ކޮޗިން ކާގޯ ފެރީގެ މައުލޫމާތު ވިޔަފާރިވެރިންނަށް ދިނުމަށް ޙާއްސަ ސެޝަންއެއް ބާއްވަނީ

28 ސެޕްޓެމްބަރ 2020 - 16:28

ރާއްޖެއާއި ކޮޗިންއާއި ދެމެދު ފަށާފައިވާ ކާގޯ ފެރީގެ މަޢުލޫމާތު ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމަށް އޮންލައިން ސެޝަންއެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި ރަޖިސްޓްރީ ކޮށްގެން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މިފެރީން މުދާ ގެނައުމުގެ ޝައުޤުވެރިކަން ހުރިފަރާތްތަކަށް މި އޮންލައިން ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ނަން ނޯޓު ކުރުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ 10:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

advertisement

ނަންނޯޓުކުރާ ފަރާތްތަކުން ވިޔަފާރީގެ ނަމާއި، ވެރިފަރާތުގެ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ފޯނު ނަންބަރުގެ އިތުރުން މެއިލް އެޑްރެސް ހިމަނަން ޖެހެއެވެ.

މިއީ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާއި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން ބާއްވާ ސެޝަންއެކެވެ.

އިންޑިއާގެ ކޮޗިންއިން މުދާ ހިފައިގެން ހދ.ކުޅުދުއްފުއްޓަށް އައި ފުރަތަމަ ކާގޯ ފެރީ އެރަށަށް ބަނދަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނުއެވެ. ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ގެނެސްފައިވެއެވެ.

ކޮޗިންއިން ރާއްޖެއަށް ފަށާފައިވާ ފެރީއަކީ ރާއްޖެ އާއި އެހެން ގައުމަކާ ދެމެދު ކަނޑު ހުރަސްކޮށް ޝެޑިއުލް ފެރީގެ ހިދުމަތް ފަށާ ފުރަތަމަ ފަހަރެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު މި ދަތުރު ކުރަނީ އެ ގައުމުގެ ގައުމީ ޝިޕިން ކުންފުނި އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން ނެވެ. އަދި މި ކުންފުނީގެ ރާއްޖޭގެ އެޖެންޓަކީ ރާއްޖޭގެ ޝިޕިން ވިޔަފާރި ފުޅާ ކުރަން އުފެއްދި ކުންފުނި، ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) ގައުމީ ޝިޕިން ކުންފުންޏެވެ.

ރިއެކްޝަންސް
0
0
0
0
0
0
0