ފްލައިދުބާއީގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި

28 އޮކްޓޯބަރ 2020 - 12:09

ފްލައިދުބާއީގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ. މި ދަތުރުތައް ފަށާފައިވަނީ އިއްޔެ ހަވީރުއެވެ. ހަފްތާއަކު ހަތަރު ދަތުރު ދުބާއީ އާއި ރާއްޖެއާއި ދެމެދު ކުރާނެއެވެ. މި ދަތުރުތައް ކުރާނީ ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.

ފްލައިދުބާއީއިން 2013 އިން 2018 އަށްވެސް ވަނީ ރާއްޖެއަށް ދަތުރުތައް ކޮށްފައެވެ. ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ނިންމީ ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބުގެ ސަބަބުންކަމަށް އެއަރލައިނުން ބުނެއެވެ.

advertisement

ފްލައިދުބާއީގެ ސީއީއޯ ގައިތު އަލް ގައިތު ވިދާޅުވީ، ގިނަ ޤައުމުތަކަކުން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް އުވާލަންފެށުމާއިއެކު ބައިނަލްއަޤްވާމީ އުދުހުންތައް ފެށުމަށް މަގުފަހިވާން ފަށާފައިވާކަމަށެވެ. އަދި ދާއިރާގެ ފަރާތްތަކާއި ގުޅިގެން ގިނަ މީހުންނަށް އިތުބާރާއި ޔަޤީންކަމާއިއެކު އެއްތަނުން އަނެއްތަނަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަކީ ޒިންމާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ފްލައިދުބާއީން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމާއިއެކު ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އަންނަން ބޭނުންވެފައިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވިގެންދާނެކަމަށް އެ އެއަރލައިނުން ބުނެއެވެ.

ކޯވިޑް19 ގެ ސަބަބުން ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް ވަނީ ގިނަ ދުވަސްތަކަކަށް ހުއްޓިފައެވެ. ޖުލައިމަހުން ފެށިގެން ފްލައިދުބާއީއިން އަންނަނީ އެ އެއަރލައިނުން ކުރިން ދަތުރު ކުރަމުންދިޔަ މަންޒިލްތަކަށް ދަތުރުތައް ފަށަމުންނެވެ. އަދި އެ އެއަރލައިނުން ދަނީ ކާގޯ ފްލައިޓްތައްވެސް އޮޕަރޭޓްކުރަމުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0