ރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި ގައުމެއްކަމަށް ސްވިޒަލޭންޑުން ކަނޑައަޅައިފި

29 އޮކްޓޯބަރ 2020 - 15:29

ރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި ޤައުމެއްގެ ގޮތުގައި ސްވިޓަލޭންޑުން ކަނޑައަޅައިފިއެވެ.

ރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ސްވިޒަލޭންޑުން ކަނޑައެޅުމާއި ގުޅިގެން މިއަދުން ފެށިގެން އެޤައުމުން ރާއްޖެއަންނަ ފަތުރުވެރިން އަނބުރާ ޤައުމަށްގޮސް އައިސޮލޭޓްވާކަށް ނުޖެހޭނެއެވެ.

advertisement


ސްވިޒަރލޭންޑުގެ ފެޑްރަލް އޮފީސް އޮފް ޕަބްލިކް ހެލްތުން އެންމެ ފަހުން ނެރެފައިވާ “ރިސްކު ކަންޓްރީސް ލިސްޓު”ން ރާއްޖޭގެ ނަން ވަނީ އުނިކޮށްފައެވެ. އަދި ސްވިޒަލޭންޑްގެ ރައްޔިތުންނަށް ރާއްޖެ ދަތުރުކުރުމަށް ރައްކާތެރިކަން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ ސަބަބަބުން ރާއްޖެއައިސް އެޤައުމުގެ ރައްޔިތުން 10 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރުހަމަކުރަން ނުޖެހޭނެކަން ވަނީ ކަނޑައަޅާފައެވެ.

ސްވިޒަރލޭންޑަކީ ރާއްޖެއަށް 13ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން 2019 ވަނަ އަހަރު އެޤައުމުން ރާއްޖެއަށް 33829 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 2.6 އިންސައްތަ އިތުރު އަދަދެކެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވަނީ ޖުލައި 15 ވަނަ ދުވަހުއެވެ. ފަތުރުވެރިންނަށް ޙިދުމަތްދިނުމަށް ރަޖިސްޓްރީކޮށްފައިވާ ތަނަކުން ބުކިން ހައްދާފައިވާ ހުރިހައި ފަތުރުވެރިންނަށްވެސް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭގޮތައް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ހުރިހައި ފެސިލިޓީއަކަށް ސްޕްލިޓް ސްޓޭގެ ހުއްދަވެސް މިހާރު ސަރުކާރުން ވަނީ ދޫކޮށްފައެވެ. މީގެސަބަބުން ވަކި ހާއްސަ ހުއްދައަކާއިއެކު ފަތުރުވެރިންނަށް ރިސޯޓްތަކާއި، ހޮޓެލް، ގެސްޓްހައުސް އަދި ސަފާރީތަކަށް ޗުއްޓީ ހޭދަކުރަން ދިއުމަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ.


ފަތުރުވެރިން ރާއްޖެ އަންނަ ވަގުތު ކޯވިޑަށް ޓެސްޓެއް ނުކުރާނެއެވެ. ނަމަވެސް ފަތުރުވެރިން ރާއްޖެ އަންނައިރު 96 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަންޖެހޭނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0