އިންޑިއާ ސަރުކާރުގެ އެހީގައި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ސާވޭ ފަށައިފި
24 ސެޕްޓެމްބަރ 2020 - 10:16
އިންޑިއާ ސަރުކާރުގެ އެހީގައި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ސާވޭ ފަށައިފިއެވެ.
މި ސާވޭ ކުރިއަށް ގެންދިއުމަށް އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި)ގެ ޓީމެއް މި ހަފްތާގައި ވަނީ ރާއްޖެ އައިސްފައެވެ. މި ޓީމުން ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލުންނަށް ވެސް ބައްދަލުކޮށްފައެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ރާއްޖެ އަށް އިންޑިއާ އިން ކަނޑައަޅާފައިވާ 800 މިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ފަންޑް ހަމަޖައްސައިގެންނެވެ. މި މަޝްރޫއުގެ ތަފްސީލީ ރިޕޯޓް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖައްސާފައިވާ އިރު އެގްޒިމް ބޭންކާއި އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން މަޝްރޫއުގެ އިންޖިނިއަަރިން، ޕްރޮކިއުމެންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) ކޮންޓްރެކްޓަ ހޮވުމަށް ބީލަމަށް ހުޅުވައިލުމަށް ޑޮކިއުމެންޓްތައް ތައްޔާރުކުރުމަށް ވަނީ ހަމަޖައްސާފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ.
މި މަޝްރޫއު ނިމޭ އިރު 220 މީޓަރުގެ ރަންވޭއެއް ގާއިމުކުރެވިގެންދާނެއެވެ. އެއީ އޭ320 އާއި ބޮއިން 737 މަރުކާގެ މަތިންދާބޯޓުފަހަރަށް ޖެއްސޭ ވަރުގެ ރަންވޭއެކެވެ. އަދި ރަންވޭ ބޮޑުކުރުމުގެ އިތުރުން ފަސިންޖަރު ޓާމިނަލްތަކާއި ކާގޯ ޓާމިނަލްގެ އިތުރުން ފިއުލް ފާމް އަދި ފަޔާ ސްޓޭޝަން ތަރައްގީކުރުން ހިމެނެއެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ މި މަޝްރޫއު ނިމުމުން ހަނިމާދޫ އެއާޕޯޓް ވެގެންދާނީ ރާއްޖޭގެ އުތުރުގައި ޓުއަރިޒަމް ކުރިއެރުވަން ކުރާ މަސައްކަތުގެ އިންޖީނަށް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން އިންޑިއާ އާއި ރާއްޖެއާ ދެމެދު މިހާރު ފަށާފައިވާ ކާގޯ ފެރީގެ ސަބަބުން އުތުރުގެ ރަށްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އިންޑިއާ ހައި ކޮމިޝަންގެ ބަޔާނުގައި ވެއެވެ. މި ފެރީގެ ދަތުރުތައް ކުރުމަށް ހަމަޖައްސާފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދުއެވެ. އަދި މާލެ އަށް މި ފެރީ އަންނާނެވެ.
އިންޑިއާ އިން އަންނަނީ ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކަކަށް ފަންޑްކުރަމުންނެވެ. އެގޮތުން ގުޅިފަޅާއި ވިލިމާލެ އަދި މާލެ ގުޅުވައިލުމުގެ ބިޔަ މަޝްރޫއު އާއި ރަށްރަށުގައި ހިންގާ މަޝްރޫއުތައް ހިމެނެއެވެ. އަދި ދާދި ފަހުން އިންޑިއާ އިން ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް 250 މިލިއަން ޑޮލަރުގެ ބޮންޑް ރާއްޖެ އިން ގަނެފައެވެ.