ބްރިޖްއެޅިނަމަވެސް ވިލިމާލެ އަސްލު ހިފަހައްޓާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފި
28 އޮކްޓޯބަރ 2020 - 16:16
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް އެޅިނަމަވެސް ވިލިމާލެ އަށް އާންމު ރައްޔިތުން ދަތުރު ކުރުމަށް ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކުރަން ހިތްވަރު ދޭނެ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފި އެވެ.
ބްރިޖް މަޝްރޫއުއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި އޮންލައިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގު ވިދާޅުވީ ސަރުކާރުގެ ޕްލޭނަކީ ވިލިމާލެ އަށް ވެހިކަލް ވަނުމަށް ހުއްދަ ނުދީ މިހާރުވެސް އޮތްގޮތަށް ބޭއްވުން ކަމަށެވެ.
ގްރޭޓަރ މާލެ ބްރިޖާއިއެކު ވިލިމާލެ ބްރިޖާއި ގުޅޭ ސަރަހައްދުގައި ފަސިންޖަރުން އަރައި ފައިބަން ހާއްސަ ސަރަހައްދެއް ގާއިމް ކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
ބްރިޖް އެޅުމާއިއެކު ވިލިމާލޭގައި ވެހިކަލް ޕާކު ކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމް ކުރާނެ އެވެ. ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، 600 ސައިކަލު ޕާކު ކުރެވޭވަރަށް 1800 ސްކޮޔާ މީޓަރުގެ ސަރަހައްދެއް ހާއްސަ ކުރުމަށް ޕްލޭން ކޮށްފައިވާކަމަށެވެ. ބްރިޖާއިއެކު މާލެ ސަރަހައްދު ބަސް ދަތުރުން ގުޅާވެސްލާނެއެވެ.
ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގައި ކޮންމެ ކޮޅަކަށް ދުއްވުމަށް 11 ފޫޓު ފުޅާ ދެ ލޭނު އޮންނާނެ އެވެ. ހިނގާ މީހުންނަށް ހާއްސަކޮށް އެއްގަމާވީ ފަރާތުން ތިން މީޓަރުގެ ފުޅާ ލޭނެއް ގާއިމް ކުރާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިއީ ގާތްގަނޑަކަށް 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ.ބްރިޖާއިއެކު މާލެ، ވިލިމާލެ ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާނެއެވެ.
މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ ނެވިގޭޝަން ބްރިޖެކެވެ.
ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފަށާނެއެވެ. ބްރިޖުގެ މަސައްކަތް ނިންމާލަން 33 މަސް ކަނޑައަޅާފައިވެ އެވެ.