ބިދޭސީން: ގާނޫނާއި ގަވާއިދުތަކަށް ވުރެ މަތީގައި، އެޅޭނެ ފިޔަވަޅެއް ނެތް!

1 ނޮވެމްބަރ 2020 - 12:38

ހުއްދަ ނެތި ފިހާރަތައް ވެސް ހިންގަންވީއެވެ. މަގުމަތީ ބާޒާރުތައް ވެސް ބާއްވަނީއެވެ. ގްރީން ޒޯނުގައި ވެސް ޖެހިލުމެއް ނެތި ވިޔަފާރިކުރަނީއެވެ. ލައިސެންސް ނެތި ވެހިކަލް ވެސް ދުއްވަނީއެވެ. ޑޮލަރުގެ ވަގު ވިޔަފާރި ވެސް އިންތިހާ އަށެވެ. އެންމެންގެ ކުރިމަތީގައެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ހުއްދައެއް ނެތި، ދައުލަތަށް އެއްވެސް ޓެކްސްއެއް ވެސް ދެއްކުމެއް ނެތި ގަވާއިދާ ހިލާފަށް ބިދޭސީން ޖެހިލުމެއް ނެތި އުޅޭ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ސައްހަ އަދަދެއް އެނގޭ އިދާރާއެއް ނެތެވެ. ނަމަވެސް އަންދާޒާކުރެވޭ ގޮތުގައި މި އަދަދު ދޮޅު ލައްކައަށް ވުރެ މަތިވާނެއެވެ. މީގެ ތެރެއިން ވެސް ގަވާއިދާ ހިލާފަށް ދައުލަތަށް ނޭނގި ނުވަތަ އެއްވެސް ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ އަދަދު ވެސް ލައްކައަކަށް އަރާނެ ކަމަށް އަންދާޒާކުރެވެއެވެ.

advertisement

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މަދުކުރުމަށް ސަރުކާރުން އަންނަނީ ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން މިދިޔަ ދުވަސްތަކުގައި އެފަދަ 8،000 އަށް ވުރެ ގިނަ މީހުން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ. އަދިވެސް އެ މަސައްކަތް ހުއްޓާ ނުލައި ސަރުކާރުން ކުރިއަށް އެބަ ގެންދެއެވެ. ނަތީޖާ ރަނގަޅުވާނެ ކަމަށް އުންމީދުކުރެވެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މަދުކުރަން ދުވަސްތަކެއް ނަގާނެއެވެ. އަދި އެއީ އެހާ ފަސޭހަ ކަމެއް ވެސް ނޫނެވެ. ނަމަވެސް އެ މައްސަލަ ހައްލުވަންދެން ދައުލަތުގެ އިދާރާތަކުން އެފަދަ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައި އިމިގްރޭޝަނަށް އެކަނި އެ މަސައްކަތް ދޫކޮށްލައިގެން ތިބެވޭކަށް ނެތެވެ. އެ މީހުން ވެސް ގަވާއިދާ ހިލާފަށް ކަންކަން ކުރާ ނަމަ ދައުލަތުގެ އެހެން އިދާރާތަކުން ނުވަތަ ފުލުހުން ވެސް އެކަމަށް ފިޔަވަޅު އަޅަން އެބަޖެހެއެވެ.

ހުއްދަ ނެތި ފިޔަފާރިކުރާ އެތައް ބިދޭސީންނެއް އެބަ އުޅެއެވެ. ބޮޑެތި ވިޔަފާރިތައް އެބަ ހިންގައެވެ. ނަމަވެސް އެކަންކަން އެކަށީގެންވާ ގޮތެއްގައި ބަލާނެ އިދާރާއެއް ނެތެވެ. ބަޔަކު މައްސަލަ ޖެއްސިޔަސް ފިޔަވަޅު އެޅެނީ މަދު ފަހަރަކުއެވެ. ބިދޭސީއަކާ ބެހޭ ގޮތުން ފުލުހަށް މައްސަލައެއް ހުށަހެޅިޔަސް އެ އިދާރާ އިން ވެސް ބަލަނީ ބޮލުން ނައްޓުވާލެވޭތޯއެވެ. އެއީ އިމިގްރޭޝަނާ ބެހޭ ކަމެއްގެ ގޮތުގައި މައްސަލަ ހުށަހަޅާ މީހާ އަށް ވެސް ވިސްނައިދެއެވެ. އަދި ކުށެއް ކުރިޔަސް އެ ބިދޭސީ މީހާ ހައްޔަރުކޮށްގެން ގެންގުޅުމަކީ އެ ފަރާތްތަކަށް ކުރެވޭ ކަމަކަށް ނުވެއެވެ. އެއްވެސް ލިޔެކިޔުމެއް ނެތުމާއި އެ މީހުން ބައިތިއްބާނެ ތަންތަން ނެތުމާއި އެ މީހުންނަށް ބޮޑު ހޭދައެއް ކޮށްގެން ގެންގުޅެންޖެހުމަކީ ދައްކާ ބަހަނާތަކެވެ. މިސާލަކަށް ލައިސަންންސް ނެތި އުޅަނދެއް ދުއްވާ ބިދޭސީ މީހާއާ މެދު އަމަލުކުރާނެ ގޮތެއް ފުލުހުންނަަކަށް ނޭނގެޔޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ. އެފަދަ ފަރާތެއް މަގުމަތިން ހިފެހެއްޓިޔަސް ޖޫރިމަނާކުރެވޭކަށް ނޯވެއެވެ. އެއްވެސް ލިޔެކިޔުމެއް ނެތީމައެވެ. ނަމަވެސް ލިޔެކިޔުމެއް ނެތުމަކީ އެމީހާއާ މެދު ފިޔަވަޅު ނޭޅެންވީ ސަބަބެއް ހެއްޔެވެ؟

ލިޔެކިޔުމެއް ނުވަތަ އެއީ ކާކުކަން ދެނެގަނެވޭނެ ގޮތެއް ނެތުމަކީ ކުށްތަކަށް އަރައިގަތުމަށް އޮތް ލައިސަންސެއް ނޫނެވެ. ފުރަތަމަ ލިޔެކިޔުމެއް ނެތުމަކީ ވެސް ކުށެކެވެ. އެ ކުށުގައި ވެސް ހައްޔަރުކުރެވެން ޖެހެއެވެ. ނުވަތަ މައްސަލަ ބަލައި ޑިޕޯޓްކުރެވެންޖެހެއެވެ. ލިޔެކިޔުމެއް ނެތުމަކީ ބިދޭސީންގެ މައްސަލަތައް ފުލުހުން ނުބަލަން އޮތް އުޒުރެއް ނޫނެވެ.
އާންމު މީހަކު ޝަކުވާކުރަމުން ބުނީ ވިޔަފާރިކުރުމުގައި ވެސް އޮންނަނީ އެ އުސޫލު ކަމަށެވެ. ދިވެއްސަކު ކިރިޔާ ވެސް ހުއްދަ ނުހޯދައި ކަމެއް ކޮށްފި ނަމަ ފުލުހުން އައިސް އެކަމެއް ހުއްޓުވައެވެ. އަދި އައިޑީކާޑް އޮންނާތީ ޖޫރިމަނާ އާއި އެ ނޫން ވެސް އަދަބުތައް ދެވޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ހަމަ އެކަންތައް ބިދޭސީ މީހަކު ކުރާ ނަމަ މައްސަލަ ހުށަހެޅިޔަސް ފުލުހުންނަށް ނުވަތަ ޓްރޭޑް މިނިސްޓްރީ ނުވަތަ މޯލްޑިވްސް އިންލެންޑް ރެވެނިއު އަށް ވެސް ކުރެވޭ ކަމެއް ނޯންނަކަން އޭނާ ފާހަގަކުރިއެވެ. ލިޔެކިޔުން ނެތުމުން ޖޫރިމަނާއެއް ވެސް ނުކުރެވެއެވެ. ޓެކްސް ވެސް ދައްކާކަށް ނުޖެހެއެވެ.

ބިދޭސީންގެ މައްސަލަތަކަކީ ހައްލުކުރަން އުނދަގޫ މައްސަލަތަކެކެވެ. ނަމަވެސް އެއީ ދޫކޮށްލައިގެން ތިބޭ ނަމަ ނުވަތަ ވަކި އިދާރާއެއްގެ ބޮލަށް ކަނޑާލައިގެން ތިބެން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ފިޔަވަޅު ނޭޅޭކަށް ބިދޭސީންނަށް ވެސް މިހާރު ވިސްނޭ ކަހަލައެވެ. އެހެންކަމުން އެ ފަރާތްތަކުން ގަވާއިދާ ހިލާފުވާން ވެސް ޖެހިލުމެއް ނުވެއެވެ. މިއީ ނުރައްކާތެރި ސިގްނަލެކެވެ. ބިދޭސީންނަށް ވެސް ގާނޫނާއި ގަވާއިދަށް ވުރެ މަތީގައި އުޅެވިގެން ނުވާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0