އަމިއްލަ ހިޔާލު: އިމްޕީޗްކުރުމުގެ ވާހަކަ — “ޓްރާންސްފާ މާކެޓަށް” ހުޅުވި ދޮރެއް!

28 ޑިސެމްބަރ 2023 - 13:52

ސަރުކާރު ބަދަލުވުމާ އެކު މަޖިލީހުގެ ތެރެއިން މެންބަރުން ވެސް ޕާޓީ ބަދަލުކުރުމަކީ އާންމު ކަމެކެވެ. މިއީ މީގެ ކުރިން ވެސް ފެނި، ބާވެފައިވާ ކަމެކެވެ. އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މިކަން ތަންކޮޅެއް ކުޑައެވެ. މައިގަނޑު ސަބަބަކީ އެމްޑީޕީ ވެރިކަމަށް އައިއިރު ވެސް މަޖިލީހުގައި މެޖޯރިޓީ އޮތުމާއި އަދި ވެރިކަމުގެ ކުރީކޮޅު ބޭއްވި އިންތިހާބުގައި ސުޕަ މެޖޯރިޓީ އެ ޕާޓީ އަށް ލިބުމެވެ. 

އަނެއްކާ ވެސް މި ވަނީ ވެރިކަން ބަދަލުވެފައެވެ. ވެރިކަންކުރާ ޕާޓީ ވެސް ބަދަލުވެފައެވެ. މިފަހަރުގެ ތަފާތަކީ މަޖިލީހުގައި އިދިކޮޅަށް މާ ބޮޑު މެޖޯރިޓީއެއް އޮތުމާއި ވެރިކަން ކުރާ ޕާޓީގެ އަޑު އުފުލާނެ ދެ ތިން މެންބަރުން މަޖިލީހުގައި ތިބުމެވެ.

advertisement

މި ފަހަރުގެ “ޓްރާންސްފާ މާކެޓް” ހުޅުވުމަށް ހޯދި ބަހަނާއަކީ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމުގެ ވާހަކައެވެ. އައު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވިތާ މަހެއް ނުވަނީސް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ވާހަކަ ތުންތުން މަތިން ދައްކަން ފަށައިފިއެވެ. އަދި ގާނޫނީ ގޮތުން އެކަމަށް މަގުފަހިކުރުމަށް އެމްޑީޕީގެ ތެރެއިން ވެސް މަސައްކަތްތަކެއް ފެށިއެވެ. 

އެ ގޮތުން މަޖިލީހުގެ ތިން ބައިކުޅަ ދެބައި ގުނުމުގައި ކުރިން ގެންގުޅުނު އުސޫލް ބަދަލުކުރިއެވެ. ކުރިން އޮންނަނީ މަޖިލީހުގެ ގޮނޑީގެ ޖުމްލަ އަދަދުން އެ ނިސްބަތް ގުނާ ގޮތަށެވެ. މަޖިލީހުގެ ކޮންޓްރޯލް އޮތް އެމްޑީޕީން ބަދަލު ގެނައީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށެވެ. އަލަށް ގެނައި އިސްލާހުގައި ވަނީ ޖުމްލަ މެންބަރުން ކަމަށް ބަލާނީ އެ ވަގުތެއްގައި މަޖިލީހުގެ މެންބަރުންގެ އަދަދު ކަމަށެވެ. މެންބަރު ކަމުން އިސްތިއުފާ ދިން އަދި ވަކިވާ މެންބަރުންގެ ގޮނޑި ނުގުނާނެ ކަމަށެވެ. 

އިތުބާރު ނެތްކަމުގެ ވޯޓެއް ފާސްކުރުމަށް މިހާރު ބޭނުންވަނީ 54 މެންބަރުންގެ ތާއީދު

ކުރިން އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ފާސްވާނީ 58 މެންބަރުންގެ ވޯޓުންނެވެ. އެއީ މަޖިލީހުގެ 87 ގޮނޑިއަށް ބަލައިގެންނެވެ. އެހެން ނަމަވެސް އައު ސަރުކާރާ އެކު މަޖިލީހުގެ ހަތް މެންބަރަކު ސަރުކާރުގެ އިސް މަގާމުތަކަށް ވަޑައިގެންފައިވާތީ ޖުމްލަ އަދަދު ވަނީ 80 އަށް ތިރިވެފައެވެ. އެހެން ކަމުން އިތުބާރު ނެތްކަމުގެ ވޯޓެއް ފާސްކުރުމަށް މިހާރު ބޭނުންވަނީ 54 މެންބަރުންގެ ތާއީދެވެ. މި ބަދަލު ގެނައިރު އެމްޑީޕީގައި 56 މެންބަރުން ތިއްބެވިއެވެ. 

މި އިސްލާހުގެ ބޭނުމަކީ ރައީސް އަޒުލުކުރުން ކަމަށް ވާހަކަ ފެތުރުނެވެ. އަދި އެ ފަދަ މައްސަލައެއް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލީހުގައި ވިދާޅުވެފައި ވެސް ވެއެވެ. އެއާ އެކު އަޒުލުކުރުމުގެ ވާހަކަތަކުގެ އަޑު ގަދަވިއެވެ. އެހެން ނަމަވެސް މިހާތަނަށް އެފަދަ ކަމެއް ހިނގާކަމެއް އެނގިފައެއް ނެތެވެ. އެމްޑީޕީން ބުނަމުން ދިޔައީ އެ ބަދަލު ގެނައުމުގެ ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު އިމްޕީޗްކުރުން ނޫން ކަމަށެވެ. 

ތުންތުން މަތިން ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތް ވެސް ވަނީ ތިލަވާން ފަށާފަ

އެމްޑީޕީގެ ޕީޖީ މެންބަރުންގެ ވޯޓުން އެކަނި ރައީސް މަގާމުން ދުރުކުރެވޭ ގޮތަށް ހެދުމާ އެކު ދެން އިވެން ފެށި އަޑަކީ އެމްޑީޕީގެ މެންބަރުން ގަތުމަށް ސަރުކާރުން މަސައްކަތް ފެށި ވާހަކައެވެ. މި ވާހަކަތަކާ އެކު އާންމު ފަރާތްތަކުން ވެސް ސުވާލުތަކެއް އުފައްދަން ފެށިއެވެ. ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ ހަގީގަތުގައި ވެސް އެމްޑީޕީން މަސައްކަތްކުރަނީ ރައީސް އިމްޕީޗްކުރުމަށް ނޫން ކަމަށާއި ބޭނުމަކީ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވައި ވަކި މެންބަރުންތަކަކަށް ފައިސާތަކެއް ލިބޭނެ ދޮރުތަކެއް ހުޅުވާލުން ކަމަށެވެ. 

އެހެން ގޮތަކަށް ބުނާ ނަމަ “ޓްރާންސްފާ މާކެޓެއް” ކްރިއޭޓްކުރުން ކަމަށެވެ. ވަޒީރުންނަށް ރުހުން ދިނުން ލަސްކުރަނީ ވެސް އެ ސަބަބަށް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. 

ތުންތުން މަތިން ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތް ވެސް ވަނީ ތިލަވާން ފަށާފައެވެ. އެ ގޮތުން އެމްޑީޕީގެ ބައެއް މެންބަރުން ވެރިކަން ކުރާ ޕީއެންސީ އަށް ސޮއިކުރަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އެ ގޮތުން މަރަދޫ މެންބަރު އިބްރާހީމް ޝަރީފް އެމްޑީޕީން ވަނީ ވަކިވެވަޑައިގެންފައެވެ. ޕާޓީން ވަކިވެވަޑައިގެންނެވީ ސިޔާސީ ކަންކަމުގައި މިވަގުތު އުޅެވެން ނެތުމުން ކަމަށް ވިދާޅުވެއެވެ. 

ނަމަވެސް އިސްތިއުފާ ދެއްވުމާ އެކު ދެން އިވުނީ މެލޭޝިއާގައި ހުންނަވާ އެ މެންބަރުގެ ދަރިކަނބަލުން މަރިޔަމް މިޒްނާ ޝަރީފްގެ މަގާމު ދެމެހެއްޓުމަށް ސަރުކާރުން ނިންމި ޚަބަރެވެ. މިޒްނާއަކީ ރާއްޖޭގެ ޑެޕިއުޓީ ހައި ކޮމިޝަނަރެވެ. އެއީ “ޑީލް”ގެ ބައެއް ކަމަށް ވަނީ އަޑު ފެތުރިފައެވެ. ޝަރީފަކީ މީގެ ކުރިން ވެސް ޕާޓީ ބަދަލުކުރެއްވުމުގައި ކުރީގައި އުޅުއްވާ ބޭފުޅެކެވެ.

މި ވާހަކަތަކާ އެކު އިތުރު މެންބަރުންތަކެއް ވެސް ޕީއެންސީ އަށް ސޮއިކޮށްފައިވާ ކަމާއި އެކަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވެސް އަޑުތައް ފެތުރުނެވެ. އޭގެ ތެރޭގައި ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ހިމެނިވަޑައިގަންނަވާކަން މީޑިއާތަކަށް ތިލަވެފައި ވަނިކޮށް ޕީއެންސީން ވަނީ ރައީސް ޑރ. މުއިއްޒު ބައިވެރިވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ ދަރުބާރު ގޭގައި ބޭއްވުމަށް ޕާޓީގެ މެނެބްރުންނަށް އާންމު ދައުވަތެއް ދީފައެވެ. އަޑު އިވޭ ގޮތުގައި މަޖިލީހުގެ 10 ވަރަކަށް މެންބަރުން މިރޭގެ ޖަލްސާގައި އެމްޑީޕީއާ ގުޅޭނެކަން އިއުލާނުކުރާނެއެވެ. 

މަޖިލީހުގެ މެންބަރުން ގަނެވިއްކުމުގެ ވިޔަފާރީގެ ވާހަކައަކީ އާ ވާހަކައެއް ނޫން

“އިމްޕީޗްކުރުމުގެ ވާހަކައަކީ ޑްރާމާއެއް. ބޭނުމަކީ ސަރުކާރު ބްލެކްމެއިލްކުރުން. އަދި ދެން ނުހޮވޭނެކަން ޔަގީން މެންބަރުން ފައިސާކޮޅެއް ހޯދުން. އެތައް މިލިއަން ރުފިޔާއެއްގެ ޓްރާންސްފާ މިއީ،” މިކަންކަމުގެ ތެރޭގައި އުޅުއްވާ ސިޔާސީ ބޭފުޅަކު ވިދާޅުވިއެވެ. 

މަޖިލީހުގެ މެންބަރުން ގަނެވިއްކުމުގެ ވިޔަފާރީގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މީގެ ކުރިން ވެސް ބޮޑެތި އަދަދުތައް ދީގެން މެންބަރުން ޕާޓީ ބަދަލުކުރާކަން އެއީ އެންމެން ދަންނަ ކަމެކެވެ. މި ފަހަރު ވެސް މެންބަރުން ޕާޓީ ބަދަލުކުރަނީ ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ކަމަށް މަޖިލީހުގެ ތަޅުމުގައި ވެސް ބައެއް މެންބަރުން ތުހުމަތުކުރައްވާފައި ވެއެވެ. 

“ދެތިން މެމްބަރަކު ގައުމިއްޔަތު ދިރުވުމަށް ރިޝްވަތު ދީގެން ގެންގޮސް މިރޭ ޖަލްސާއެއް ބޭއްވުމަކުން އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ ސަފުތައް ބަދަހި. ކުރަން އޮތް ކަންތައް ސާފު. އެމަގަށް މާބާރަށް އަތުކުރި އޮޅާލައި ނުކުމެ ތިބި ކަމުގައި ދަންނަވަން. ފަހަތަށް ޖެހޭނެ އެއްވެސް ސަބަބެއް ނެތް,” މަޖިލީހުގައި ހެންވޭރު ދެކުނު ދާއިރާ ތަމްސީލްކުރައްވާ އެމްޑީޕީގެ މެންބަރުން ހުސައިން ޝަހީމް ވިދާޅުވި އެވެ.

އޭނާ އަށް ތިން މީހަކު ގުޅި ކަމާއި އެ ތިން މީހުންގެ ފަރާތުން ވެސް ލިބުނީ ދާދި އެއްކަހަލަ ހުށަހެޅުމެއް ކަމަށް ވެސް މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ. އެ ގޮތުން މެންބަރުން ގަތުމަށް ހުށަހަޅަނީ ފައިސާ އާއި މަގާމާއި އާއިލާގެ މެންބަރުންނަށް ވަޒީފާ ކަމަށް ވެސް ހުސައިން ތުހުމަތުކުރެއްވިއެވެ. 

ހުސައިންގެ ތުހުމަތުތަކަކީ އާންމު އެތައް ބަޔަކު ވެސް ކުރަމުން އަންނަ ތުހުމަތުތަކެކެވެ. މަޖިލީހުގައި އިދިކޮޅު ޕާޓީ އަށް ސުޕަ މެޖޯރިޓީ އޮތުމަކީ ސަރުކާރު އެންމެ ޖެހިލުންވާނެ އެއް ކަންތަކެވެ. އަދި ހާއްސަކޮށް އިމްޕީޒްކުރެވޭ ނިސްބަތް ބަދަލުކުރުމަކީ ސަރުކާރު ކުޑަކަކޫ މައްޗަށް ވައްޓާލައި ބްލެކްމެއިލްކުރުމަށް ހުޅުވައިލި ދޮރެއްގެ ގޮތުގައި އާންމުން ސިފަކުރަމުން ދިޔަ ދިޔުން މި ވަނީ ހަގީގަތަކަށް ވެފައެވެ. 

މިފަދަ ދުވަސްވަރެއްގައި “ގައުމަށްޓަކައި، ދާއިރާގެ ތަރައްގީއަށްޓަކައި” ޕާޓީ ބަދަލުކުރާ މެންބަރުންގެ އަދަދު ގިނަ ވާނެ ކަމަށް ބެލެވެއެވެ. ޓްރާންސާ މާކެޓް މި ވަނީ ހުޅުވިފައެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0