެވެން ހުރި ކަންކަން ބަލައި އެކަންކަން އިސްލާހުކޮށް ކެމްޕެއިންގެ ގިޔަރު އިތުރަށް މައްޗަށް ޖައްސާލަންޖެހޭކަން އެ ފަރާތްތަކަށް އެނގެއެވެ. ލައްކައަކަށް ވުރެ ގިނަ ވޯޓު ލިބުނު ނަމަވެސް ޕީއެންސީ އަށް ވެސް ޔަގީން ކަމެއް ނެތެވެ. އަދި ފަނަރަވަރަކަށް ހާސް ވޯޓުގެ ތަފާތުން ދެ ވަނާގައި އޮތް އެމްޑީޕީ އާއި އެ ޕާޓީގެ ބައިވެރިންނަށް ވެސް އުންމީދު ކުޑައެއް ނޫނެވެ. 

މީގެ ކުރިން ދެ ވަނަ ބުރަކަށް ދިޔަ ދެ އިންތިހާބު ވެސް ކާމިޔާބުކުރީ ބޮޑު ތަފާތަކުން ދެ ވަނައިގައި އޮތް ބޭފުޅުންނެވެ. އެ ގޮތުން 2008 ވަނަ އަހަރު ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 24 ޕަސެންޓެވެ. އެހެން ނަމަވެސް ދެ ވަނަ ބުރުގައި ކާމިޔާބު ހޯއްދަވައި ވެރިކަމަށް ވަޑައިގަތެވެ. 

އޭގެ ފަހުން 2013 ވަނަ އަހަރު އޮތް އިންތިހާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 29 ޕަސެންޓެވެ. އެހެން ނަމަވެސް އެ ފަހަރު ވެސް އިންތިހާބު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 46 ޕަސެންޓް ހޯއްދެވި ނަޝީދު ބަލިކުރައްވައި 51 ޕަސެންޓް ހޯއްދަވައިގެންނެވެ. 

އެހެން ކަމުން މި ނަތީޖާތަކަށް ބުރަވާ ނަމަ ދެ ވަނަ ބުރާ ހަމައަށް ދާ އިރު ކަން ވާނެ ގޮތް އަންދާޒާކުރަން ދައްޗެވެ. އެންމެ ބޮޑު އެއް ސަބަބަކީ ފެންނަ މަންޒަރާއި ނަތިޖާއާ މާ ބޮޑު ގުޅުމެއް ނެތުމެވެ.

ރިއެކްޝަންސް
1
1
1
0
0
1
0