އޭސީސީގެ ފަސް މެންބަރުން މަގާމުން ވަކިކުރަން ހުށަހަޅައިފި
20 އޮކްޓޯބަރ 2020 - 17:58
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަސް މެންބަރުން މަގާމުން ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހުށަހަޅައިފިއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޭސީސީގެ މެންބަރުން ވަކިކުރަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދުއެވެ.
މައްސަލަ ހުށަހަޅުއްވަމުން ހަސަން ވިދާޅުވީ ފަސް މެންބަރުން އެއްކޮށް ވަކިކުރަން ހުށަހެޅުއްވީ އެ މެންބަރުން އައްޔަންކުރި ފަހުން ހިނގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާފައި ނުވާތީ ކަމަށެވެ. އަދި އެތައް މައްސަލައެއް ފުނިޖެހިފައިވާ އިރު އެ މައްސަލަތައް ބެލުމުގައި އެކަށީގެންވާ މަސައްކަތް އެ މެންބަރުން ކުރައްވާފައި ނުވާ ކަމަށް ހަސަން ތުހުމަތުކުރެއްވިއެވެ.
އުސޫލެއްގެ ގޮތުން މެންބަރަކު ކޮމީޓީއަށް މައްސަލައެއް ހުށަހަޅުއްވައިފި ނަމަ އެ މައްސަލައަކާ މެދު ގޮތެއް ކަނޑައެޅުމަށް ވޯޓެއް ނެގި ނަމަވެސް ހަސަންގެ ހުށަހެޅުމަށް، ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް މިއަދު ވޯޓަށް އައްސަވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ވިދާޅުވީ މާދަމާގެ ބައްދަލުވުމަށް އެކަން ތާވަލްކުރައްވާނެ ކަމަށެވެ.
ހެލްތު މިނިސްޓްރީ އާއި އެ ނޫން ވެސް ބައެެއް އިދާރާތަކުގެ ކޮރަޕްޝަންގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލޭތީ އޭސީސީގެ މެންބަރުންނަށް މަޖިލީހުގެ ތަޅުމުގައި ވެސް އެމްޑީޕީގެ މެންބަރުން ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ. އަދި އޭސީސީގެ މެންބަރުން މަގާމުން ދުރުކުރަންޖެހޭ ކަމަށް އެމްޑީޕީގެ މެންބަރުން ގެންދަވަނީ ސޯޝަލް މީޑިއާގައި ވެސް ހިޔާލު ފާޅުކުރައްވަމުންނެވެ.
އޭސީސީގެ މެންބަރުން މަގާމުން ވަކިކުރަން ކޮމިޓީ އަށް ހުށަހަޅާފައި މި ވަނީ ކޮވިޑްގެ ތެރޭގައި ހެލްތު މިނިސްޓްރީން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގައި އިހްމާލުވެފައިވާ ކަމަށް ތުހުމަތުކުރެވޭ ދަނޑިވަޅެއްގައެވެ. އެ ގޮތުން ހެލްތު މިނިސްޓަރާއި އެތައް ބައެއްގެ މައްޗަށް ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް އޭސީސީން ހުށަހެޅި އިރު އެކަށީގެންވާ ގޮތެއްގައި އެ މައްސަލަ ތަހުގީގުކޮށްފައި ނުވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. އަދި އެ މައްސަލާގައި ދައުވާކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައި ނުވާތީ ޕީޖީން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.
މި މައްސަލައިގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ކޮރަޕްޝަންގެ މައްސަލަތަކާއި މިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގައި ވެސް އޭސީސީ އަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.