ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ލޯން އެއްބަސްވުމުގައި ސޮއި ކޮއްފި
12 އޮކްޓޯބަރ 2020 - 13:14
ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓްއަށް އިންޑިއާގެ އެގްޒިމް ބޭންކުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ލައިން.އޮފް.ކްރެޑިޓް އެއްބަސް ވުމުގައި ސޮއެކޮށްފިއެވެ. މި އެގްރީމަންޓްގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވޭދް އަދި ޗީފް މެނޭޖަރ ހަރީޝް ކުމާރު އެވެ.
ސޮއެކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދެވޭ އިންފްރާސްޓްރަކްޗަރގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓްކަމަށެވެ. އިޤްތިސާދީ ހަރަކާތްތައް ފަށައިގަންނަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި މި މަޝްރޫ ފެށުން ވެގެންދާނީ ރާއްޖޭގެ އިކޮނޮމީ އަލުން ކޮޅަށްނެގުމަށް ފަށައިގަނެވޭ ވަރަށް މުހިންމު ޕްރިޖެކްޓަކަށްކަން މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ، މި ޕްރޮޖެކްޓްގެ ކޮންސަލްޓެންޓުން ކަނޑައަޅާފައިވަނީ އިންޖީނިއަރިން އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރާނެ ކުންފުންޏެއް ކަނޑައަޅާނީ ދިވެހި ސަރުކާރުންކަމަށެވެ. މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސްއަހަރު ދުވަހުގެ ފަހުން ކަމަށާއި ލޯނު އަނބުރާ ދައްކަން 20 އަހަރު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ޑިސެމްބަރ ގައި ފެށޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމަށްވާ އެމް/އެސް އަރޫޕް ލިމިޓެޑް ހޮވާފައިވަނީ ދިވެހި ސަރުކާރުންނެވެ. ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ޓެންޑަރ މަރުހަލާ ފެށޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ 67 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ “ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް” ވެގެންދާނީ މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅީފަޅު ޕޯޓް އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން އާއި ގުޅުވައިދޭ ލައިފްލައިން ކަމުގައި ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
މި ސްކީމްގެ ދަށުން ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ރަށްތަކުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި 140 މީޓަރުގެ (3) ނެވިގޭޝަން ބްރިޖް އަޅާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.