ރިޕޯޓް: އެންޓި ކެމްޕެއިން އާއި ދޮގު ހަބަރުން އިންތިހާބު ހަރާބުވެފައި

20 ސެޕްޓެމްބަރ 2023 - 16:15

އެހެން ފަހަރުތަކުގެ ރިޔާސީ އިންތިހާބުތަކާއި މި އަހަރުގެ ރިޔާސީ އިންތިހާބު ވަރަށް ބޮޑަށް ތަފާތެވެ. ކެމްޕެއިން ކުރުމުގެ ވައްޓަފާޅި އަށް ވެސް ވަނީ ބަދަލުތައް އައިސްފައެވެ. ޓެކްނޮލޮޖީ އާއި އިންޓަނެޓަށް ދިވެހިން އަހުލުވެރިވެފައިވާ މިންވަރު މަތިވުމުން ކެމްޕެއިންގެ ބޮޑު ބައެއް، ޚަބަރު ފަތުރާ ވަސީލަތްތަކާއި ސޯޝަލް މީޑިއާގެ ޕްލެތްފޯމްތަކުގައި ވެސް ކުރިއަށް ދެއެވެ. އެހެން ނަމަވެސް މި ފަހަރުގެ އިންތިހާބަށް ހިޔަންޏެއް ފަދައިން ވެރިވެފައި ވަނީ އެންޓި-ކެމްޕެއިއިނާއި “ފޭކް ނިއުސް” ނުވަތަ ދޮގު ޚަބަރުތަކެވެ. 

ހަގީގަތް ނެތް ވާހަކަތަތެއް

އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ބޮޑަށް އާންމުންގެ ތެރޭގައި ހަރު އަޑުކޮށް ދެކެވިގެން ދިޔަ ގިނަ ވާހަކަތަކަކީ އޭގެ ޒާތުގައި މާ ބޮޑު ހަގީގަތްތަކެއް ހިމެނޭ ވާހަކަތެއް ނޫނެވެ. ދޮގު އެތައް ހަބަރެއް ފެތުރިގެން ދިޔައެވެ.

advertisement

މި ކަމުގައި ކަމާ ބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް ވެސް ވަކި އިސްތިސްނާއެއް ނުވެއެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އެތައް ދޮގު ޚަބަރުތަކެއް ފެތުރިގެން ދިޔައެވެ. ދެ ވަނަ ބުރުގެ ކެމްޕެއިން ފެށިގެން ކުރިއަށްދާ އިރު ވެސް ކަން އޮތީ އެހެންނެވެ. 

ރަސްމީ މީޑިއާތަކުން ވެސް އެއް ބަޔަކު އަނެއް ބަޔަކަށް ވުރެ މޮޅެތި ހަބަރުތަކާއި ރިޕޯޓްތައް ދަނީ ތައްޔާރުކުރަމުންނެވެ. އޭގެ ތެރޭގައި އެންޓި-ކެމްޕެއިންގެ ގޮތުގައި ބެލޭނެ ކިތަންމެ ލިޔުންތަކެއް ފެނިގެން ގޮސްފައި ވެއެވެ. އަދި އެތައް ދޮގު ޚަބަރުތަކެއް ވެސް ފަތުރަމުން އެބަ ގެންދެއެވެ. ދޫދޫ މަތިން ދެކެވޭ ވާހަކަތައް ވެސް ޚަބަރުގެ ގޮތުގައި ގެނެސްދެމުން އެބަ ގެންދެއެވެ. އެކަން ބަލައި އޭގެ ހަގީގަތް ހޯދުމަށް ސަމާލުކަމެއް ދިނުމެއް ނެތިއެވެ.

ފޭކް ނިއުސް ނުވަތަ ނުބައި މައުލޫމާތު ހިމެނޭ ލިޔުންތަކާއި ޕޯސްޓްތައް ބައެއް ފަހަރު ފަތުރަމުން ގެންދަނީ އެ ފަތުރާ މީހާ އަށް އެނގުމަކާ ވެސް ނުލައެވެ. މީހަކު ހަދާފައި ދޫކޮށްލާ ޕޯސްޓް ޝެއާކޮށްލަނީ ހަމައެކަނި ތިމާގެ ފިކުރާ ދިމާވާ ކަހަލަ ޕޯސްޓަކަށް ވާތީއެވެ. އެކި އެކި މީޑިއާތަކުގެ ލޯގޯ އާއި ނަންތައް ބޭނުންކޮށްގެން ހަދާފައިވާ ފޭކް ޕޯސްޓްތައް ޝެއާކުރަނީ އެއީ ހަގީގަތެއްތޯ ވެސް ބެލުމެއް ނެތިއެވެ. 

އަދި އެފަދަ ޕޯސްޓްތައް އެއީ ތެދު ކަމަށް ގަބޫލުކުރާ މީހުން ގިނަކަން ވެސް ފާހަގަކުރެވެއެވެ. ސޯޝަލް މީޑިއާ އަށް ބަލައިލުމުން އެފަދަ އެތައް ޕޯސްޓެއް ފެންނާނެއެވެ. އަދި އެ ޕޯސްޓްތަކަށް ކޮށްފައިވާ ކޮމެންޓްތަކަށް ބަލައިލުމުން އެކަން ވަރަށް ބޮޑަށް ފާހަގަކުރެވޭނެއެވެ. ދޮގު ބުހުތާނު ޚަބަރުތައް ފަތުރަނީ ހަމައެކަނި ތިމާ ގަބޫލުކުރާ ފިކުރާ ގުޅޭ އަދި އެކަމުން ތިމާ ތާއީދުކުރާ ޕާޓީ އަށް ނުވަތަ ކެންޑިޑޭޓަށް ފައިދާ ވާނެ ކަމަށް ބަލައިގެންނެވެ.

މުޖުތަމައު ފަސާދަވެގެން ގޮސްފައިވާ މިންވަރު

ސޯޝަލް މީޑިއާ އަށް ބަލައިލުމުން އެނގިގެންދަނީ މި މުޖުތަމައު ފަސާދަވެގެން ގޮސްފައިވާ މިންވަރެވެ. ތިމާ ގަބޫލުކުރާ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަން ސާބިތުކުރުމަށް ކޮންމެ ފަދަ ވާހަކައެއް ވެސް ފަތުރަމުން ގެންދާ ތަނެވެ. އެހެން މީހުންގެ އަބުރު ކަތިލުމަކީ މާބޮޑު ކަމެއްގެ ގޮތުގައި ނުދެކެއެވެ.

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދޮގު ޚަބަރުތައް ނުވަތަ ސައްހަ މައުލޫމާތު ނުހިމެނޭ ވާހަކަތައް ދެއްކުމަށް މަގުފަހިވެފައިވާ މިންވަރު ކުޑަކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވެއެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ސަރުކާރާ ބެހޭ ގޮތުން ފެތުރުނުކަމަށް ސަރުކާރުން ޤަބޫލްކުރާ އެތައް ދޮގު ވާހަކަތަކެއް ދެކެވި އެންޓި-ކެމްޕެއިން ކުރަމުން ގެންދިޔަ ނަމަވެސް އެވާހަކަތަކުގެ ތެދު ދޮގު އޮޅުންފިލުވައިދިނުމަށް ސަރުކާރުން ވެސް މާ ބޮޑު މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. 

އެކަމުގައި ސަރުކާރުގެ މޫނުމަތި ރީތިކުރުމުގެ މަސައްކަތްކުރަން ހަވާލުވެ އޮތް ޑިޕާޓްމެންޓް ފެނުނީ ފެއިލްވެފައިވާތަނެވެ. ބައެއް ކަންކަން ގޯހުން ގޮސްފައިވާ ކަމާއި ސަރުކާރާ ބެހޭ ގޮތުން ދެއްކި ވާހަކަތައް އެކަށީގެންވާ ގޮތެއްގައި އޮޅުން ފިލުވައިދެވިފައި ނުވާ ކަމަށް ފުރަތަމަ ބުރަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފައެވެ.

ދެ ވަނަ ބުރަށް ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ފޯރިގަދަވެފައިވާ އިރު ދޮގު ޚަބަރުތަކާއި އެންޓި-ކެމްޕެއިން ހަރަކާތްތައް އިހުނަށް ވުރެ ވެސް ވަނީ އިތުރުވެގެން ގޮސްފައެވެ. ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި ހޫނު ބަހުސްތައް ކުރެވެމުންދާ އިރު ތެދު ނޫން އެތައް މައުލޫމާތެއް ދަނީ ފަތުރަމުންނެވެ. އެތައް ޕޯސްޓްތަކެއް ދަނީ ހަދަމުންނެވެ.

އެހެން ނަމަވެސް މިފަދަ ވާހަކަތައް ފެތުރުމުގެ ކުރިން އޭގެ ތެދު ދޮގު ބެލުން މުހިންމެވެ. މިއީ ނުރައްކާތެރި ކަމެކެވެ. މުޖުތަމައު ފަސާދަވުމުގެ ގެއްލުން ހިތިވާނެއެވެ. ތިމާ އަށް އިވޭ ކޮންމެ އަޑެއް ފެންނަ ކޮންމެ ވާހަކައެއް ފެތުރުމުގެ ކުރިން އެ ކަމެއްގެ ތެދު ދޮގު ބެލުމަކީ ދީނުގައި ވެސް ބާރު އަޅާފައިވާ ކަމެކެވެ. 

އެހެން ނަމަވެސް މިކަންކަން ހުއްޓުވުމުގައި ކަމާ ބެހޭ އިދާރާތައް ވެސް ފެންނަނީ ނުކުޅެދިފައިވާ ތަނެވެ. ތެދެއް ދޮގެއް ނޭގޭވަރަށް އިންތިހާބު މިއޮތީ ހަރާބުވެފައެވެ.

ރިއެކްޝަންސް
0
0
0
7
2
0
1