އަމިއްލަ ހިޔާލު: އާސަންދައިގެ ބުރަ ކުޑަކުރަންޖެހޭ!
17 ޑިސެމްބަރ 2023 - 11:39
ޔުނިވާސަލް ހެލްތުކެއާ ސްކީމެއްގެ ދަށުން ވަކި ފަރުދެއް ތަފާތުކުރުމެއް ނެތި ހަމަހަމަ އުސޫލުން ބޭސްފަރުވާކުރެވޭ ނިޒާމަކީ ދުނިޔޭގެ ނިސްބަތުން ވަރަށް މަދު ގައުމެއްގައި ނޫނީ އޮންނަ ކަމެއް ނޫނެވެ. މި ނިޒާމު އޮންނަ ގައުމުތަކުގައި ވެސް މިކަމަށް ފަންޑް ހޯދުމުގައި ތަފާތު ގޮތްތައް ގެންގުޅެއެވެ.
އޭގެ ތެރޭގައި ޓެކްސް ފައިސާ އިން ނުވަތަ ބަޖެޓުން ވަކި މިންވަރެއް ކަނޑައަޅައިގެން ހަރަދުކުރުމާއި ހިދުމަތް ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކުން ކޮންމެ ވެސް މިންވަރެއް ދައްކާ ނިޒާމަކީ ވެސް ބައެއް ގައުމުތަކގައި އޮންނަ ނިޒާމެކެވެ. މި ނޫނަސް ތަފާތު އެތައް ގޮތަކަށް މި ނިޒާމު ހިންގައެވެ.
ރާއްޖެ ފަދަ އުފެއްދުންތެރިކަން ކުޑަ ގައުމަކަށް ވަރަށް ބޮޑު ބުރައެއް
ރާއްޖޭގައި އޮތީ ޕަބްލިކް ފަންޑް ނުވަތަ ޓެކްސް ޕޭޔާ ފަންޑްކުރާ ގޮތަށް އޮތް ނިޒާމެކެވެ. މިއީ ދައުލަތަށް ބުރަ ބޮޑު ނިޒާމެކެވެ. ހާއްސަކޮށް ވަކި އަދަދެއް ކަނޑައެޅުމެއް ނެތި ހުރިހާ ފަރުދުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތަށް އޮތުމަކީ ރާއްޖެ ފަދަ އުފެއްދުންތެރިކަން ކުޑަ ގައުމަކަށް ވަރަށް ބޮޑު ބުރައެކެވެ. އަދި ދުވަހެއް ދުވަހަކަށް ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުންގެ އަދަދު އިތުރުވަމުން ދިއުމަކީ ވެސް މި ނިޒާމުގެ ބުރަ ސަރުކާރަށް އުފުލަންޖެހޭ މިންވަރު ބޮޑުވާ ސަބަބެކެވެ. މީގެ އުތުރުން އެކަށީގެންވާ ގޮތެއްގައި އާސަންދައިގެ ނިޒާމު ބެލެހެއްޓޭނެ ގޮތެއް ނެތުމާއި ކޮރަޕްޝަނަކީ ވެސް މި ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތަކެވެ.
އާސަންދަ އަށް ފީއެއް ނެގުމުގެ ބަހުސަކީ މީގެ ކުރިން ވެސް ކުރެވެމުން އައި ބަހުސެކެވެ. އެހެން ނަމަވެސް ސިޔާސީ ބޭނުމަށްޓަކައި ސިޔާސީ ފަރާތްތަކަށް ނުވަތަ އެ އިރެއްގައި އޮންނަ ސަރުކާރަކަށް މި ވާހަކަ ދެއްކުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. އެއީ ރައްޔިތުންގެ ތާއީދު ގެއްލިދާނެތީއެވެ. އެހެން ނަމަވެސް ވަށައިގެން ހުރި ކަންކަމަށް ބަލާއިރު މި ނިޒާމު ދެމެހެއްޓުމަށް މިހާރަށް ވުރެ ހަރުދަނާ އުސޫލްތަކެއް ގާއިމުކުރަންޖެހޭކަން ހަމަ ބުއްދި ހުރި ކޮންމެ މީހަކު ވެސް ގަބޫލުކުރާނެއެވެ.
ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް ހިންގާ އާސަންދަ ކުންފުނީގެ މެނޭޖްމަންޓުން ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި ވަނީ މި ސްކީމުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކޮށްފައެވެ. އެ ގޮތުން މި ނިޒާމު ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދަން ބޭނުން ނަމަ މެޑިކަލް އިންޝުއަރެންސް ޕޮލިސީތައް ފަދައިން ކޯޕޭމަންޓެއް ނެގުން މުހިންމު ކަމަށް ބުނެފައި ވެއެވެ.
އަދި ކޮންމެ އަހަރަކު ވެސް ބަޖެޓް ކުރާ މިންވަރަށް ވުރެ އިތުރަށް ހަރަދު ކުރަންޖެހުމަކީ ވެސް އެ ސްކީމް ހިންގުމުގައި ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މި އަހަރަށް ކަނޑައެޅި ބަޖެޓް ވެސް ހުސްވެ، ސަޕްލިމެންޓަރީ ބަޖެޓުގައި އިތުރަށް 2.3 ބިލިއަން ރުފިޔާ ޖަހާފައި ވެއެވެ.
އެކަށީގެންވާ އުސޫލެއް ނެތް
އާސަންދަ ކުންފުނިން ފާހަގަކުރި އަނެއް ބޮޑު މައްސަލައަކީ ޕްރައިވެޓް ކްލިނިކްތަކުން އާސަންދަ ލިބޭ ގޮތަށް އޮތް އިރު އެކަމުގައި ވެސް އެކަށީގެންވާ އުސޫލެއް ނެތުމެވެ. އަދި އެކަން ކުރުމަށް ޕެކޭޖްތަކެއް ހެދި ނަމަވެސް ޕްރައިވެޓް ސެކްޓަ އިން އެކަމަށް އެއްބާރުލުން ނުލިބޭކަން އެ ކުންފުނިން ފާހަގަކޮށްފައި ވެއެވެ.
“މިސާލަކަށް ނީ އޮޕަރޭޝަން އެއްޗެހި ކުރަން ހުންނާނެ ޕެކޭޖު ހަދައި ދީފައި. އެކަމަކު ހުރިހާ ސާޖަރީސްތަކަށް އަދިއެއް ޕެކޭޖެއް ނުހެދޭ. އަދި ކޮންމެވެސް ވަރަކަށް ޕްރައިވެޓް ސެކްޓާގައި އަގު ބޮޑުކޮށް މިހުންނަނީ. ދެން ޕްރައިވެޓް ސެކްޓާގައި އެހާ ބޮޑު އެއްބާރުލުމެއް އޭގެ ޕެކޭޖްތައް ހެދުމުގައި ނުލިބިފައި އޮތީ،” އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އައިމިނަތު ޒީނިޔާ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ފަރުދުންގެ މެދުގައި ތަފާތުކުރުމެއް ނެތި ބޭސްފަރުވާގެ ހިދުމަތް ލިބޭނެ ނިޒާމުތައް ހިންގުމުގައި އެކި ގައުމުތަކުން ގެންގުޅެނީ އެކި ނިޒާމްތަކެވެ. ބައެއް ގައުމުތަކުގައި މީހާ އަށް ލިބޭ އާމްދަނީ އަށް ބަލާއިރު އަނެއް ބައި ގައުމުތަކުގައި ސަރުކާރުގެ އިތުރުން އާންމު ފަރުދުންގެ އަތުން ވަކި މިންވަރެއް ނަގައިގެން ވެސް ސިއްހީ ހިދުމަތް ފޯރުކޮށްދެއެވެ.
އަދި އަނެއްބައި ގައުމުތަކުގައި ކޮންމެ ފަރުދަކު ވެސް އިންޝައުރެންސް ޕްކޭޖެއް ނެގުމަށް މަޖުބޫރުކޮށް އެފަދަ އިންޝުއަރެންސް ޕެކޭޖްތައް ނެގޭނެ ތަނަވަސްކަން ނުހުންނަ ފަރާތްތަކަށް ސަރުކާރުން އެކަން ކޮށްދޭ ގޮތަށް ވެސް އިންޝުއަރެންސް ނިޒާމު ބައްޓަންކޮށްފައި ވެއެވެ. މި ނިޒާމުތައް ސަރުކާރުގެ އިންޝުއަރެންސް ކުންފުނިން ހިންގާ އިރު ބޮޑު ބައެއް ދައުލަތުގެ ބަޖެޓުން ވެސް ހިއްސާކުރެއެވެ.
ރާއްޖޭގައި ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ އާސަންދައިގެ ނިޒާމުގެ ތެރެއިން އަމިއްލަ ފަރާތްތަކަށް މަކަރު ހެދުމަށް އޮތް ފުރުސަތުތައް ތަނަވަސްވެފައި އޮތެވެ. އެހެން ނަމަވެސް މި ބާގަނޑުތައް ބެއްދުމަށް އާސަންދަ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ކުރިއާ ހިލާފަށް ބޭސް ސިޓީ އަށް ބޭސް ނެގުމުގައި ވެސް މިހާރު ވަނީ ހަރުދަނާ އުސޫލްތަކެއް ގާއިމުކޮށްފައެވެ.
އެ ގޮތުން ބޭސް ސިޓީ އަށް ބޭސް ނެގުމުގައި އޯޓީޕީ ކޯޑެއް ބޭނުން ކުރާ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ބޭހަށް ކުރާ ހޭދަ ކުޑަކުރުމަށް މެކްސިމަމް ނުވަތަ ބޭހުގެ އެންމެ ބޮޑު އަގު ކަނޑައެޅުން ވެސް ހިމެނެއެވެ. އެހެން ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ މިކަން އަދި ވަނީ ނުފެށި ކަމަށް ޒީނިޔާ ވިދާޅުވިއެވެ.
ހަރަދު ކުޑަކުރުމަށް ގިނަ ކަންތައްތަކެއް ކުރި ނަމަވެސް އާސަންދަ ކުންފުނިން ދެކޭ ގޮތުގައި ހަރުދަނާ ގޮތެއްގައި މި ނިޒާމު ކުރިއަށް ގެންދެވޭނީ އިންޝުއަރެންސް ސްކީމެއް ގޮތަށް ކޯޕޭމަންޓެއް ނުވަތަ ހިދުމަތް ހޯދާ ފަރާތުން ކޮންމެވެސް މިންވަރެއް ދައްކައިގެންނެވެ. މިއީ އެ ކުންފުނީގެ ވިސްނުމެވެ. އެހެން ނަމަވެސް އެ ވާހަތަކަށް ސަރުކާރުން ބުނެފައި ވަނީ އާސަންދައިގެ ހިދުމަތް ހޯދުމަށް ރައްޔިތުންގެ އަތުން ފައިސާ ނެގުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
އާސަންދަ ކުންފުނީގެ ވާހާކަތަކާ ގުޅިގެން ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ވިދާޅުވީ ދައުލަތުން ކިތަންމެ ބޮޑު ހޭދައެއް ކުރަންޖެހުނު ނަމަވެސް ރައްޔިތުން އަތުން ފައިސާ ނަގައިގެން ނުވަތަ ކޯޕޭމަންޓް މޮޑެލްއަކަށް ދިއުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އެހެން ނަމަވެސް ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި ބޮޑު ކަމެއް ދިމާވާ ފަހަރެއްގައި އާސަންދައިގެ ތެރެއިން ރައްޔިތުންނަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮނުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
“ވަރަށް ގިނަ ފަހަރު އަމިއްލަ ހޮސްޕިޓަލުތަކަށް ދާން ޖެހޭ. އެ ހުރިހާ ފަހަރެއްގައި އަޅުގަނޑުމެންގެ ޖީބުން ބޮޑެތި ހަރަދުތަކެއް އެކަމަށް ކުރަން ޖެހޭ. ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ މައިގަނޑު ވިސްނުން ހުރީ އެއް ކޮޅުން މިހާ ބޮޑު ހޭދައެއް ކުރެވެމުންދާ އިރު، އަނެއްކޮޅުން ރައްޔިތުންނަށް މާ ބޮޑު ފައިދާއެއް ލިބޭ ގޮތަށް ނޫނޭ ކަންކަން ބައްޓަން ވެފައި އޮތީ. މިކަން ހައްލުކުރެވޭނީ ކިހިނެއްތޯ،” ފިރުޒުލް ވިދާޅުވި އެވެ.
ސަރުކާރުގެ ވިސްނުމަކީ އާސަންދައިގެ ހިދުމަތް މިހާރަށް ވުރެ ވެސް ފުޅާކުރުން
ފިރުޒުލް ވިދާޅުވި ގޮތުން ނަމަ ސަރުކާރުގެ ވިސްނުމަކީ އާސަންދައިގެ ހިދުމަތް މިހާރަށް ވުރެ ވެސް ފުޅާކުރުމެވެ. އަދި ބޮޑެތި ބަލިތަކުގައި މިހާރު އާސަންދަ ނުލިބި އޮތް އޮތުން ވެސް ބަދަލުކޮށް އެކަން ކަމަށް މަގުފަހިކުރުމަކީ ވެސް މި ސަރުކާރުގެ ވިސްނުމެކެވެ.
އާސަންދައިގެ ހަރަދު ބޮޑުވުމުގައި ދިމާވާ މައިގަނޑު އެއް ސަބަބަކީ ބޭސްފަރުވާގެ ކަންކަމުގައި އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށް ބަރޯސާވާ މިންވަރު ބޮޑުވުމާއި ރާއްޖޭން ބޭރަށް ފަރުވާކުރަން ދާންޖެހުން އިތުރުވުމެވެ.
މިކަންކަން ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ހަމަޖެހިގެން ދިއުމަކީ ވެސް މި ނިޒާމަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވޭނެ ކަމެކެވެ. އެ ގޮތުން ސަރުކާރު ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެތެރެކުރާ ބޭހުގެ އަގު ކުޑަކުރުމަކީ ވެސް އާސަންދަ އަށް ސަރުކާރުން ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެ ކަމެކެވެ. ފިރުޒުލް ވެސް ވިދާޅުވީ މިކަންކަން ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އާސަންދަ ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށް ކުންފުނިން ގެންގުޅޭ ވިސްނުމާއި ސަރުކާރުގެ ވިސްނުން ތަފާތުވި ނަމަވެސް ޔުނިވާސަލް ހެލްތުކެއާ ސިސްޓަމްތައް ކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތައް ބަލައި ދިރާސާކުރަންޖެހެއެވެ.
އަދި ދެމެހެއްޓެނިވި ގޮތެއްގައި އަދި ހާއްސަކޮށް އެ ނިޒާމަށް ކުރަންޖެހޭ ހަރަދު ސަރުކާރަށް ނުކަތާ ވަރަށް ދިޔަނުދީ ހިފެހެއްޓޭނެ ގޮތްތައް ހޯދަންޖެހެއެވެ. އެންމެ ނިކަމެތި މިހާއެކޭ އެއް ހަމައިން އެންމެ މުއްސަނދި މީހާގެ ބޭސްފަރުވާގެ ކަންކަމަށް ދައުލަތުން ހަރަދުކުރަންޖެހޭ ގޮތަށް އޮތް ނިޒާމާ މެދު ދެ ވަނަ ވިސްނުމަކުން ވިސްނާލަންޖެހެއެވެ.