އަމިއްލަ ހިޔާލު: ދަ ޑިމޮކްރެޓްސް ފުރަތަމަ އިންތިހާބުގައި ޑިމޮކްރަސީއާ ދުރަށް!
7 ޑިސެމްބަރ 2023 - 15:17
“ދަ ޑިމޮކްރެޓްސް” ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުނު ފަރާތްތަކަކީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި މުހިންމު ދައުރެއް އަދާކުރި ފަރާތްތަކެކެވެ. ހާއްސަކޮށް އިސްކޮށް ތިއްބެވީ އިންތިހާބުތަކަށް ފަރިތަ ބޭފުޅުންނެވެ. އެހެން ނަމަވެސް އެ ޕާޓީގެ އެތެރޭގެ ފުރަތަމަ އިންތިހާބު މި ހަފުތާގައި ނިމިގެން ދިޔައިރު އިވުނު އަޑުތަކާއި ފެނުނު މަންޒަރުތަކަށް ބަލާއިރު ފެންނަނީ ޑިމޮކްރަސީއާ ބީރައްޓެހި ކަންތައްތަކެކެވެ.
ޑިމޮކްރެޓުންގެ އިސް މަގާމުތަކަށް މީހުން ހޮވުމަށް މި ހަފުތާގެ ހޮނިހިރު ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި އިންތިހާބާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެ ޕާޓީއަށް ވަނީ ރައްދުވެފައެވެ. އިންތިހާބުގެ ނަތީޖާގެ ސައްހަކަމާ މެދު ސުވާލު އުފެއްދީ ހަމައެކަނި ދުރުގައި ކުޅި ބަލަން ތިބި ފަރާތްތަކުން އެކަންޏެއް ނޫނެވެ. އިންތިހާބުގައި ވާދަކުރި ފަރާތްތަކުންނާއި އެ ޕާޓީގެ ގިނަ ޒުވާނުންތަކެއް ވެސް ނަތީޖާއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ. އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ އިންތިހާބުގެ ނަތީޖާ އިއުލާނުކުރުން ލަސްވެގެން ދިއުމެވެ.
ރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް 200،000 އަށް ވުރެ ގިނަ މީހުން ވޯޓު ލާފައިވާ އިރު އިންތިހާބުގެ ނަތީޖާ ހަތަރު ވަރަކަށް ގަޑިއިރުގެ ތެރޭގައި ވަނީ ސާފުވާން ފަށާފައެވެ. ގިނަ ފޮށިތަކުގެ ނަތިޖާތައް ގަޑިއެއްހާ އިރުގެ ތެރޭގައި އިއުލާނުކުރެވުނެވެ. އެހެން ނަމަވެސް ޑިމޮކްރެޓުންގެ އިންތިހާބުގައި ވޯޓުލީ ތިން ހާހެއްހާ މީހުންނެވެ. ނަތީޖާ ލިބުނީ 24 ގަޑިއިރަށް ވުރެ ވެސް ލަހުންނެވެ.
ނަތީޖާ ލަސްވުމާ ގުޅިގެން ހިޔާލު ތަފާތުވުންތައް ބޮޑު
އިންތިހާބުގެ ނަތީޖާ ލަސްވަމުން ދިއުމާ ގުޅިގެން އެ ޕާޓީގެ އިސް ފަރާތްތަކުން ގެންދިޔައީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އަދި ނަތީޖާ ގަޑުބަޑުކުރަން އުޅޭ ކަމުގެ ތުހުމަތުތައް ވެސް ކުރިއެވެ. އިންތިހާބުގެ އެންމެ ވާދަވެރި މަގާމު ކަމަށްވާ ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވި ހުސެއިން އަމްރު ވެސް ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރެއްވިއެވެ.
ނަތީޖާއާ މެދު ސީދާ ގޮތެއްގައި ވަކި އެއްޗެއް ނުބުނި ނަމަވެސް އިންތިހާބުގެ ސައްހަކަމާ މެދު ނުސީދާ ގޮތެއްގައި ސުވާލު އުފައްދާފައި ވެއެވެ. ކާމިޔާބު ލިބުނީ އަމްރުއަށް ކަމަށް ދޭހަވާ ގޮތަކަށް ވެސް ޓްވީޓްކުރެއްވިއެވެ. އެހެން ނަމަވެސް ވަރަށް ދިގު މެސެޖަކާ އެކު ފަހުން ވާހަކަ ދެއްކެވީ އެމަނިކުފާނާކީ އަބަދު ވެސް ދޫދެއްވާ ބޭފުޅެއް ކަމަށް ދޭހަވާ މޭރުމަކުންނެވެ. ނަތީޖާ އިއުލާންކުރުން ލަސްވެގެން ދިޔަ އިރު ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވި ދެ ބޭފުޅުން ވެސް ސޯޝަލް މީޑިއާގައި ކާމިޔާބީ ފާހަގަކުރެއްވިއެވެ. އެއީ ވެސް ގިނަ ބަޔަކަށް އޮޅުން އެރި ކަމެކެވެ.
ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްކޮށްލުމުން ޖުމްލަ ވޯޓާ ދިމާނުވާ މައްސަލަ
ރައީސްކަމުގެ މަގާމަށް އަމްރުގެ މައްޗަށް ކުރި ހޯއްދެވީ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހުންނެވި ހަސަން ލަތީފެވެ. ހަސަން ލަތީފު އިންތިހާބު ކާމިޔާބުކުރެއްވީ 1,704 ވޯޓެވެ. އަމްރު އަށް ލިބުނީ 1،300 ވޯޓެވެ. ވޯޓުލުމުގެ ހައްގު ލިބުނީ 5،835 މީހުންނަށެވެ. އެހެން ނަމަވެސް މި އަދަދުތައް ވެސް ފަހުން ވަނީ ބަދަލުވެފައެވެ.
ބާތިލް ވޯޓާއި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްކޮށްލުމުން ޖުމްލަ ވޯޓާ ދިމާނުވާ މައްސަލަ ވެސް ބޮޑުވިއެވެ. ފަހުން އެ ޕާޓީން އިއުލާންކުރި ގޮތުން ނަމަ ހަސަން ލަތީފަށް 1،807 ވޯޓު ލިބުނެވެ. އަދި އަމްރު އަށް ލިބުނީ 1،484 ވޯޓެވެ. ބާތިލް ވޯޓުގެ ގޮތުގައި ފުރަތަމަ އިއުލާނުކުރީ 50 ވޯޓު ކަމަށެވެ. ނަމަވެސް ފަހުން ބުނެފައި ވަނީ އެއީ ވެސް އޮޅުމެއް ކަމަށާއި ބާތިލް ވޯޓުގެ ޖުމްލައަކީ 25 ކަމަށެވެ.
ނަތީޖާ އިއުލާންކުރައްވަމުން ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެފައި ވަނީ ނަތީޖާ އިއުލާންކުރުން ލަސްވުމުގައި ވަރަށް ގިނަ ސަބަބުތައް ހުރި ކަމަށެވެ. އޭގެ ތެރޭގައި މިއީ ކޮމްޕްލިކޭޓެޑް އިންތިހާބަކަށް ވުމާއި އެއްފަހަރަ އެތައް މަގާމުތަކަކަށް މެންބަރުން އިންތިހާބުކުރަންޖެހުން ފާހަގަކުރެއްވިއެވެ.
ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މި އިންތިހާބުގައި 32 މަގާމަކަށް 70 މީހުން ކުރިމަތިލާފައި ވެއެވެ. އެހެން ނަމަވެސް އާންމު ގިނަ މެންބަރުން ފާހަގަކުރާ ގޮތުގައި މީގެ ކުރިން ވެސް މިފަދަ ކޮމްޕްލިކޭޓެޑް އިންތިހާބުތައް ރާއްޖޭގައި ބާއްވާފައި ވެއެވެ. އެ ގޮތުން ކައުންސިލް އިންތިހާބަކީ ގިނަ ބަޔަކު ވާދަކުރި އަދި އެކި ވައްތަރުގެ މެންބަރުން ހޮވަންޖެހުނު އިންތިހާބަކަށްވީ އިރު އެ އިންތިހާބުގެ ނަތީޖާ ވެސް މާ ގިނައިރުތަކެއް ނުވެ އިއުލާންކޮށްފައި ވެއެވެ.
ޑިމޮކްރެޓުންގެ ފުރަތަމަ އިންތިހާބުގައި ބޮޑެތި އެހެން މައްސަލަތައް ވެސް ފާހަގަކުރެވުނެވެ. އިންތިޒާމުތައް ވެސް އެހާ ދޯދިޔާއެވެ. އެ ޕާޓީގައި އިސްކޮށް ތިބި ގިނަ ފަރާތްތަކަކީ އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުނު އަދި އެތެރޭގެ އިންތިހާބުތަކަށް ފަރިތަ ފަރާތްތަކެވެ. އެހެންކަމުން މިފަދަ ބޮޑެތި މައްސަލަތައް ދިމާވެގެން ނުވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ގޯސްތަކެއް ހެދުނުކަން އެ ޕާޓީން ވެސް ވަނީ ގަބޫލުކޮށްފައެވެ.
އާޒިމް އިއްޔެ ވިދާޅުވީ ބައެއް ދާއިރާތަކުގައި ރަޖިސްޓްރީވެފައިވާ އަދަދަށް ވުރެ އިތުރަށް ވޯޓު ލާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެހެން ކަމުން އެ ދާއިރާތަކުގެ އިންތިހާބު އަލުން ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ބާތިލްކުރަން ނިންމީ ހަމައެކަނި ޔަންގް ޑިމޮކްރެޓްސް ލީޑަރު ހޮވުމަށް ބޭއްވި އިންތިހާބު އެކަންޏެވެ.
“ޒުވާނުން ތިބި އަދަދަށް ވުރެ ގިނައިން ކަރުދާސް ފޮނުވިފައި އެބަހުރި، ކޮންމެ މެމްބަރަކަށް މަދުވެގެން ތިން ވޯޓު ކަރުދާސް އެބަ ދެވޭ، ޖުމްލަ 10 ކަރުދާސް ބައެއް މީހުންނަށް ދެވޭ، އެއީ ޕާޓީގެ އެކި ގޮފިތަކަށާއި ދާއިރާތަކަށް މީހުން ހޮވުމަށް ވަކި ކަރުދާސް ކޮޅުތައް، ވޯޓު ކަރުދާސް ދޫކުރުމުގައި އޮޅުން ތަކެއް އަރާފައިވޭ،” އާޒިމް ވިދާޅުވެފައި ވެއެވެ.
ނަތީޖާ ލަސްވުމާ ގުޅިގެން ހިޔާލު ތަފާތުވުންތައް ބޮޑުވެ، ބައެއް ފަރާތްތަކުން ޕާޓީ ދޫކޮށްލިކަން ވެސް ސޯޝަލް މީޑިއާގައި އިއުލާނުކޮށްފައި ވެއެވެ. އަދި ބައެއް ފަރާތްތަކުން ފާޑުކިޔަމުން ބުނެފައި ވަނީ ޕާޓީ އުފެދުނީ ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ގަބޫލުނުކުރެވިގެން ކަމަށާއި އެފަދަ ބަޔަކު ބާއްވާ އިންތިހާބެއްގައި އެހާ ބޮޑެތި ދޯދިޔާ ކަންތައްތަކެއް ހުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އިންތިހާބަކީ ޕާޓީން ޑިމޮކްރަސީއާ ދުރަށް އެޅި ފިޔަވަޅެއް
ޑިމޮކްރެޓުންނަށް ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި އެ ޕާޓީގެ ފުރަތަމަ އިންތިހާބަކީ ޕާޓީން ޑިމޮކްރަސީއާ ދުރަށް އެޅި ފިޔަވަޅެކެވެ. އަދި އެ ބޭފުޅަކަށްޓަކައި ޕާޓީ އުފެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާ މެދު އާންމުން ދައްކާ ވާހަކަތަކަށް އިތުރު ބާރެއް ލިބިގެން ހިނގައްޖެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.
ރައީސް ނަޝީދަކީ އެމްޑީޕީގައި ހުންނެވި އިރު ވެސް އެ މަނިކުފާނު ބާނުންފުޅުނުވާ ގޮތަކަށް ކަންކަން ހިނގައްޖެ ނަމަ އެ ފަރާތަކާ މެދު ފިޔަވަޅު އަޅައި ޕާޓީން ބޭރުކުރުމުގެ ސަގާފަތެއް އޮތް ބޭފުޅެއް ކަމަށާއި ޑިމޮކްރެޓުންގެ ތެރޭގައި ވެސް ކަން ހިނގާނީ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަކަށް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.
ނަތީޖާ އިއުލާންކުރުން ލަސްވުން އެކަންޏެއް ނޫނެވެ. އިންތިޒާމުތަކުގައި ވެސް އެހާ ބޮޑެތި ގޯސްތަކެއް ހުރުމަކީ ޑިމޮކްރެޓުންނާ މެދު ގިނަ ބަޔަކު ދެކޭ ގޮތް ބަދަލުވާން މެދުވެރިވި ސަބަބެކެވެ. ހިޔާލު ތަފާތުވި ނަމަވެސް ޕާޓީގައި މިވަގުތު ތިބި ގިނަ ފަރާތްތަކަކީ ވަކި މީހަކަށްޓަކައި ނުވަތަ ވަކި މަގުސަދެއް ހާސިލްކުރުމަށް އެ ޕާޓީގައި ތިބި ބައެއް ކަމަށް ވުމުން އިންތިހާބުގެ ސަބަބުން ޕާޓީގެ އެތެރެއަށް މާ ބޮޑު ލޮޅުމެއް އަރާނެ ކަމަކަށް ނުފެނެއެވެ.
އިންތިހާބާ މެދު ހިތްހަމަނުޖެހުން ފާޅުކުރި ގިނަ ފަރާތްތަކުން ވަނީ ދޫދީ ޕާޓީގެ ހަރަކާތްތަކައިގެން މަސައްކަތް ފަށައިފައެވެ. އަމްރު ވެސް ވަނީ އަނެއްކާ ވެސް ދޫދެއްވައި ޕާޓީގެ މަސައްކަތްތައް ފައްޓަވާފައެވެ.
އެހެން ނަމަވެސް މިއީ އެ ޕާޓީގެ މުސްތަގުބަލަށް އެޅުނު ހިޔަންޏަކަށް ވެދާނެއެވެ. އަދި ޕާޓީއާ މެދު އާންމުން ދެކޭ ގޮތް ބަދަލުވެ ޕާޓީ ފުޅާކޮށް ބޮޑުކުރުމަށް އެޅިގެންދާނެ ހުރަހެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެއެވެ. ހީކުރި ގޮތާ ހިލާފަށް ޕާޓީގެ މެންބަރުންގެ އަދަދު އިތުރު ނުވަނީ ވެސް މިފަދަ އެތައް ސަބަބުތަކަކާ ހުރެ ކަމަށް ބެލެވެއެވެ.