ބީއެމްއެލްގެ އިސް 2 މަގާމަކަށް ދިވެހިން އައްޔަންކޮށްފި
1 އޮކްޓޯބަރ 2020 - 13:11
ބޭންކް އޮފް މޯލްޑިވްސްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ ޑައިރެކްޓަރގެ މަގާމާއި ކޯޕަރޭޓް ބޭންކިންގ ޑައިރެކްޓަރގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް އައްޔަންކޮށްފައިވަނީ މޫސާ ނިމާލްއެވެ. އަދި ކޯޕަރޭޓް ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް އައްޔަންކޮށްފައިވަނީ އަހުމަދު އަސީފްއެވެ.
ބީއެމްއެލްއިން ބުނީ ނިމާލް ބޭންކާ ގުޅިވަޑައިގަތީ 2003 ވަނަ އަހަރުގައިކަމަށެވެ. ބޭންކުގައި ވަޒީފާ އަދާކުރެއްވި މުއްދަތުގައި ނިމާލް ވަނީ ބޭންކިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވައި، ގިނަގުނަ ތަޖުރިބާތަކެއް ހޯއްދަވާފައެވެ. މިގޮތުން ނިމާލް ވަނީ ބްރާންޗް އޮޕަރޭޝަންސް, ކަސްޓަމަރ ސަރވިސަސް, އިންޓަރނޭޝަނަލް ބޭންކިން އަދި ރީޓެއިލް ބޭންކިންގައި މަސައްކަތް ކުރައްވާފައެވެ. ބޭންކުން ހިންގާފައިވާ ފާހަގަކޮށްލެވޭ ގިނަ މަޝްރޫޢުތަކާއި, ބޭންކަށް ގެނެވުނު މުހިންމު ބޮޑެތި ބަދަލުތައް ގެނައުމުގައި ނިމާލް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައިކަމަށް ބީއެމްއެލްއިން ބުނެއެވެ. މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން ނިމާލް ހުންނެވީ ހެޑް އޮފް ރީޓެއިލް ބޭންކިންގެ މަގާމުގައެވެ.
އަސީފް 2012 ވަނަ އަހަރު ރިލޭޝަންޝިޕް މެނޭޖަރގެ މަގާމަށް ބޭންކާ ގުޅިވަޑައިގަތުމަށްފަހު ފާއިތުވި 8 އަހަރު ތެރޭގައި ވަނީ ކޯޕަރޭޓް ބޭންކިންގ ޓީމާއެކު މިދާއިރާގައި ކުރިއެރުންތަކެއް ހޯއްދަވައި، ބޭންކުގެ ނުހަނު ބޮޑު ކޯޕަރޭޓް ކަސްޓަމަރ ޕޯޓްފޯލިއޯ ބެލެހެއްޓުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަސީފް ގެންދެވީ ހެޑް އޮފް ކޯޕަރޭޓް ބޭންކިންގެ މަގާމު އަދާކުރައްވަމުންކަމަށް ބީއެމްއެލްއިން ބުނެއެވެ.
މި މަގާމަށް ނިމާލް އާއި އަސީފް އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ދެބޭފުޅުންނަކީވެސް ބޭންކިންގ ދާއިރާގައި އަމަލީ ގޮތުން މަސައްކަތްކޮށް އެތައް އަހަރެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ގާބިލް ދިވެހިންކަމަށެވެ.
ބީއެމްއެލްގެ %99 މުވައްޒަފުންނަކީ ދިވެހިންނެވެ.