ގޯބިގް ޑެކަރޭޝަނުން މާ ވިއްކުމުގެ ވިޔަފާރިއަށް

21 ސެޕްޓެމްބަރ 2020 - 15:29

ރާއްޖޭގައި ފުޅާދާއިރާއެއްގައި ވެޑިން ޑެކަރޭޝަންގައި ހަރަކާތްތެރިވާ ގޯބިގް މޯލްޑިވްސްއިން މާލޭގައި ފިހާރައެއް ހުޅުވައިފިއެވެ. މިއީ މާމެލާމެއްޔާއި އެކި ބާވަތުގެ ގަސްގަހާއިގެހި ވިއްކާ ފިހާރައެވެ.

“ގޯބިގް ފްލާވަރ ލެބް” ގެ ނަމުގައި މި ފިހާރަ ހުޅުވާފައިވަނީ އިއްޔެއެވެ. މި ފިހާރަ ހުންނާނީ ބުރުޒުމަގުގައެވެ.

advertisement

ގޯބިގް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝައްފާން ވިދާޅުވީ، ގޯބިގް ގެ ފިހާރައެއް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ގޯބިގްއިން ޑެކަރޭޓްކުރާ ގިނަ އަދަދެއްގެ އިވެންޓްތަކަށް މާ ބޭނުންވުމާއި، އިވެންޓްތަކުގައި ތާޒާމާ ބޭނުންކުރާ މިންވަރު އިތުރުކުރުމަށްކަމަށެވެ.

ޝައްފާން ވިދާޅުވީ، ގޯބިގްގެ އިވެންޓްތަކަށް ކޮންމެ ފަހަރަކު މާގަންނަން ޖެހުމުގެ ސަބަބުން ބައެއްފަހަރު އަގުބޮޑުވެ ތާޒާމާ ހޯދުމަށް ދަތިތަކެއް ކުރިމަތިވާކަމަށެވެ. ޝައްފާން ވިދާޅުވީ، ވެޑިންތަކުގައި ތާޒާ މާ ހިމަނާ މިންވަރު މިހާރު ވަރަށް މަދުކަމަށާއި، ބޭނުމަކީ ވެޑިންތަކުގައި ބޭނުންކުރާ މަލަކީ ތާޒާ މަލަށްވެފައި ފްލާސްޓިކް މާތައް ދޫކޮށް ވީހާވެސް ބޮޑަށް އިކޯފްރެންޑްލީވުންކަމަށެވެ.

“ބޭނުމަކީ އަގުހެޔޮކޮށް ރާއްޖެއަށް މާ އެތެރެކުރެވޭނެ ގޮތްތަކެއް ހެދުން. ދެން ގޯބިގްގެ ވެޑިންތަކަށާއި، ރާއްޖޭގެ ވެޑިން ޑެކަރޭޓްކުރާ މީހުންނަށާއި ރިސޯޓްތަކަށް ތަންކޮޅެއް ފަސޭހަކަމާއިއެކު އަގުހެޔޮކޮށް މާ ސަޕްލައިކުރެވޭނެގޮތެއް ހެދުން” ޝައްފާން ވިދާޅުވިއެވެ.

ގޯބިގް ފްލާވަރ ލެބުން މިވަގުތު ހުރިހައި ބާވަތެއްގެ މަލާއި ގަސްވެސް ލިބެންހުންނާނެއެވެ. ޝައްފާން ވިދާޅުވީ، ފިހާރަ ހުޅުވުމާއިދިމާކޮށް އަގުހެޔޮކޮށް ކަސްޓަމަރުންނަށް މަލާއި ގަސް ގަނެވޭނެ ސޭލްއެއްވެސް އަޅުވާފައިވާކަމަށެވެ.

“އަގު އުޅޭނީ މާލޭގައި ހަމަ އެންމެ އަގުހެޔޮކޮށްނޭ ބުނެވޭނީ. މާވެސް މުސްތަޤްބަލުގައި ވަރަށް އަގުހެޔޮކޮށް ހަމަ ލިބޭނެ.” ޝައްފާން ވިދާޅުވިއެވެ.

ރާއްޖެއަށް މާގެންނަ ހުރިހައި ޤައުމަކުންވެސް މި ފިހާރައަށް މާ ގެންނާނެކަމަށް އެ ފިހާރައިން ބުނެއެވެ. ވަކިން ޙާއްސަކޮށް ޔޫރަޕްގެ އެކި ޤައުމުތައް ހިމެނެއެވެ.

ގޯބިގް މޯލްޑިވްސްއަކީ ރާއްޖޭގެ އެކި ސަރަހައްދުގައި ވެޑިން ޑެކަރޭޓްކޮށްދޭ ބައެކެވެ. މި މަސައްކަތުގައި ގޯބިގް މޯލްޑިވްސްއިން ވަނީ 10 އަހަރަށްވުރެ ގިނަދުވަސް ހޭދަކޮށްފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0