އަމިއްލަ ހިޔާލު: ބެންކޮކާއި ދުބާއިއަށް ނުފޮނުވާ ރަނގަޅުކުރަންވީ ސިއްހީ ނިޒާމު!

22 ޖެނުއަރީ 2024 - 13:05

ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތެއް ލިބުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ކަމެކެވެ. އަދި ރާއްޖެއިން ނުލިބޭ ބޭސްފަރުވާގެ ހިދުމަތްތައް ހޯދުމަށް އެންމެ ކުރިއަރާފައިވާ ގައުމުތަކަށް ދިއުމުގެ ފުރުސަތު ލިބުމަށް ވެސް އެދެވޭނެއެވެ. ދިވެހިންނަށް ހައްގު މިންވަރަކީ ވެސް އެއީ އެވެ. އެހެން ނަމަވެސް ސުވާލަކީ މި ރާއްޖޭގެ އިގްތިސާދުގައި އެ ފެންވަރު އެބަ ހުރި ހެއްޔެވެ؟ 

މުއްސަންޖެއް ފަގީރެއް ތަފާތުކުރުމެއް ނެތި އެންމެނަށް ހަމަހަމަ އުސޫލަކުން ހިދުމަތް ލިބޭ އާސަންދައިގެ ބޭސްފަރުވާގެ ނިޒާމުން ކުރިއަރާގައިވާ ދުބާއީ އާއި ބެންކޮކް ފަދަ ތަންތަނުން ބޭސްފަރުވާކުރެވިދާނެ ހެއްޔެވެ؟

advertisement

މި ރާއްޖޭގެ އިގްތިސާދުގައި އެ ފެންވަރު އެބަ ހުރި ހެއްޔެވެ؟

އިންޑިއާ އާއި ރާއްޖޭގެ ސަރުކާރާ ދެމެދު އޮތް ނުތަނަވަސްކަމުގެ ތެރެއިން “އިންޑިއާ ނޫން ގޮތެއް” ހޯދުމަށް ސަރުކާރުން މަސައްކަތް ފަށައި ބެންކޮކާއި ދުބާއީން ބޭސްފަރުވާކުރެވޭނެ ނިޒާމު ހަމަޖެއްސުމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. މި ސަރަހައްދަށް ބަލާއިރު މި ދެ ތަނަކީ ވެސް ބޭސްފަރުވާ ދިނުމަށް ބޭނުންކުރާ ވަސީލަތާއި ހިދުމަތުގެ ގޮތުން ވެސް ކުރިއަރާގައިވާ ދެ ތަނެވެ. ހަމައެހެންމެ އަގުގެ ގޮތުން ވެސް އިންޑިއާ އިން މިހާރު ދިވެހިން ކުރަންޖެހޭ ހަރަދަށް ވުރެ ބޮޑު ހޭދައެއް ކުރަންޖެހޭނެ ދެ ތަނެވެ. ސުވާލަކީ އެ ފެންވަރު ދިވެހި އިގްތިސާދުގައި އެބަ ހުރި ހެއްޔެވެ؟

ބޭރު ފައިސާ އިން ގައުމަށް ވަންނަ އާމްދަނީން ބޮލަކަށް ޖެހޭ ނިސްބަތުން ބަލާ ނަމަ ދިވެހިންނަށް ހައްގީ ޔޫރަޕްގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ދޭ ހިދުމަތާ އެއް ފެންވަރުގެ ސިއްހީ ހިދުމަތެވެ. އެހެން ނަމަވެސް ގައުމަށް ވަންނަ ފައިސާގެ ތެރެއިން މިހާރު ވެސް ބޮޑު ބައެއް ދަނީ ބޭރަށެވެ. ރިސޯޓްތަކަށް ލިބޭ އާމްދަނީން ދައުލަތުގެ ޓެކްސްގެ ތެރެއަށް ވަންނަނީ މަދު މިންވަރެކެވެ. 

އަދި ވަންނަ ފައިސާގެ ތެރެއިން ވެސް އެތައް މިލިއަން ޑޮލަރެއް ގައުމުން ބޭރުވެގެން ދެއެވެ. އޭގެ ތެރޭގައި އާސަންދަ ހިދުމަތުގެ ގޮތުގައި އިންޑިއާ އާއި ސްރީ ލަންކާ އިން ދިވެހިން ހޯދާ ހިދުމަތްތަކަށް ކުރާ ހޭދަ ވެސް ހިމެނެއެވެ. މި ދެ ގައުމު ނޫން އެހެން ތަނަކުން ހިދުމަތް ހޯދާ ނަމަ މިހާރު ވެސް މިލިއަނުން ކުރާ މި .ހޭދަ އެތައް ގުނައެއް އިތުވާނެއެވެ

އިންޑިއާ އާއި ލަންކާގެ ހޮސްޕިޓަލްތަކުން ދޭ ހިދުމަތް ބެންކޮކާއި ދުބާއީން ހޯދާ ނަމަ އެތައް ގުނައެއް އިތުރުވެގެންދާނެއެވެ. އެހެން ނަމަވެސަ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ އެއްގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ތައިލެންޑުން ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބޭނެ ގޮތް ހައްދައިދެއްވާނެ ކަމަށެވެ. 

އެއާ އެކު އާސަންދަ ކުންފުނިން ވަނީ އެކަމަށް މަސައްކަތް ފަށާފައިވާ ކަން ވެސް އިއުލާނުކޮށްފައެވެ. އަނެއްކޮޅުން މި ހިދުމަތް ދިނުމަށް ރާވާފައި ވަނީ އެ ތަންތަނުގައި ތިބުމަށް ކުރާ ހޭދަ ވެސް އާސަންދައިގެ ތެރެއިން ހަމަޖެހޭނެ ގޮތަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެއެވެ. ސުވާލަކީ މިއީ ދެމެހެއްޓިދާނެ ކަމެއް ހެއްޔެވެ؟

ރަނގަޅު ވާހަކައެކެވެ. ދިވެހިންނަށް ވެސް ރަނގަޅު ފެންވަރެއްގެ ސިއްހީ ހިދުމަތްތަކެއް ލިބެންޖެހެއެވެ. އެހެން ނަމަވެސް މިހާރު ވެސް އެތައް މިލިއަނެއް ހަރަދުކޮށްގެން ބޭރު ގައުމުތަކުން ހޯދާ ހިދުމަތަށް އިތުރު އެތައް މިލިއަން ޑޮލަރެއް ހޭދަކުރުމަށް ވުރެ އެ ފެންވަރުގެ ހިދުމަތް މި ރާއްޖެއިން ލިބޭނެ މަގު ތަނަވަސްކުރުން މުހިންމެއް ނޫން ހެއްޔެވެ؟ މެޑިކަލް ޓުއަރިޒަމް ނުވަތަ ސިއްހީ ހިދުމަތްތައް ހޯދުމަށް ބޭރު ގައުމުތަކުން ވެސް މީހުން ރާއްޖެ އަންނަ ފަދަ ހިދުމަތްތަކެއް ރާއްޖެއިން ލިބޭނެ މަގު ހޯދުމަކީ ކޮންމެ ސަރުކާރަކުން ވެސް ދައްކާ ވާހަކައެކެވެ. 

މިފަދަ ކަމެއް ކުރެވެން އޮތީ ދަރަނިން ސަލާމަތް ވެގެން

މިދިޔަ ސަރުކާރުގައި ވެސް އެ ވާހަކަ ދެއްކިއެވެ. އަދި ޓާޝިއަރީ ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތް ވެސް ކުރިއެވެ. އެތައް މަޝްރޫއެއް އިއުލާނު ވެސް ކުރިއެވެ. އެހެން ނަމަވެސް މަދު ތަނެއް ނޫނީ ބިމުން މައްޗަށް ވެސް އަރާފައެއް ނުވެއެވެ. މި ސަރުކާރުން ވެސް އެކަން ވަނީ އިއުލާނުކޮށްފައެވެ. އެހެން ނަމަވެސް އެފަދަ ކަމެއް ކުރެވެން އޮތީ ދަރަނިން ސަލާމަތް ވެގެންނެވެ

ދުބާއީ އާއި ބެންކޮކުން އާސަންދައިގެ ހިދުމަތް ލިބޭ ގޮތަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އެހެން ނަމަވެސް އެއީ އެ ހިދުމަތްތައް ލިބެން ނޭދޭތީ ކިޔާ ފާޑެއް ނޫނެވެ. އޭގެ ސަބަބުން އިގްތިސާދަށް ކުރާނެ އަސަރު އެނގޭތީ ކިޔާ ފާޑުކިޔުމެކެވެ. އެފަދަ ގޮތަކަށް އާސަންދަ ބައްޓަންކުރުމަކީ މިހާރު ވެސް އަހަރުގެ ފަހު ކުއާޓާގައި ބަޖެޓް ހުސްވާ އާސަންދަ އަށް އެތައް ގުނައަކުން ބާރު ބޮޑުވާނެ ކަމެކެވެ. އޭގެ ބަދަލުގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ރާއްޖެ އިން ލިބޭނެ މަގު ތަނަވަސްކުރުމަށް ކުރާ މަސައްކަތަށް އެ ފައިސާ ހޭދަކުރުން މާ ބުއްދިވެރިއެވެ.

އަނެއްކޮޅުން އިންޑިއާ އާއި ރާއްޖޭގެ ސަރުކާރާ ދެމެދު އޮތް ދާޚިލީ ނުތަނަވަސްކަމެއްގެ ތެރެއަށް ނިކަމެތި ރައްޔިތު މީހާ ވައްޓާލުމަކީ ގޯހެކެވެ. އިންޑިއާއާ ދުރުވުމުގެ ގޮތުން ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއްގެ އަސަރު އާންމު ދިވެހި ރައްޔިތު މީހާ އަށް ވެސް ކުރާނެއެވެ. ބެންކޮކާއި ދުބާއީން އާސަންދަ ލިބޭނެ މަގު ތަނަވަސްކުރުމަކީ ގޯހެއް ނޫނެވެ. އެހެން ނަމަވެސް ވަކި ގައުމަކަށް ގޮންޖަހާފައި އެކަން ކުރުމުން އިންޑިއާ އިން ކުރިމަތުކުރުވާ ދަތިކުރުމެއްގެ ސަބަބުން އެތައް ހާސް ދިވެހިންނަކަށް އޭގެ އަސަރުކުރާނެއެވެ. 

މިހާރު ވެސް އާސަންދައިގެ ދަށުން އިންޑިއާ އާއި ލަންކާ އިން ބޭސްފަރުވާކުރާ އެތައް ހާސް ރައްޔިތުން އެބަ ތިއްބެވެ. މިއީ ރާއްޖެއިން ލިބެން ނެތް ފަރުވާތައް ހޯދަމުން އަންނަ މީހުންނެވެ. އަދި ރާއްޖެއިން ބޭސްފަރުވާ ކުރެވޭ ކަންކަމަށް ވެސް އެއަށް ވުރެ ރަނގަޅު ހިދުމަތެއް ހޯދުމުގެ ބޭނުމުގައި އިންޑިއާ އަށް ދަތުރުކުރާ މީހުން ވެސް މަދެއް ނޫނެވެ. އެ މީހުން އެ ހިދުމަތް ހޯދަނީ އަގުހެޔޮކޮށް އެކަން ކުރެވޭތީއެވެ. 

ސުވާލަކީ ބެންކޮކާއި ދުބާއީން އެފަދަ ހިދުމަތްތައް އަމިއްލަ ޖީބުން ހަރަދުކޮށްގެން ހޯދިދާނެ ހެއްޔެވެ؟ އާސަންދައިގެ ތެރެއިން އެ ހިދުމަތް މެދުކެނޑުމެއް ނެތި ކިހާ ދުވަހަކު ފޯރުކޮށްދެވިދާނެ ހެއްޔެވެ؟

ރިއެކްޝަންސް
0
0
0
0
0
0
0