ޕްރިވިލެޖްޑް ކާޑް: އެއް ކާޑަކުން އެތައް އެތައް ވިޔަފާރިއެއްގެ ޑިސްކައުންޓް!
14 އޮކްޓޯބަރ 2020 - 20:24
ރޯޔަލްޓީ ކާޑް ނުވަތަ ޑިސްކައުންޓް ކާޑަކީ ރާއްޖެ އަށް އާ ކަމެއް ނޫނެވެ. ނަމަވެސް އެފަދަ ކާޑަކުން ކަސްޓަމަރަށް ނުވަތަ އެ ފޯރުކޮށްދޭ ވިޔަފާރިތަކަށް ކުރާ ފައިދާ މިހާތަނަށް އޮތީ ދެނެ ނުގަނެވެއެވެ. އެފަދަ ކާޑެއް ގިނަ މީހުން ގެންގުޅެނީ ސްވެނިއާއެއްގެ ގޮތުގައެވެ. އެއިން ލިބޭ ފައިދާއާ މެދު މާ ބޮޑަށް ވިސްނިފައެއް ނޯވެއެވެ. އެއް ސަބަބަކީ އާންމު ގޮތެއްގައި ރާއްޖޭގައި މިފަދަ ކާޑް ދޫކުރަނީ އެއް ވިޔަފާރިއަކުން ނުވަތަ އެއް ބްރޭންޑެއްގެ އެއްޗެއްސަށް ވުމުން ޑިސްކައުންޓް ނުވަތަ ރޯޔަލްޓީ ކާޑުގެ މާ ބޮޑު ބޭނުމެއް ނުލިބުމެވެ. އަބަދު އެ ބްރޭންޑް ނުވަތަ އެ ފިހާރައަކަށް ނުވަތަ އެ ކެފޭއަށް ދާންނުޖެހުމަކީ އެ ކާޑުގެ އަސްލު ފައިދާ ނުލިބޭ މައިގަނޑު އެއް ސަބަބެވެ. މިސާލަކަށް ބޫޓު ވިއްކާ ތަނަކުން ދޭ ޑިސްކައުންޓް ކާޑަކުން ފައިދާ ލިބޭނީ ކިހާ ވަރަކަށް ހެއްޔެވެ؟ ބޫޓަކީ އަބަދު ގަންނަ އެއްޗަކަށް ނުވާތީ އަހަރު އެއް ފަހަރު ވެސް ބަދަލުކުރަން ނުޖެހުމުން އެ ކާޑުގެ ހަގީގީ ފައިދާ ނުލިބެއެވެ.
ޕްރިވިލެޖްޑް މޯލްޑިވްސްއަކީ މި ވިސްނުން ބަދަލުކޮށްލުމަށް އުފަންވި ކުންފުންޏެކެވެ. މި ހުރިހާ ކަމެއް އެއް ޕްލެޓްފޯމަކަށް ގެނައުމަށް މަގުފަހިކުރުމަށް ފެށި ހިދުމަތެކެވެ. ބޭނުމަކީ އެއް ކާޑަކުން ހުރިހާ ވައްތަރެއްގެ މުދަލަށާއި ހިދުމަތްތަކުން ވެސް ޑިސްކައުންޓާއި އޮފީސްތަކާއި ރިވާޑްސް ލިބޭނެ މަގެއް ފަހިކުރުމެވެ. އަދި ވިޔަފާރިތަކަށް ލޯޔަލް ކަސްޓަމަރުން ހޯދައިދިނުމެވެ. އަދި ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތްތަކުން ހިތްހަމަޖެހޭ ފަދަ ޑިސްކައުންޓްތަކެއް ހޯދައިދިނުމެވެ. އެއް ކާޑަކުން މިހުރިހާ ބޭނުމެއް ފުދޭނެ ގޮތަކަށް ފަރުމާކުރުމެވެ.
ޕްރިވިލެޖްޑް މޯލްޑިވްސްގެ ފަރާތުން މިހާރު ވަނީ މިފަދަ ފުރަތަމަ 3,000 ކަސްޓަމަރުން ހޯދައިފައެވެ. މި މަހުގެ 10 ވަނަ ދުވަހުގެ ރޭ 20:20 އިން ފެށިގެން އޮންލައިންކޮށް ރެޖިސްޓްރީވުމަށް ހުޅުވައިލި ފުރުސަތުގައި ހީކުރުވިވަރަށް ވުރެ ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ. އެންމެ ހަތަރު ގަޑިއިރުގެ ތެރޭގައި ހުސްވީއެވެ. މިއީ ޕްރިވިލެޖްޑް މޯލްޑިވްސް އިން ވެސް ލަފާކުރި ވަރަށް ވުރެ ބޮޑު ތަރުހީބެކެވެ.
ފުރަތަމަ 3,000 ކަސްޓަމަރުންނާ އެކު ޕްރިވިލެޖްޑް މޯލްޑިވްސް އިން މިހާރު އަންނަނީ ހިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ. އެ ގޮތުން ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ނޮވެމްބަރު މަހު 1 ގައި ވާޗުއަލް ކާޑު ލިބިގެންދާނެއެވެ. މިހާރު ކުރިއަށް ދަނީ ޕާޓްނާސް ރެޖިސްޓްރީކުރުމުގެ މަރުހަލާއެވެ. ޕްރިވިލެޖްޑް މޯލްޑިވްސްގެ އުންމީދަކީ ފަށައިގަންނަ އިރު ވެސް ގިނަ ވިޔަފަރިތަކެއް މި ޕްރޮގްރާމްގައި ބައިވެރިވުމެވެ. އޭގެ ފައިދާ ވީހާ ވެސް ގިނަ ބަޔަކަށް ލިބިގެން ދިއުމެވެ. ވިޔަފާރިތަކަށް ކަސްޓަމަރުން އިތުރެ އަދި ކަސްޓަމަރުންނަށް ރަނގަޅު، ހިތްހަމަޖެހޭ ފަދަ އަގުތަކެއްގައި ތަކެއްޗާ ހިދުމަތް ފޯރުކޮށްދޭނެ ވިޔަފާރިތައް ވެސް އިތުރުވުމެވެ.
މި ޕްރޮގްރާމްގެ ޕާޓްނަރުންނަށް ވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ޕްރޮވިލެޖްޑް މޯލްޑިވްސް އިން ބުނެއެވެ. އެ ގޮތުން ވިޔަފާރިތައް ޕްރޮމޯޓްކުރުމާއި ހިދުމަތްތަކާއި މުދަލާ ބެހޭ މައުލޫމާތުތަކާއި ޕްރޮމޯޝަންތަކުގެ މައުލޫމާތުތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ކަސްޓަމަރުންނަށް ވީހާ ވެސް ގިނަ މުދަލާއި ހިދުމަތުން ޑިސްކައުންޓް ހޯދައިދިނުމަކީ ވެސް އެ ކުންފުނީގެ އަމާޒެކެވެ.
ޕްރިވިލެޖްޑް މޯލްޑިވްސް އިން ބުނީ މި ކާޑަކީ ފިޒިކަލް ކާޑެއް ކަމަށް ބައެއް ފަރާތްތަކަށް ހީވެފައި އޮތް ނަމަވެސް މިއީ ފޯނުން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ވާޗުއަލް ކާޑެއް ކަމަށެވެ. އޭގެ މައިގަނޑު ބޭނުމަކީ ވީހާ ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ހެދުމާއި އާ ހިދުމަތްތަކާއި ތަކެތިން ލިބޭ ޑިސްކައުންޓްތަކާއި ޕްރޮމޯޝަންތައް ފަސޭހަކަމާ އެކު އަޕްޑޭޓްކޮށް އެއިން ވީހާ ވެސް ބޮޑު މަންފާއެއް ކަސްޓަމަރުންނަށް ހޯދައިދިނުން ކަމަށެވެ.
ޕްރިވިލެޖްޑް މޯލްޑިވްސް އަމާޒު ހުރީ ހަމައެކަނި ލޯކަލް ކަސްޓަމަރުންނާއި ވިޔަފާރިތަކަކަށް ނޫނެވެ. އޭގެ ބަދަލުގައި ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ޕްރިވިލެޖްޑް ކާޑު ދޫކުރުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މިސްރާބު ހުރީ ބައިނަލްއަގުވާމީ މާކެޓަށެވެ. މި ހިދުމަތުގެ ތެރެއަށް ވީހާ ވެސް ގިނަ ވިޔަފާރިތަކެއް ވަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުންޏަށް އެބަ އޮތެވެ. މިހާރު ވެސް އެކަށީގެންވާ ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ގިނަ ވިޔަފާރިތަކަކުން ދަނީ ޕާޓްނަރުންގެ ގޮތުގައި ރަޖިސްޓްރީކުރަމުންނެވެ. އެ ގޮތުން އާންމު މުދާ ވިއްކާ ފިހާރަތަކާއި ހާއްސަ ބްރޭންޑްތަކާއި ކެފޭ ރެސްޓޯރެންޓަކާއި ގެސްޓް ހައުސްތަކާއި އެ ނޫން ވެސް ހިދުމަތްތައް ދޭ ފަރާތްތައް ހިމެނެއެވެ.