ކޯވިޑް19 އިން އަރައިގަތުމަށް އެސްއެމްއީތަކަށް 298.9 މިލިއަން ރުފިޔާ ދޫކޮށްފި
6 އޮކްޓޯބަރ 2020 - 12:55
ކޯވިޑް19އާ ގުޅިގެން ކުދި
ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް
“ރިކަވަރީ ލޯނު ސްކީމް”ގެ ދަށުން މިހާތަނަށް 298.9 މިލިއަން ރުފިޔާ
ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ކުދި ފަންތިއާއި މެދު ފަންތީގެ
ވިޔަފާރިތަކަށް ލޯނު ދޫކުރަނީ އެސްޑީއެފްސީ މެދުވެރިކޮށެވެ. ރިކަވަރީ ލޯނު
ސްކީމްގެ ދަށުން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ
މަސައްކަތްކުރާ ފަރާތްތަކަށްވެސް ދަނީ ލޯނު ދޫކުރަމުންނެވެ.
ފިނޭންސް މިނިސްޓްރީން
އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެސްޑީއެފްސީ މެދުވެރިކޮށް 1807
ފަރާތަކަށް 298.9 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. އޭގެ
ތެރޭގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1250 ވިޔަފާރިއަކަށް ދޫކޮށްފައިވާ 282.2
މިލިއަން ރުފިޔާއާއި އަމިއްލަ މަސައްކަތްކުރާ 557 ފަރާތަކަށް ދޫކުރި 16.7 މިލިއަން
ރުފިޔާ ހިމެނެއެވެ.
ކޯވިޑް19އާ ގުޅިގެން
އެސްޑީއެފްސީން ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން އެންމެ ގިނަ ލޯނު
ދޫކޮށްފައިވަނީ ކޮމާސްގެ ދާއިރާއިންނެވެ. އެއީ ޖުމްލަ 177.7 މިލިއަން ރުފިޔާއެވެ.
2 ވަނައަށް އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ އިމާރާތްކުރުމުގެ ސިނާއަތަށެވެ.
އެއީ 52.7 މިލިއަން ރުފިޔާއެވެ. އަދި ފަތުރުވެރިކަމަށް 51.9 މިލިއަން ރުފިޔާ
ދޫކޮށްފައިވެއެވެ.
ކޯވިޑް19 ވިޔަފާރި އެހީގެ ދަށުން ކަނބަލުން ހިންގާ ވިޔަފާރިތަކަށްވެސް އެސްޑީއެފްސީން
ދަނީ ލޯނު ދޫކުރަމުންނެވެ. އެގޮތުން މިހާތަނަށް 524 ކަނބަލަކަށް 109.8 މިލިއަން
ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން
ދައްކައެވެ.