ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާ އޮވޭ: ރައީސް ސޯލިހް

21 ސެޕްޓެމްބަރ 2020 - 9:40

ރަހުމަތްތެރިކަމަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އެކުގައި އިންޑިއާ އޮންނަ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީ މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރާއްޖެ އަށް އެހީވުމުގެ ގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުކޮށް އިންޑިއާ ސަރުކާރުން 250 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމާ ގުޅިގެން ޝުކުރު އަދާކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ. އެ މަނިކުފާނު ވަނީ ރާއްޖޭގެ އެކުވެރިއެއްގެ ގޮތުގައި ދެމި އޮންނާތީ އާއި މި އެހީއާ ގުޅިގެން އިންޑިއާ ސަރުކާރާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

advertisement

އިންޑިއާ އިން ދިން 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ)ގެ މި ލޯނު އެހީއަކީ ބޮންޑް އުސޫލުން 10 އަހަރުގެ ތެރޭގައި ދައްކާ ގޮތަށް ދީފައިވާ ލޯނެވެ. އިންޑިއާގެ ހައި ކޮމިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ ދެއްކުން ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާ އަދި އިންޓަރެސްޓް ވެސް ކުޑަ ލޯނެކެވެ.

ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ އަޑިގަނޑު އަރައިގަތުމުގައި އިންޑިއާ އިން އަންނަނީ ރާއްޖެ އަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަކަށް ވެސް އިންޑިއާ އިން ވަނީ ފަންޑްކޮށްދީފައެވެ. އޭގެ ތެރޭގައި ގުޅިފަޅާއި ވިލިމާލެ އަދި މާލެ ގުޅައިލުމަށް ހިންގާ މަޝްރޫ އާއި ރަށްރަށުގެ ތަރައްގީ އަށް ހިންގާ ގިނަ މަޝްރޫއުތަކެއް ހިމެނެއެވެ.

މީގެ އިތުރުން އިންޑިއާއަކީ ފަހަކަށް އައިސް ރާއްޖެ އަށް އެންމެ ގިނައިން ޓުއަރިސްޓުން ފޮނުވާ ގައުމުތަކުގެ ތެރޭގައި ވެސް ހިމެނޭ ގައުމެކެވެ. އެގޮތުން ކޮވިޑް-19ގެ ކުރިން އެންމެ ކުރިއަރަކުން އައި އެއް މާކެޓަކީ ވެސް އިންޑިއާއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0