ރާއްޖެ އައުމަށް އިނގިރޭސިވިލާތުން ބުކިން ހައްދާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

31 އޮކްޓޯބަރ 2020 - 12:16

އިނގިރޭސިވިލާތުން ރާއްޖެ އައުމަށް ބުކިން ހަދަމުންދާ ފަރާތްތަކުގެ އަދަދު 500 އިންސައްތަ އިތުރުވެފައިވާ ކަމަށް އެޤައުމުގެ ޓުއަރ އޮޕަރޭޓަރުން ހާމަކޮށްފިއެވެ. އިނގިރޭސިވިލާތުން ރާއްޖެއައުމަށް ބުކިން ހައްދާ ފަރާތްތަކުގެ އަދަދު އިތުރުވެފައިމިވަނީ އިނގިރޭސިވިލާތުން ދަތުރުކުރުން ރައްކާތެރި ޤައުމުތަކުގެ ލިސްޓަށް ރާއްޖެ ލުމާއެކުގައެވެ.
އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ޓުރެވަލް އެޖެންޓު، އެޑްވާންޓޭޖު ޓްރެވަލް ޕާޓުނަރޝިޕްއާއި ހަވާލާދީ ޓްރެވަލް ވީކްލީ ނޫހުގައި ބުނެފައިވަނީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މިދުވަސްކޮޅު ބުކިންސް ލިބެމުންދަނީ މިއަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން ޑިސެމްބަރުމަހާ ދޭތެރޭގެ ދުވަސްތަކަށް ކަމަށެވެ. މި މުއްދަތަކީ ފިނި މޫސުމުގެ ދުވަސްތައްކަމުން އެހެން އަހަރުތަކުގައިވެސް އަހަރުގެ ފަހުކޮޅު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އާދެއެވެ.

އެޑްވާންޓޭޖު ޓްރެވަލް ޕާޓުނަރޝިޕުން ހާމަކުރާގޮތުގައި ރާއްޖެއަށް އައުމަށް އިނގިރޭސިވިލާތުން ބުކިން ހައްދާ ފަރާތްތަކުގެ އަދަދު އިތުރުވެފައިވަނީ އިނގިރޭސިވިލާތުގެ “ޓްރެވެލް ކޮރިޑޯ”ގެ ތެރެއަށް ރާއްޖެ އިތުރުކޮށްފައިވާކަން ހާމަކުރުމާއިއެކުގައެވެ.

އެކި ރިސޯޓުތަކާއި ހޮޓާތަކާއި ގުޅޭ މައުލޫމާތުތައް ގެނެސްދޭ އިނގިރޭސިވިލާތުގެ ވެބްސައިޓެއް ކަމަށްވާ، އައިސްލޮލީ ޑޮޑް ކޮމް އިން ހާމަކުރާ ގޮތުގައި ޓްރެވަލް ކޮރިޑޯއަށް ރާއްޖެ އިތުރުކުރާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމާއި ގުޅޭ މައުލޫމާތުތައް ހޯދާ ފަރާތްތަކުގެ އަދަދު 61 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ “ޓްރެވެލް ކޮރިޑޯ”ގެ ތެރެއަށް ރާއްޖެ އިތުރުކުރުމާއި އެކު، އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިން އަނބުރާ ޤައުމަށް ދިއުމަށްފަހު 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރާކަށް ނުޖެހޭނެއެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު އިނގިރޭސިވިލާތް ހިމެނެނީ ރާއްޖެއަށް 4 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުގެ ގޮތުގައެވެ. އެ ގައުމުން ރާއްޖެއަށް މިހާތަނަށް 2،923 ފަތުރުވެރިން ވަނީ އައިސްފައެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0