ލަންކާ އަށް މަސް އެކްސްޕޯޓްކުރަން ހުރަހެއް ނެތް: މިނިސްޓަރު ޝާހިދު

17 އޮކްޓޯބަރ 2020 - 20:02

ލަންކާ އަށް މަހުގެ ބާވްތައް އެތެރެކުރުން މަނާކުރުމަށް އެ ގައުމުން ވިސްނަމުން ދިޔަ ނަމަވެސް ރާއްޖެ އިން ލަންކާ އަށް މަސް އެކްސްޕޯޓްކުރުމުގައި ހުރަހެއް ނެތް ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ލަންކާ އަށް ރާއްޖޭގެ މަސް އެތެރެކުރުމާ ބެހޭ ގޮތުން ލަންކާގެ ފޮރިން މިނިސްޓަރު ޑީޕީއާރު. ގުނަވަރުދަނާއާ މަޝްވަރާކުރެއްވުމަށް ފަހު މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ މަސް ލަންކާ އަށް އެތެރެކުރުމުގައި ހުރަހެއް ނެތް ކަން ލަންކާ އިން ޔަގީންކޮށްދީފައިވާ ކަމަށެވެ. މިނިސްޓަރު ޝާހިދު ވަނީ އެކަމަށްޓަކައި ލަންކާ އަށް ޝުކުރު އަދާކުރައްވާފައެވެ.

advertisement

ލަންކާގެ ފިޝަރީޒް މިނިސްޓަރާ ޝާހިދު މަޝްވަރާކުރައްވާފައި މި ވަނީ ލަންކާގެ މަސްވެރިކަމުގެ ވިޔަފާރި ހިމާޔަތްކުރުމަށް، ބޭރު ގައުމުތަކުން އެ ގައުމަށް މަހުގެ ބާވަތްތައް އެތެރެކުރުން ހުއްޓާލުމާ ބެހޭ ގޮތުން އެ ގައުމުން ގޮތްތަކެއް ނިންމުމަށް މަސައްކަތް ކުރަމުން ދާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖޭގެ މަހުގެ ބާވަތްތައް ލަންކާ އަށް އެތެރެކުރުން ހުއްޓާލައިފި ނަމަ ދިމާވާނެ މައްސަލަތަކާ ބެހޭ ގޮތުން ރާއްޖޭގެ މަސްވެރިކަމާ ބެހޭ ވަޒީރު ޒަހާ ވަހީދު ވެސް މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވާފައެވެ.

އެ ދުވަހުގެ ޖަލްސާގާއި މިނިސްޓަރު ޒަހާ ވިދާޅުވެފައި ވަނީ މަހުގެ ބާވަތްތައް ލަންކާ އަށް އެކްސްޕޯޓް ނުކުރެވުމަކީ މާ ބޮޑު މައްސަލައެއް ނޫން ކަމަށާއި ރާއްޖޭގެ ވިސްނުމަކީ އެ އަށް ވުރެ ރަނގަޅު މާކެޓްތަކަށް މަސް އެކްސްޕޯޓްކުރުން ކަމަށެވެ. ރާއްޖޭގެ ހިކި މަހުގެ ވިޔަފާރީގައި ލަންކާއަކީ މުހިންމު މާކެޓެކެވެ. ރާއްޖޭގައި އުފައްދާ ގިނަ އަދަދެއްގެ ހިކި މަސް ލަންކާ އަށް އެކްސްޕޯޓްކުރާ އިރު މި މަގު ބަންދުވެއްޖެ ނަމަ ރާއްޖޭގައި މަސް އުފައްދާ ފަރާތްތަކަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ. ރާއްޖޭގެ މަހަށް ލަންކާގެ މާކެޓް ހުޅުވާލާފައިވާ ގޮތަށް ރާއްޖޭގެ މާކެޓް ލަންކާގެ މަސްވެރިންނަށް ހުޅުވާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0