އަމިއްލަ ހިޔާލު: “ރަސްމާލެ” — ރާއްޖޭގެ ދުބާއީތަ؟

26 ޑިސެމްބަރ 2023 - 11:22

އާ ސަރުކާރުގެ އެންމެ ބިޔަ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ހޯމަ ދުވަހު މި ވަނީ ފަށައިފައެވެ. މާލޭގެ ދެކުނުން ގުޅި ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ އިރު ސަރުކާރުން ބުނެފައި ވަނީ އެ ސަހަރު ވެގެންދާނީ ދުނިޔެއަށް ވެސް ނަމޫނާއަކަށެވެ.

ގުޅީގެ އިހްތިޞާސްގެ ތެރެއިން ވަކިކޮށް ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ “ރަސްމާލެ”ގެ ނަން ދީފައިވާ އެ ސަހަރު ޕްރޮމޯޓްކުރުމަށް ހަމަޖައްސާފައި ވަނީ “އިކޯ ސިޓީ”ގެ ގޮތުގައި ކަމަށް ވެސް ސަރުކާރުން ބުނެފައި ވެއެވެ. އެއްބަޔަކު އެ ތަން ސިފަކުރަނީ ރާއްޖޭގެ “ދުބާއީ”ގެ ގޮތުގައެވެ. 

advertisement

ފުށިދިއްގަރު ފަޅު ހިއްކުމަށް ސަރުކާރުން މި އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ޖެހިއެވެ. އެހެން ނަމަވެސް ކުރީ ސަރުކާރުން ފަށާފައިވާ ހުޅުމާލެ ތިން ވަނަ ފޭހާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކުމާއި ތަރައްގީކުރުމުގެ މަސައްކަތަށް އެއްވެސް ފައިސާއެއް ކަނޑަނާޅާ ކަމަށް ބުނެ، އިދިކޮޅުގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ބަޖެޓުން އެ މަޝްރޫއު އުނިކޮށްފައެވެ.

އަދި އެ ފައިސާގެ ތެރެއިން 200 މިލިއަން ރުފިޔާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ސަރުކާރުން ހިއްކަން ކަނޑައެޅި ތަންތަނަށް ހަމަޖައްސައި ބާކީ 200 މިލިއަން އެހެން މަޝްރޫއުތަކަށް ބަހާލީއެވެ. 

އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުންނެވީ އެކަމަށް ދޫދެއްވާ ގޮތަކަށް ނޫނެވެ. ބަޖެޓްގެ ތެރެއިން ކުރެވެން ނެތުމުން އާބަންކޯ މެދުވެރިކޮށް މަޝްރޫއު އެ ވަނީ ފައްޓަވާފައެވެ. ރަސްމާލެ އަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އާބަންކޯއިން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ. 

އެ ކުންފުނިން މަސައްކަތްކުރާނީ ރާއްޖޭގައި ބިން ހިއްކުމުގެ އެންމެ ތަޖުރިބާކާރު އެއް ކުންފުނި ކަމަށްވާ ހޮލެންޑްގެ ބޮސްކާލިސް އާއި ޗައިނާ ސްޓޭޓްއާ ވެސް ގުޅިގެންނެވެ. ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖައްސާފައި ވެއެވެ. މިއި މިހާރު ހިއްކާފައި އޮތް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ތިން ގުނަ ބޮޑު ބިމެކެވެ. ރަސްމާލެ ތަރައްގީކުރާނީ ތިން ބަޔަކަށް ބަހާލައިގެން ހުޅުމާލެ 1 އަދި 2ގެ ދެމެދު ފެންދެމޭ ގޮތަށް ގުޅުވާލުމަށް އަޅާފައިވާ ގޮތަށް ބްރިޖް އަޅައިގެންނެވެ.  

ޒީރޯ ކާބަން ސިޓީއެއް

ރައީސް ޑރ. މުއިއްޒު އިއްޔެ ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު މުޅިން ވަކި ސިޓީއެއް ގޮތަށް ރަސްމާލެ ތަރައްގީކުރާނީ ޒަމާނީ އެތައް ކަމެއް ހިމެނޭ ގޮތަށެވެ. ސިއްހީ ހިދުމަތްތަކާއި ތައުލީމާއި ވަޒީފާގެ ފުރުސަތާއި އިގްތިސާދީ އެތައް ކަމެއް ހިމެނޭ ގޮތަށެވެ. ދަތުރު ފަތުރުގެ ނިޒާމު ގާއިމުކުރާނީ ތިމާވެއްޓަ ރައްޓެހި ގޮތަށެވެ. 

މާނައަކީ އެ ތަނުގައި ބޭނުންކުރާ އުޅަނދުފަހަރަކީ ސޯލާ ނުވަތަ ބެޓެރީ ބޭނުންކޮށްގެން ދުއްވާ އުޅަނދުފަހަރަށް ވާނެއެވެ. އަދި ބޭނުންކުރާނީ އިޔާދަކުރަނިވި ހަކަތައެވެ. އެއީ ޒީރޯ ކާބަން ސިޓީއެކެވެ. ބިން ހިއްކަނީ ސޭފް އައިލެންޑެއްގެ ގޮތުގައި ހުޅުމާލެ އަށް ވުރެ ވެސް އުސްކޮށެވެ. މެދަށް ކަނޑުގެ ލޮނުގަނޑުން ފެށިގެން ތިން މީޓަރު އަދި އަރިމިއްޗަށް ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެއެވެ. 

“ޒަމާންތަކެއް ވަންދެން ހައްލު ނުވެ އޮތް ގެދޮރުގެ މައްސަލަ އަށް ތާއަބަދަށް، އިރާދަކުރެއްވިޔާމު ދާއިމަށް އެ މައްސަލަ ހައްލުވެގެންދާނެ. ހައްލުކޮށްދޭނަން މި ތަނުން،” މަޝްރޫއު ފެށުމަށް ފުށިދިއްގަރު ފަޅުގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ. 

ފުށިދިއްގަރުފަޅު ތަރައްގީކުރުމާ މެދު ސުވާލު އުފައްދާ ފަރާތްތަކުގެ ކަންބޮޑުވުން

ފުށިދިއްގަރުފަޅު ތަރައްގީކުރުމާ މެދު ސުވާލު އުފައްދާ ފަރާތްތަކުގެ ކަންބޮޑުވުން ގުޅިފައި އޮތީ އެ ސަހަރާއި މާލެ ގުޅުވާލުމުގައެވެ. ފުންކަނޑެއް ހުރަސްކޮށް ހައި ސްޕީޑް ލޯންޗެއްގައި ވިއްސަކަށް މިނިޓުން ދެވޭ ހިސާބުގައި އޮތް އެ ފަޅާއި މާލެއާ ދެމެދު ބްރިޖެއް އެޅުމަކީ ނާދިރު ކަމެކެވެ. ބްރިޖެއް އެޅުމަށް ސަރުކާރުގެ ވިސްނުމުގައި ވެސް ނެތެވެ. އެހެން ނަމަވެސް ސަރުކާރުގެ ވިސްނުމަކީ ކަނޑުމަގާއި ވައިގެ މަގުން ވެސް ގުޅުވާލުމެވެ. 

“މާލެ އާއި މި ތަނާ ދޭތެރޭގައި، މި ރަސްމާލެއާ ދޭތެރޭގައި މިހާރު ބޭނުންކުރާ ޒަމާނީ އެކްސްޕްރެސް ޓްރާންސްޕޯޓް ސިސްޓަމް އެބަހުރި. ކަނޑުގެ ރޯޅި، ނޫނިއްޔާމު އޮއިގަ، ނޫނިއްޔާމު ރާޅުގައި އެހާ ބޮޑަށް އުނދަގޫ ނުވާ ކަހަލަ، ދުއްވޭ ކަހަލަ ލޯންޗްފަހަރު، ފެރީ ނިޒާމު އެބަހުރި ދުނިޔޭގައި. އެކަހަލަ ހައި ސްޕީޑް ނިޒާމު ގެނައުމަށް އަޅުގަނޑުމެން ނިންމާފައިވޭ،” ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

މީގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކާ ވައިގެ މަގުން ގުޅޭ ގޮތަށް އެ ސަރަހައްދުގައި އޮތް އިތުރު ފަޅެއްގައި އެއާ ސްޓްރިޕެއް ތަރައްގީކުރުމަށް ވެސް ސަރުކާރުގެ ޕްލޭންގައި ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

“މިތާ ކައިރިން، އެންމެ ކައިރިން އޮތް ފަޅުގައި އަޅުގަނޑުމެން ގަސްތުކުރަން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް އުނދަގޫ ނުވާނެ ގޮތަކަށް އިތުރު އެއާ ސްޓްރިޕެއް ވެސް  ގާއިމުކުރާނަން. ގާއިމުކޮށް އެ ތަނާއި ރަސްމާލެއާ، ވަރަށް ކައިރި ކުޑަކުޑަ ކަނޑައޮޅިއެއް އޮންނަނީ، ގުޅުވާލާނަން. ގުޅުވާލީމާ އެ ގޮތުން ވެސް ގުޅިގެން އެ ދިޔައީ،” ރައީސް ވިދާޅުވިއެވެ.

މާލެ ސަރަހައްދާއި ރަސްމާލެ ގުޅާލުމަށް މި ވަގުތު ސަރުކާރުގެ ވިސްނުމަކީ ކަނޑުގެ ދަތުރުފަތުރުގެ ނިޒާމެއް ނަމަވެސް މުސްތަގުބަލުގައި މި ނޫން ގޮތަކަށް މިކަން ކުރުމަށް ވެސް ފުރުސަތު އެބަ އޮތެވެ. މި މަޝްރޫއާ އެކީގައި ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ހިޔާލުތައް މުއްސަންޖެވެ. އެ ގޮތުން ކަނޑުއަޑީން އަޅާ ބްރިޖަކުން ނުވަތަ ބޭރުގެ ބައެއް ގައުމުތަކުގައި މިހާރު ތަރައްގީކުރަމުން އަންނަ ފަދަ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އެހެން ނަމަވެސް އޮއިގަދަ ފުށް އެ ކަނޑައޮޅީގައި އެފަދަ ނިޒާމެއް ގާއިމުކުރުމަށްޓަކައި ގިނަ ދިރާސަތަކެއް ކުރަންޖެހޭނެއެވެ.

“މި ތަން ޑިވެލޮޕްވެގެންދާނީ ގެދޮރުގެ މަންޒިލަކަށް، ވަޒީފާގެ މަންޒިލަކަށް، އާމްދަނީގެ ފުރުސަތުތައް ލިބޭ، އަދި އެކި ކަހަލަ ވިޔަފާރީގެ ފުރުސަތުތައް ލިބޭ ތަނެއްގެ ގޮތުގައި. މިތަނަކީ އިންކްލޫސިވް ޑިވެލޮޕްމަންޓެއްގެ ގޮތުގައި، މުޖުތަމައުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ފަސޭހައިން އުޅެވޭ ތަނަކަށް ޕްލޭންކުރެވިގެންދާނީ،” ޑރ. މުއިއްޒު ވިދާޅުވިއެވެ. 

ރަސްމާލެ ދުބާއީހެން ތަރައްގީނުކުރެވެންވީ ކީއްވެހެއްޔެވެ؟

ސަރުކާރުގެ ޕްލޭންގައި ބޮޑެތި ކަންތައްތަކެއް ރަސްމާލެ އަށް ހިމަނާފައި ވެއެވެ. އަދި ފަސް އަހަރުގެ ތެރޭގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ގިނަ ކަންތަތަކެއް ހިމަނާފައި ވެއެވެ. އެހެން ނަމަވެސް މި ވަރުގެ ވަރުގަދަ ސަހަރެއް ކޮޅަށް ޖެހުމަށް ދުވަސްތަކެއް ނަގާނެއެވެ. އަދި އެތައް ބިލިއަން ރުފިޔާއެއް ބޭނުންވާނެއެވެ. ސުވާލަކީ އެ ފައިސާ ހޯދާނީ ކިހިނެއް ހެއްޔެވެ؟

އާބަންކޯ އިން މަޝްރޫއަށް ފަންޑްކުރާނެ ގޮތުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެސެޓްގެ ގޮތުން ވެސް ރާއްޖޭގެ އެންމެ މުއްސަނދި ކުންފުންޏަށް މި ފަދަ މަޝްރޫއެއް ހިންގުމަށް މާބޮޑު ދައްޗެއް އޮންނާނެ ކަމަށް ނުބެލެވެއެވެ. އެ ކުންފުނީގެ ދަށުގައި ހުރި ބިންތަކާއި އަދި ސަރުކާރުގެ އެހީތެރިކަމާ އެކު މި މަޝްރޫއަށް ފަންޑް ހޯދުމަށް މާ ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ނުބެލެވެއެވެ. މީގެ އިތުރުން ރަސްމާލެ ޕްލޭންކުރެވިފައިވާ ގޮތުން ވިޔަފާރީގެ އެކި އެކި ކަންކަމަށް އިންވެސްޓްކުރާނެ ބޭރުގެ ފަރާތްތައް ވެސް މަދެއް ނުވާނެއެވެ.

ބައެއް ފަރާތްތަކުން “ރަސްމާލެ” ދުބާއީއަށް ވެގެންދާނެ ކަމަށް ބުނަމުންދާއިރު އަނެއް ބަޔަކު ދެކޭ ގޮތުގައި ރަސްމާލޭގައި އުސް އިމާރާތްތަކެއް އެޅުމަކީ ފަސޭހަ ކަމަށް ނުވެދާނެއެވެ. މައިގަނޑު ސަބަބަކީ އެ ރަށް އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މަތިންދާބޯޓު ތިރިކުރަން އޮތް މަގުގައި ކަމަށް ވާތީއެވެ. އެހެން ނަމަވެސް މިއީ ހައްލުނުކުރެވޭނެ ކަމެއް ނޫނެވެ. 

ބައެއް މީހުންގެ ހިޔާލީ މަންޒަރުތަކުގައި ރަސްމާލޭގައި ބްރުޖް ޚަލީފާ ފަދަ ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ ނުވަތަ ރީތި ބިނާތައް މިހާރު ވެސް އަންނަނީ ކުރަހަމުންނެވެ. 

ސުވާލަކީ އެ ވަރުގެ ސްކޯޕެއް ސަރުކާރަށް އުފެއްދިދާނެ ހެއްޔެވެ؟ ދުބާއީއަކީ ވެސް އެއް އިރެއްގައި ހަނަފަސް ސަހަރާއެކެވެ. މާ ބޮޑު އާބާދީއެއް އޮތްތަނެއް ނޫނެވެ. 

އެހެން ނަމަވެސް މޮޅު ވިސްނުމާއި ތަރައްގީ އަށް ފެންބޮވައިގެންފައިވާ ބައެއްގެ ވިސްނުމުގެ ތެރެއިން ދުބާއީ ދުބާއީއަކަށް ހެދީއެވެ. ރަސްމާލެ އެ ގޮތަށް ތަރައްގީނުކުރެވެންވީ ކީއްވެހެއްޔެވެ؟

ރިއެކްޝަންސް
3
3
1
0
0
1
0