ކުދިން އެންޒައިޓީގެ އުނދަގުލުގައި: ކަން ބޮޑުވާން ޖެހޭ ކަމެއް
17 އޮކްޓޯބަރ 2020 - 15:46
އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް އޮފް ރިސާރޗް އިން ހާމަ ކޮށްފައިވާ ދިރާސާތަކަށް ބަލާއިރު 13 އަހަރާ 18 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ކޮންމެ 3 ކުއްޖެއްގެ ތެރެއިން އެއްކުއްޖަކު އެންޒައިޓީގެ އުނދަގޫތައް ތަޙައްމަލު ކުރަމުންދެއެވެ. އަދި ކޮވިޑް 19ގެ ޙާލަތާއި ގުޅިގެން މިޢަދަދު ބޮޑުތަނުން އިތުރުވެގެން ގޮސްފައިވާނެކަމަށް ބެލެވެއެވެ. މީގެ ސަބަބެއްގެ ގޮތުގައި ގަބޫލުކުރެވެނީ ގިނަ ދުވަސްތަކެއް ވަންދެން ކުދިންނަށް ސްކޫލަށް ނުދެވި ތިބެންޖެހުމާއި، ބޭރަށް ނުދެވި ގޭގައި ބަންދުވެފައި ތިބެންޖެހުމާއި، އެއްވެސް ކުޅިވަރު ހަރަކާތެއްގައި ބައިވެރި ނުވެވި ރައްޓެހިންނާއި ބައްދަލުކޮށް ވާހަކަ ދައްކާލެވޭނެ ގޮތެއް ނެތި ގިނަ ދުވަސްތަކެއް ވެގެން ދިއުމުގެ ސަބަބުން ދަރިވަރުންނަށް ނަފުސާނީ ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިފައިވާތީއެވެ.
އެންޒައިޓީ އަކީ ކޮބާ؟
އެންޒައިޓީ އަކީ ދިމާވާ ކަންކަމުގައި މާބޮޑަށް ހާސްވެ، ދެރަވެފައި ހުރުމާއި، ބިރުގަނެ އަދި ފިކުރުބޮޑުވެފައި ހުރުމާއި ކަމަކާ ކުރިމަތިލާން އުނދަގޫވުން ފަދަ އެތައް އިހުސާސްތަކެއް މީހާއަށް ކުރިމަތިކުރުވާ ކަމެކެވެ. މިއިޙްސާސްތައް ހަޔާތުގައި ދިމާވާ ތަފާތު ކަންކަމުގައި ކޮންމެ މީހަކަށްވެސް ކޮންމެވެސް ވަރަކަށް ދިމާވެފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އިމްތިހާނުގެ ވަގުތުތަކުގައި ދިމާވާ ކަންބޮޑުވުންތަކާއި، ވަޒީފާއެއްގެ އިންޓަރވިއުގެ ކުރިން ނުވަތަ ހަޔާތުގައި ކުރިމަތިލާންޖެހޭ ބޮޑެތި ކަންކަމާ ގުޅިގެން ނިންމަންޖެހޭ ނިންމުންތަކުގެ ސަބަބުން ކުރިމަތިކުރުވާ ކަންބޮޑުވުންތައް ފަދަ ކަންކަމަކީ އެންމެނަށް ވެސް ދިމާވާނެ ކަމެއް ކަމުގައި ބެލެވިދާނެއެވެ. އެހެންނަމަވެސް އާންމު ހާލަތަށްވުރެ ބޮޑަށް ކަންބޮޑުވުމުގެ ސަބަބުން މީހާއަށް ކުރާ އަސަރަކީ އޭގެ ސަބަބުން ދިރިއުޅުމުގެ މައިދާނުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިކުރުވާ ކަމެކެވެ. މިސާލަކަށް ބަލާނަމަ ދަތުރުކުރާ އުޅަދަނކަށް އެރުމުގެ ކުރިން ދެން ވާނެ ގޮތަކާ ދޭތެރޭ ކަންބޮޑުވެ އެކަން ނުކުރެވޭ ޙާލަތަށް ދިއުން، ދަރިވަރުން ސްކޫލަށް އައުމަށްފަހު އެހެންމީހުނާ ކުރިމަތިލާން އުނދަގޫވުން އަދި ކުދިން ކަންކަމާ ދުރުހެލިވެ އެކަނި ގިނަވަގުތު ހޭދަކުރަން ފެށުން ފަދަ ކަންތައް ހިމެނެއެވެ. މިއީ މީގެ ސަބަބުން ކުދިން ޑިޕްރެޝަންގެ ޝިކާރަޔަކަށްވެ ތަފާތު ދެރަ ޙާލަތްތަކާ ކުރިމަތިލާން ޖެހޭފަދަ ކަންކަމެވެ. މިއީ މިހާރުގެ މުޖުތަމަޢުން މަދުން ނަމަވެސް ފެންނަމުންދާ، އެހެނަސް އެކަމަށް އަވަސް ހައްލެއް ބޭނުންވެފައިވާ ކަމެއްވެސްމެއެވެ. އެންޒައިޓީގެ ނުރައްކަލަކީ އަދުގެ މުޖުތަމަޢުގައި އެކަމާ އަޅާނުލެވި ދޫކޮށްލެވިފަވާ ކަމަކަށްވިއަސް، ކޮންމެ ގޭބިސީއަކުން މަދުވެގެން އެކަކު މިކަމުގެ އުނދަގޫ ތަޙައްމަލު ކުރަމުންދާނެ ކަމަށް ބެލެވެއެވެ.
ކުއްޖަކަށް އެންޒައިޓީގެ އުނދަގޫވަމުންދާކަން ދެނެގަންނާނީ ކިހިނެއް؟
އެންޒައިޓީ ނުވަތަ ކަންކަމާ މާބޮޑަށް ކަންބޮޑުވުން ދިމާވާ ކުދިންނަށް ވަރަށް ގިނަފަހަރަށް އާންމު ޙާލަތުގައި ދިރިއުޅެން އުނދަގޫވާ ހިސާބަށް ދަންދެންވެސް ކުދިންނާ ބެލެނިވެރިންނަށް އެކަން ދެނެނުގަނެވޭ ފަހަރު އާދެއެވެ. ސަބަބަކީ ކުރިންވެސް ދެންނެވިހެން ކަންކަމާ ކަންބޮޑުވުމަކީ އެއީ މާބޮޑު މައްސަލައެއްކަމަށް ބެލެވިފައި ނެތުމުންނެވެ. އެހެންނަމަވެސް މައްސަލައަކަށް ވުމުގެ ކުރިން އެކަމަށް ފިޔަވަޅު އެޅިގެން ދިއުން ވެގެންދާނީ ހަމަ ގައިމުވެސް އެކަން ހައަލުކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅަކަށެވެ. އެހެންކަމުން އެންޒައިޓީއާ ގުޅޭ މަޢުލޫމާތު ހޯދައި މިކަމަށް ހޭލުންތެރިވެ ތިބުމަކީ ކޮންމެ ބެލެނިވެރިޔަކުވެސް މިއަދު ކުރަން ޖެހިފައިވާ ކަމެކެވެ.
އެންޒައިޓީގެ ބައެން ނިޝާންތައް
- އަންމުކޮށް ކޮންމެ ދުވަހަކު ކުރާ ކަންކަމާދޭތެރޭ ކަންބޮޑުވެ އަކަންކަން ކުރުމަށް އުޒުރުވެރިވުން.
- ކުއްޖާގެ އާންމު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް އަބަދު ކަންކަމާ މެދުގައި ހިތްހަމަ ނުޖެހި ޝަކުވާ ކުރުން
- ކަންކަމުން ރެކިގަންނަން މަސައްކަތް ކުރުން؛ ސްކޫލް ހަރަކާތްތަކުގައި ބައިވެރި ނުވުން، އެހެންމީހުންނާ ބައްދަލުވާން ބޭނުން ނުވުން، އިޖުތިމާޢީ ގުޅުން ކުޑަވުން
- ކިޔެވުމާ ދުރުހެލިވެ ނަތީޖާ ދަށްވާން ފެށުން
- ނިދަން އުނދަގޫވެ، ކަންކަމަށް ސަމާލުކަން ނުދެވުން
- އަބަދު ބިރުގަނެ، ކޮންމެވެސް ދެރަ ކަމެއް ދިމާވެދާނެ ކަމުގެ އިޙްސާސްވުން
- ރައްޓެހިންނާ ޢާއިލާގެ މީހުންނާއެކު ވަގުތު ހޭދަކުރަން ބޭނުން ނުވުން
ޖިސްމާނީ ބައެއް ބަދަލުތައް
- ބޯއަނބުރާގޮތްވެ ގައިގެ ވަރުދެރަވުން
- ރަނގަޅަށް ނުކެވުން
- އަބަދު ވަރުބަލިވެފައި ހުރުން
- އާދަޔާ ޚިލާފަށް ބާރަށް، އަވަސް އަވަހަށް ނޭވާލުން ނުވަތަ ނޭވާލާން އުނދަގޫވުން
- ގައިގެ އެކި ތަންތަނުގައި ރިއްސުން
- ތުރުތުރު އެޅުން އަދި އާދަޔާ ޚިލާފަށް ދާހިއްލުން
- ބޮލުގައި ރއްސުމާއި ބަނޑަށް ތަދުވާކަމުގެ ޝަކުވާ ގިނަވުން
- ނިދަން އުނދަގޫވުން
- ތޫނު އެއްޗެހި ފަދަ ތަކެތިން ހަށިގަނޑަށް ކުދި އަނިޔާތައް ކުރުން
އެންޒައިޓީގެ އުނދަގޫ ތަހައްމަލުކުރާ ކުއްޖަކަށް އެހީތެރިވާން ކުރެވޭނީ ކޮންކަމެއް
ވާހަކަ ދެއްކުން: ކޮންމެ ކަމެއްގެ ވެސް ހައްލު ހޯދުމަށް އެންމެ ފަސޭހަ އެއް ގޮތަކީ ރަނގަޅު މަޢުލޫމާތު އެނގިހުރެމެ އެކަމަކާ ގުޅޭ ގޮތުން ވާހަކަދެއްކުމެވެ. އެހެންކަމުން އެންޒައިޓީގެ އުނދަގޫވާ ކުއްޖަކަށް އެހީވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ އެކަމާ ބެހޭ ގޮތުން އެކުއްޖަކާ ވާހަކަ ދައްކައި ދިމާވާ އުނދަގޫތައް ދަނެގަތުމެވެ. ބޮޑެތި މީހުންގެ ވިސްނުމުން ކުއްޖާ ކިޔާދޭ ވާހަކަތަކަށް ގޮތް ނިންމުމުގެ ބަދަލުގައި ކުއްޖާގެ އިހުސާސްތަކަށް އިހުތިރާމްކޮށް، މައްސަލަ ދަނެގަތުމަށް މަސައްްކަތް ކުރުމުން އެކުއްޖެއްގެ އިތުބާރުލިބި، ހިއްސާކުރަން ފަސޭހަވެގެން ދެއެވެ. އަދި އެހީ ހޯދުމަށް ފަސް ނުޖެހި އުނދަގޫތަކުން އަރައިގަތުމުގެ އަޒުމުގައި އަމިއްލަޔަށް ބޮޑެތި މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހިތްވަރު ކުއްޖާއަށް ލިބިގެންދެއެވެ.
ލޯތްބާ އެކު އެހީތެރިވުން: އެންޒައިޓީގެ އުނދަގޫ ތަހައްމަލުކުރަމުންދާ ކުއްޖަކީ އަޅާލުމާއި ލޯބި އިންތިހާއަށް ބޭނުންވެފައިވާނެ ކުއްޖެކެވެ. މިފަދަ ކުދިންނަށް ބޭނުންވަނީ އޯގާތެރިކަމާއެކު ފިރުމާނެ އަތެކެވެ.ކެތްތެރިކަމާއެކު އެކުދިންގެ ވާހަކަތައް އަހާާނެ ކަންފަތެކެވެ. ކޮންމެ ހާލެއްގައިވެސް އޭނަ ދެކެ ލޯބިވާނެ ހިތްހެޔޮ ފަރާތެކެވެ. ލޯބިން ބައްދާލައި އެކުދިންނަށް ވަގުތު ހުސްކޮށްލާނެ މަދަދުގާރުންތަކެކެވެ. މިއީ މައިންބަފައިން ވިސްނާލަންެހޭ ކަންކަމެވެ. ދަރިފުޅު ގައިގައި ލޯބިން ބައްދާލާ ލޯބިވާ ވާހަކަ ބުނުމާ އެކު ކުދިންނާއެކު ވަގުތު ހޭދަކޮށް ކަންކަމާ މަޝްވަރާކޮށް ހެދުމަކީ ގުޅުން ބަދަހިވެ، ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވާކަމެކެވެ. އަދި މީގެ ސަބަބުން ދިމާވާ އުނދަގޫ ހާލަތްތަކުން އަރައިގަތުމުގެ ހިތްވަރަކަށް ވެގެންދެއެވެ. އެންޒައިޓީގެ ހާލަތުން އަރައިގަތުމަށް، ކުއްޖާ ޖެހިލުންނުވެ ކުރާނެ ކަންތައްތަކެއް އެ ކުއްޖާ އިތުބާރުކުރާ އަދި އެއްކޮށް ވަގުތު ހޭދަކުރުމަށް ބޭނުންވާ ފަރާތްތައް ހިމެނޭގޮތުން މަޝްވަރާކުރެވި ޕްލޭންތަކެއް ހެދުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އަދި މިފަދަ ޕްލޭނެއް ހެދުމަށްފަހު ކުއްޖާ އެކަމާ ބައިވެރިވުމަށް އިންކާރު ކުރުމަކީ ވެސް ވަރަށް ވުން ގާތް ކަމެކެވެ. އެފަދަ ޙާލަތެއްގައި ވެސް ކުއްޖާ ދެކެ ރުޅިއައުމަށްވުރެ ލޯތްބާ އޯގާތެރިކަން އިސްކުރުން މުހިއްމެވެ. އެހެނީ އެފަދަ ޙާލަތެއްގައިވާ ކުއްޖަކަށް ރުޅިއިސްކޮށްގެން އެހީތެރިކަމުގެ ބަދަލުގައި ދެވޭނީ އަނިޔާއަކަށް ވާތީއެވެ. ހަމަމިޔާއެކު ދަރިފުޅަށް އަޑުއިވޭ ހިސާބުގައި ދަރިފުޅާ މުޙާތަބުކުރުމުގައި “ލަދުގަންނަ ކުއްޖެކޭ” ނުވަތަ “ނުކެރޭ ކުއްޖެކޭ” ބުނުން ފަދަ ކަންކަމުންވެސް ބެލެނިވެރިން ދުރުވާންޖެހެއެވެ.
ކުދިންގެ އަޑުއެހުން: އަޅުގަނޑުމެން ގިނަފަހަރަށް އާދަވެފައި ހުންނަނީ މީހެއްގެ ވާހަކަ އަޑުއެހުމަށްވުރެ ތިމާގެ އަޑު އަނެއްމީހާޔަށް އިއްވުމަށް ކަމުން އެންޒައިޓީގެ އުނދަގޫވާ ކުއްޖަކާ މުޢާމަލާތްކުރުމުގައި ވަރަށް ބޮޑަށް ވިސްނަންޖެހެއެވެ. ތިމާ އެ ކަމަކާ ދޭތެރޭ ދެކޭ ގޮތް ކުއްޖާއަށް އިއްވުމުގެ ބަދަލުގައި ދިމާވެގެން އުޅޭ ޙާލަތު ދެނެގަނެވޭނީ ހަމައެކަނި އެކުއްޖާގެ އިޙްސާސްތަކާއި އުނދަގޫތައް ޚުދު އަމިއްލަ ނަޒަރުން ކިޔުއްވައި، އެ އަޑު އަހައިގެންނެވެ. އެހެންކަމުން ކުދިންގެ އަޑުއެހުމަކީ ކޮންމެ ބެލެނިވެރިޔަކުވެސް ކުރަންޖެހޭ ކަމެކެވެ. އޭގެފަހުން އަމިއްލައަށް ދިމާވެފައިވާ އެފަދަ ޙާލަތްތައް ކިޔައިދީ އެފަދަ ވަގުތުތަކުގައި ކަންކުރަން އެންމެ ރަނގަޅު ގޮތް ކިޔައި ދިނުމަކީވެސް ކުއްޖާ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، މައިންބަފައިންނާއި ކުއްޖާއާއި އޮންނަ ގުޅުންވެސް އިތުރުވެގެންދާނެ ކަމެކެވެ. ހަމަމިޔާއެކު މިއީ ތިމާޔަށް އެކަނި ދިމާވާ ޙާލަތެއް ނޫންކަމާއި މިހާރު ހުރި ޙާލަތުން އަރައިގަނެވި ޢާންމު ދިރިއުޅުމުގައި އުޅޭވޭނެކަމުގެ ޔަޤީނަކަންވެސް ލިބިގެންދެއެވެ.
ކުދިންނަށް ބުރަޔަކަށް ވާވަރުގެ ލަނޑުދަނޑި ޙާސިލުކުރުމަށް ނޭދުން: އަދުގެ މުޖުތަމަޢުގައި އެންމެން އަމާޒު ހިފާފައިވަނީ ކުދިންގެ ފަރާތުން ލިބޭ މާއްދީ ކާމީޔާބީތަކާ ދިމާއަށް ކަމަށްވީހިނދު ކުދިންގެ ޅަޢުމުރު ބައްޓަން ކުރެވިގެން ދަނީ ވާދަވެރި މުބާރާތްތަކުގައި ބައިވެރިވެ ހޯދާ ކާމިޔާބީތަކުން އެވާރޑްތައް އެއްކުރުމަށެވެ. ކުއްޖެއްގެ ކާމިޔާބީ ބަލާ މިންގަނޑަކަށް ވެފައިވަނީ ގޭގެ ސިޓިންރޫމްގައި ހުންނަ ކަބަޑުތަކުގައި ފެންނަން ހުންނަ މެޑަލްތަކާއި ޝީލްޑްތަކަށް މިވަނީ ވެފައެވެ. އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ކުދިންނަށް ދިމާވާ ކަންބޮޑުވުމާއި ހާސްވުމުގެ އަސްލަކީ ކުއްޖާއަށް ނުއުފުލޭވަރުގެ ބުރަތައް ބެލެނިވެރިންނާ ސްކޫލް އަދި މުޅީމުޖުތަމަޢު ހިމެނޭ ގޮތުން ކުއްޖާގެ ބޮލުގައި އެޅުވުމެވެ. އެހެންކަމުން ކުއްޖަކަށް މިއުނދަގޫތައް ދިމާވިކަމުގައިވިޔަސް އަދި ނުވިކަމުގައިވިޔަސް މިއީ ހުރިހާ ދިމާއަކުންވެސް ހުއްޓާލަން ޖެހިފައިވާ ކަމެކެވެ. ކުއްޖެއްގެ ކާމިޔާބީއަކީ ވަށާޖެހޭ ތަޢުލީމުގެ ތެރެއިން ދުޅަހެޔޮ ސިއްޙަތެއްގައި ތަރުބިއްޔަތުވެގެން ބޮޑުވާ ކުއްޖާކަން ޤަބޫލުކޮށް، އެކުއްޖަކާ އެކަށިގެންނުވާ ލަނޑުދަނޑި ހާސިލުކުރުމުގެ ތަކުލީފު އެއްވެސް ކުއްޖެއްގެ ބޮލުގައި ނޭޅުވުމެވެ. މިއީ ކުއްޖެއްގެ ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭނެ އެންމެ ރަނގަޅު ހަދިޔާއެވެ.
ބޭނުންވާ ޙާލަތުގައި ޕްރޮފެޝަނަލް އެހީ ހޯދުން: ބޮލުގައި ރިއްސާނަމަ ނުވަތަ ހުން އަންނަނަމަ އެކަމުގެ ސަބަބު ހޯދައި ބޭސްކޮށްގެން ކުއްޖާ ރަނގަޅުކުރުމަށް ސަމާލުކަން ދެވެއެވެ. މިބީދައިން ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަޅާލެވިއްޖެނަމަ އެންޒައިޓީގެ އުނދަގޫތަކުން އަރައިގަތުމަކީ ނުހަނު ފަސޭހަ ކަމެކެވެ. އެހެންކަމުން މިކަމުގައި ބެލެނިވެރިޔާ އަމިއްލަޔަށް އެހީ ނުވެވޭނެ ކަމުގެ ބިރު އޮވެއްޖެނަމަ އެންމެ ކައިރިން އެހީ ވެވޭނެ ފަރާތްތަކުގެ މަޝްވަރާޔާ އެކު އެކުއްޖަކަށް ބޭނުންވާ ޕްރޮފެޝަނަލް އެހީ ހޯދައިދިނުމަކީ އުނދަގޫތައް އިތުރަށް ގޯސްނުވެ ކުއްޖާ އާންމުޙާލަތަށް ރުޖޫއަވުމަށް ވެދެވޭނެ އެންމެ ބޮޑުއެހީއެވެ.
ހެދިބޮޑުވަމުންދާ ކޮންމެ ކުއްޖަކަށް އެންމެ މުހިއްމުވާނެ އެކައްޗަކީ ދުޅަހެޔޮ ޞިއްޙަތެކެވެ. މިކަމަށްޓަކައި ހަށިގަނޑަށް ފައިދާހުރި ކާނާއާއި ފުރިހަމަ ނިދި ލިބުމާއި ހަށިގަނޑަށް ބޭނުންވާ ކަސްރަތު މިއީ ވަރަށް މުހިންމު ބައިތަކެކެވެ. އެހެންނަމަވެސް ރަނގަޅު ކާނާޔަށްވުރެ ގިނައިން ތައްޔާރީ ކާނާ ކައިގެން، ނިދުމާއި ކަސްރަތު ކުރުމަށް ވަގުތު ދިނުމަށް ވުރެ އިޖުތިމާޢީ ވިއުގަތަކުގައްޔާއި އިންޓަނެޓުން ކުޅޭ ގޭމްތަކަށް ވަގުތު ދިނުން މިވަނީ މިހާރަކަށް އައިސް ޢާންމުވެފައެވެ. އެހެންކަމުން އެންމެ ތުއްތު އިރުއްސުރެން ދުޅަސިއްޙަތެއް ވޭތު ކުރުމަށް ކޮންމެހެން ބޭނުންވާ އާދަތައް އެންމެ ރަނގަޅުގޮތުގައި އަށަގެންނެވުމަށް އަޅުގަނޑުމެން ކޮންމެ ބެލެނިވެރިޔަކުވެސް މަސައްކަތް ކުރަންޖެހެއެވެ. ލޮލުގެ ކޮއި ފަދަ ދަރިފުޅުގެ ތަރުބިއްޔަތުގައި ޝާމިލުވާ ހަމަ ކޮންމެ ފަރުދަކުމެ ގަދައަޅައި މަސައްކަތް ކުރަންވީ ކޮންމެ ކުއްޖަކީވެސް މުޖުތަމަޢަށް ބޭނުންހިފޭ، އުފެއްދުންތެރި، ހަރުދަނާ، ދުޅަހެޔޮ ސިއްހަތެއްގައި ހުރެ ބޮޑުވާ ކުއްޖަކަށް ހެދުމަށެވެ. އަޅުގަނޑުމެންގެ އަޒުމަކަށްވާންވީ މުޖުތަމަޢުގައި ތިބި ނަފްސާނީގޮތުން އެހީތެރިކަން ބޭނުންވާ ކޮންމެ ކުއްޖަކަށް، ވެވުނު މިންވަރަކުން އެހީތެރިވެ ކޮންމެކުއްޖަކީވެސް ހަރުދަނާ، އަމިއްލަ ނަފުސަށް އިތުބާރުކުރާ ކުއްޖެއްގެ ގޮތުގައި ހެދުމަށް ވެވުނު މިންވަރަކުން މަސައްކަތްކުރުމުގައި ދެމިތިބުމެވެ. މިކަމުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު މިންވަރުކުރެއްވުމަކީ އަޅުގަނޑުގެ ދުޢާއެވެ.
ލިޔުނީ : ޑރ. އާޝިޔަތު މުޙައްމަދު ދީދީ
ޑރ. އާޝިޔަތު މުޙައްމަދު ދީދީއަކީ ކިޔަވައިދެމުން ކަންކަން ދަސްކުރުމަށް ޝައުޤުވެރިކަން ހުންނަ މުދައްރިސްއެކެވެ. އޭނާއަކީ އަމިއްލައަށް ކުރިއަރައި އެހެންމީހުން ކުރިއަރުވައިދިނުމަށް މަސައްކަތްކުރާ މީހެކެވެ. އާޝިޔަތު ފާހަގަކުރެވިފައިވަނީ މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރާ، އަންހެނުން ބާރުވެރިކޮށް، ކޮންމެ ކަމެއްގައިވެސް ޕޮޒިޓިވްކޮށް ވިސްނުން ގެންގުޅުމަށް ބާރުއަޅާ ކަނބަލެއްގެ ގޮތުގައެވެ.
ތައުލީމީ ރޮނގުން އާޝިޔަތު ޙާސިލްކުރައްވާފައިވާ ކާމިޔާބީތަކަށް ބަލާލާއިރު އޭނާވަނީ ފިލޯސޮފީ އިން އެޑިޔުކޭޝަންއިން ޑޮކްޓަރުގެ ސަނަދު ޙާސިލްކޮށްފައެވެ. އަދި އެކިއެކި ކަންކަމާއިގުޅޭ ކޮންފަރެންސްތައްވެސް އާޝިއަތު އަންނަނީ ހުށައަޅައިދެމުންނެވެ. މީގެތެރޭގައި އެކި ކަންކަމާއި ގުޅޭ ހޯދުންތަކުގެ މައްޗަށް ކުރިއަށްގެންދާ ކޮންފަރެންސްތަކާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި، މުޖްތަމައު ބާރުވެރިކުރުވުމުގެ އެކިއެކި ކޮންފަރެންސްތައްވެސް އޭނާ އަންނަނީ ހުށައަޅައިދެމުންނެވެ.