ބިޑް ކޮމިޓީގައި މީގެ ފަހުން ސިޔާސީ ބޭފުޅުން ނުތިއްބަވާނެ: ފިނޭންސް މިނިސްޓްރީ
21 އޮކްޓޯބަރ 2020 - 12:54
ސަރުކާރުގެ އޮފީސްތަކުގައި ގާއިމުކުރާ ބިޑް ކޮމިޓީތަކުގައި މީގެ ފަހުން ސިޔާސީ ބޭފުޅުން ނުހިމެނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދައުލަތުގެ އެކި އޮފީސްތަކުގައި ގާއިމްކުރާ ބިޑް ކޮމިޓީތަކަށް ސިޔާސީ ގޮތުން އައްޔަނުކުރެވޭ ބޭފުޅުންނާއި އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް އައްޔަނު ނުކުރެވޭނެ ކަމަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން މި ގޮތަށް ނިންމި އިރު މީގެ ކުރިން އޮފީސްތަކުން އެކުލަވާލާފައިވާ ބިޑް ކޮމިޓީތަކުގައި ސިޔާސީ ބޭފުޅުން ހިމަނުއްވައެވެ. ނަމަވެސް ފަހަކަށް އައިސް ބިޑް ކޮމިޓީތަކުން ނިންމާ ނިންމުންތަކާ މެދު ސުވާލު އުފެދި ސިޔާސީ ފަރާތްތަކުގެ ނުފޫޒު ކޮމިޓީތަކަށް ފޯރާ ކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފައެވެ. އަދި ކޮރަޕްޝަންގެ ބައެއް މައްސަލަތައް ތަހުގީގުކުރުމުގައި ވެސް އެކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އެކަމާ ގުޅިގެން ބިޑް ކޮމިޓީގެ ބޭފުޅުންނަށް ފިޔަވަޅު ވެސް އަޅާފައި ވެއެވެ. އެ ގޮތުން ކޮވިޑްއާ ގުޅިގެން ވެންޓިލޭޓަރު ގެނައުމަށް ހެލްތު މިނިސްޓްރީން އެކި ކުންފުނިތަކާ ހަވާލުކުރުމުގައި ބިޑް ކޮމިޓީން ނިންމާފައިވާ ނިންމުންތަކާ މެދު ތުހުމަތުކޮށް ބިޑް ކޮމިޓީގެ މެންބަރުން ސަސްޕެންޑްކޮށްފައި ވެސް ވެއެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ކުރި ތަހުގީގަށް ފަހު އެ މެންބަރުންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ވެސް ހުށަހެޅިއެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޕީޖީން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.