ރާއްޖެ އަށް އެހީވުމުގައި ދެމި އޮންނާނެ ކަމަށް އޭޑީބީން ބުނެފި
22 އޮކްޓޯބަރ 2020 - 15:23
ރާއްޖެ އަށް އެހީވުމުގައި ދެމި އޮންނާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބުނެފިއެވެ.
އޭޑީބީ 2020 އިން 2024 އަށް އެކުލަވައިލި ކަންޓްރީ ޕާޓްނާޝިޕް ސްޓްރެޓެޖީ (ސީޕީއެސް)ގައި ބުނެފައި ވަނީ ކުރިއަށް އޮތްތަނުގައި ވެސް އެ ބޭންކުން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އެ ބޭންކުން މިހެން ބުނެފައި މި ވަނީ ވިޔަފާރިއާ ގުޅުން ހުރި މުއާމަލާތްތައް އެއް ވިއުގައެއްގެ ތެރެއިން ކުރެވޭނެ ގޮތަށް އިކޮނޮމިކް މިނިސްޓްރީ އާއި އެ މިނިސްޓްރީއާ ގުޅުންހުރި އިދާރާތައް އެއް ވިއުގައަކުން ގުޅާލުމަށް އޭޑީބީގެ އެހީތެރިކަމާ އެކު ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއު ހަވާލުކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފަޅާއަރައި އެ މަޝްރޫއު ހުއްޓާލުމަށް އެ ބޭންކުން އެންގުމާ ގުޅިގެން އެ ބޭންކުން އެހީ ދިނުން ހުއްޓާލާފާނެ ކަމަށް ބައެއް ފަރާތަކުން ބުނަމުން ދަނިކޮށެވެ.
ސީޕީއެސް އަށް އަލިއަޅުވާލައި އޭޑީބީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ މާލީ ސިޔާސަތުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމާއި ޓެކްސް ނިޒާމު ހަރުދަނާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެ ބޭންކުން ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެފައިވާ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން 50 މިލިއަން ޑޮލަރުގެ މާލީ އެހީ ދީފައެވެ.
އެ ބޭންކުން ވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވަމުންދާ ބައެއް މައްސަލަތަކަށް ވެސް ބަޔާނުގައި އަލިއަޅުވާލައްވާފައެވެ. އެ ގޮތުން ދައުލަތުގެ ހަރަދުތައް ބޮޑުވަމުންދާތީ އެ މައްސަލަ ފާހަގަކޮށްފައި ވެއެވެ.
އޭޑީބީން މީގެ ކުރިން ވެސް ވަނީ ރާއްޖެ އަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އަދި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައި ވެއެވެ. ސިންގަލް ވިންޑޯ ޕްރޮޖެކްޓަކީ ވެސް އޭޑީބީން 6.7 މިލިއަން ޑޮލަރު (103 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހިންގުމަށް ހަމަޖައްސާފައިވާ މަޝްރޫއެކެވެ. ނަމަވެސް އެ މަޝްރޫއު ހަވާލުކުރުމުގައި މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން އޭޑީބީން ވަނީ އަލުން ބިޑަށް ލައިގެން ކުރިއަށް ގެންދިއުމުން ނޫނީ ފަންޑް ހަމަނުޖެހޭނެ ކަމަށް ބުނެފައެވެ.