އެމްޓީސީސީގެ ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފި

28 ސެޕްޓެމްބަރ 2020 - 14:40

އެމްޓީސީސީގެ ހިއްސާއަކަށް 2 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. މިގޮތައް ފާސްކޮށްފައިވަނީ އިއްޔެ ބޭއްވި އެ ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. މި ޖަލްސާ ބާއްވާފައިވަނީ “ފަހިވޯޓް” މެދުވެރިކޮށެވެ.


މި ޖަލްސާގައި އެމްޓީސީސީގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާއަށް، މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާއަކަށް ދެ ރުފިޔާ ބަހަން ވަނީ ފާސްކޮށްފަ އެވެ. މިދިޔަ އަހަރު އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 53.3 މިލިއަން ރުފިޔާއެވެ.

advertisement


އަހަރީ އާންމު ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުން އައްޔަންކޮށްފައެވެ. ސަރުކާރުގެ ފަރާތުން އައްޔަންކޮށްފައިވަނީ ޗެއަރމަން މުހައްމަދު ފަހީމް، ސީއީއޯ އާދަމް އާޒިމް، އެގްޒެކްޓިވް ޑިރެކްޓަރ ޝާހިދު ހުސައިން މޫސާ، ނޮން އެގްޒެކްޓިވް ޑިރެކްޓަރ މުޙައްމަދު ފަރީދު އަދި ނޮން އެގްޒެކްޓިވް ޑިރެކްޓަރ ސިނާން އަލީއެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ މަޤާމަށް އައްޔަންކޮށްފައިވަނީ ނޮން އެގްޒެކްޓިވް ޑިރެކްޓަރަކަށް ނަޝްރަތު މުޙައްމަދެވެ.

އެމްޓީސީސީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި މުޅިއެކު ތަމްސީލްކޮށްފައިވަނީ 47 ހިއްސާދާރުންނެވެ. އެއީ ޖަލްސާގައި ބައިވެރިވި 25 ހިއްސާދާރުންނާއި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވި 42 ހިއްސާދާރުންނެވެ.

މި ޖަލްސާގައި 2020 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި މި ޖަލްސާގައި ހޮވާފައިވަނީ ޕްރައިސް ވޯޓަރހައުސް ކޫޕާރސްއެވެ. އަދި 2019 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ބެލެންސް ޝީޓްއާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުންގެ ރިޕޯޓް އަދި 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0