އިންޑިއާ އިން ހަދިޔާކުރި ފްލައިޓް އޮޕަރޭޓްކުރާނީ އެމްއެންޑީއެފްއިން!
30 ސެޕްޓެމްބަރ 2020 - 10:04
ކުރީގެ ސަރުކާރުން ކުރި މަޝްވަރާތަކާއި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އިންޑިއާ އިން ހަދިޔާކުރި ޑޯނިއާ ފްލައިޓް އޮޕަރޭޓްލކުރާނީ މީގެ ކުރިން ރާއްޖެ އަށް ހަދިޔާކޮށް ބޭނުންކުރަމުން އަންނަ ދެ ހެލިކޮޕްޓަރު ފަދައިން ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޑޯނިއާ މަތިންދާބޯޓު މިއަދު ރާއްޖެ އައިސް ހަނިމާދޫ އަށް ޖައްސާފައިވާ ކަމަށެވެ. ހަނިމާދޫގައި ބޭއްވުމަށް ހަމަޖައްސާފައިވާ މި ބޯޓު އޮޕަރޭޓްކުރާނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކަމަށާއި އެކަމުގައި ދިވެހި ސިފައިންގެ ޕައިލެޓުން ބައިވެރިވާނެ ކަމަށެވެ.
މިއަދު ހަނިމާދޫ އަށް ޖެއްސި ޑޯނިއާ ބޯޓުގައި ހުރީ ދިވެހި ދިދަ ޖަހާފައެވެ. އެމްއެންޑީއެފްގެ ޓްވީޓްގައި ބުނެފައި ވަނީ މިއީ 2016 ވަނަ އަހަރު ދިވެހި ސަރުކާރުން އިސްވެ ފެށި މަސައްކަތެއް ކަމަށެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމަށާއީ ދިވެހި ކަނޑުތައް ބެލުމަށާއި މަސްވެރިކަން ކުރާ ފަރާތްތައް ބަލައި މޮނީޓާކުރުމާއި މަސްތުވާތަކެއްޗާއި އެ ނޫން ވެސް ގާނޫނާއި ގަވާއިދާ ހިލާފު ކަންކަން ހުއްޓުވުމާއި، ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް މި މަތިންދާބޯޓުގެ ސަބަބުން ކުރިއެރުންތަކެއް ލިބިގެންދާނެ އެމްއެންޑީއެފް އިން ބުންޏެވެ.
އިންޑިއާގެ ދެ ހެލިކޮޕްޓަރު މިހާރު ވެސް ރާއްޖޭގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ދެ ހެލިކޮޕްޓަރު ވެސް ބޭނުންކުރަނީ އެމްއެންޑީއެފްގެ އެކި މަސައްކަތްތަކުގައެވެ. އެ ގޮތުން އެމަޖެންސީގައި ބަލި މީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި މުހިންމު ދައުރެއް އަދާކޮށްފައި ވެއެވެ.
އިންޑިއާގެ ހައިކޮމިޝަނުން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެމަނިކުފާނު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ޑޯނިއާ މަތިންދާބޯޓުގެ މަޝްވަރާކުރެއްވި ކަމަށާއި ނަމަވެސް އަމަލީ ސިފަ ނުގެނެވި އުޅެނިކޮށް ދައުރު ނިމި ވެރިކަން ބަދަލުވީ ކަމަށެވެ. އަދި ފަހުން އެ މަޝްވަރާތައް މި ސަރުކަރާ އެކު ކުރިއަށް ގެންދިޔަ ނަމަވެސް 2017 ވަނަ އަހަރުން ފެށިގެން މަތިންދާބޯޓު ދުއްވުމަށް ދިވެހި ޕައިލެޓުން ތަމްރީންކުރަމުން އައި ކަމަށް ވެސް ހައި ކޮމިޝަނުން ބުނެފައި ވެއެވެ. އަދި ބޯޓުގެ މެއިންޓަނަންސް އާއި އެހެނިހެން ހަރަދުތައް ވެސް ބަލަހައްޓާނީ އިންޑިއާ އިން ކަމަށް ވެސް ހައިކޮމިޝަނުން ބުނެފައި ވެއެވެ. ޑޯނިއާގެ އިތުރުން ހެލި ކޮޕްޓަރު ދުއްވުމަށް ވެސް އިންޑިއާ އިން އަންނަނީ ދިވެހި ޕައިލެޓުން ތަމްރީނުކުރަމުންނެވެ.
އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގެ ކަންކަން ބެލެހެއްޓުމަށް ދިވެހި ސިފައިންނާ ގުޅިގެން އިންޑިއާގެ ޓެކްނިކަލް ސްޓާފުން ހަރަކާތްތެރިވާތީ އިދިކޮޅު ފަރާތްތަކުން އެކަން ސިފަކުރަމުން ދަނީ އިންޑިއާ އިން ރާއްޖޭގައި އަސްކަރީ ގޮތުން ގާއިމުވެ ތިބި ތިބުމެއްގެ ގޮތުގައެވެ. ނަމަވެސް މި ތަކެތި އޮޕަރޭޓްކުރަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން އެމްއެންޑީއެފް އިން އަންގާ ގޮތެއްގެ މަތިންނެވެ. މި ތިން އުޅަނދު ބެލެހެއްޓުމާއި މަރާމާތުކުރުމާއި އޮޕަރޭޓްކުރުމުގައި އިންޑިއާގެ ސިފައިން އަންނަނީ ދިވެހި ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު ދިވެހި އިގްތިސާދާއި ތަރައްގީގެ މަޝްރޫއުތަކުގައި ވެސް އިންޑިއާ އިން އަންނަނީ ދިވެހި ރާއްޖެ އަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެ ގޮތުން ދާދި ފަހުން ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 250 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފައިވާ އިރު ގުޅިފަޅު ތަރައްގީކޮށް ވިލިމާލެ އާއި މާލެ ގުޅައިލުމުގެ މަޝްރޫއަށް ވެސް އިންޑިއާ އިން އަންނަނީ ފަންޑްކުރަމުންނެވެ. އަދި އިންޑިއާ އިން އެތެރެކުރާ މުދާ ފަސޭހަކަމާ އެކު އެތެރެކުރެވޭނެ މަގުފަހިކޮށްދިނުމަށް ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ވަނީ ކާގޯ ފެރީގެ ޚިދުމަތް ވެސް ފަށާފައެވެ. މީގެ އިތުރުން ވެސް ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް އިންޑިއާ އިން އެހީތެރިވާ އިރު މާލެ އާއި ރަށްރަށުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކަކަށް އިންޑިއާ އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ހިލޭ އެހީ އާއި ލުއި ލޯނުތައް ހިމެނެއެވެ.