ބީއެމްއެލްގެ ބައެއް ލޯންތަކުގެ އިންޓަރެސްޓް ކުޑަކޮށްފި
2 ނޮވެމްބަރ 2020 - 9:59
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ބައެއް ލޯންތަކުގެ އިންޓަރެސްޓް ކުޑަކޮށްފިއެވެ.
ބީއެމްއެލް އިން އިންޓަރެސްޓް ކުޑަކޮށްފައި ވަނީ ޕާސަނަލް ލޯންތަކާއި ހޯމް ލޯންތަކުގެއެވެ. އެ ގޮތުން ގަވާއިދުން މުސާރަ ނުލިބޭ ފަރާތްތަކަށް ބީއެމްއެލް އިންދޫކުރާ ލުއި ލޯނުގެ އިންޓަރެސްޓް ވަނީ 13 ޕަސެންޓުން 12 ޕަސެންޓަށް ކުޑަކޮށްފައެވެ. މިއީ އެއްވެސް ރަހުނެއް ނެތި ދޫކުރާ 25،000ރ. ގެ ލޯނެކެވެ.
މީގެ އިތުރުން ލުއި އެކްސްޕްރެސް ލޯނުގެ އިންޓަރެސްޓް ވަނީ 18 ޕަސެންޓުން 15 ޕަސެންޓަށް ކުޑަކޮށްފައެވެ. މިއީ ވެސް ރަހުނުކުރުމަކާ ނުލައި، އާމްދަނީ ލިބޭ މިންވަރެއްގެ މައްޗަށް ބަލައި 300،000ރ.އާ ހަމައަށް ދޫކުރާ ލޯނެކެވެ.
ބީއެމްއެލް އިން ވަނީ ލައިފްސްޓައިލް ލޯނުގެ އިންޓަރެސްޓް ވެސް 18 ޕަސެންޓުން 15 ޕަސެންޓަށް ކުޑަކޮށްފައެވެ. މިއީ އާމްދަނީގެ ގޮތުގައި ކުލި ލިބޭ ފަރާތްތަކަށް ހާއްސަ ލޯނެކެވެ. މި ލޯނުގެ އަދަދަކީ 300،000ރ. އިން ފެށިގެން 1.5 މިލިއަން ރުފިޔާއެވެ. ރަހުނުކޮށްގެން ނަގާ ނަމަ މި ލޯނު ވެސް 12 ޕަސެންޓްގެ އިންޓަރެސްޓަކާ އެކު ލިބެއެވެ.
ހޯމް ލޯންތަކަށް ބަލާއިރު އިންޓަރެސްޓް ރޭޓް ވަނީ 11 އިން 10 ޕަސެންޓަށް ކުޑަކޮށްފައެވެ. ނަމަވެސް މި ރޭޓުގައި ބީއެމްއެލް އިން ލޯނު ދެނީ ގެދޮރު ގަތުމަށާއި އިމާރާތްކުރުމަށެވެ. ގެދޮރު ގަންނަ ނަމަ އިކުއިޓީގެ ފގޮތުގައި 20 ޕަސެންޓް އަމިއްލަ އަށް ހަރަދު ކުރަންޖެހެއެވެ. މި ބައި ޕެންޝަން ފަންޑުން ވެސް ހަމަޖެއްސިދާނެއެވެ. އިމާރާތްކުރުމަށް މި ރޭޓުގައި ލޯނު ދެނީ މަޝްރޫއުގެ 50 ޕަސެންޓަށެވެ. ހޯމް ލޯންތަކަކީ އެކަކަށް ވުރެ ގިނަ ފަރާތްތައް ބައިވެރިވާ ގޮތަށް ނެގިދާނެ ލޯނެކެވެ.
މީގެ އިތުރުން ބީއެމްއެލް އިން ވަނީ ރެއަލް އެސްޓޭޓް ލޯނުގެ އިންޓަރެސްޓް ވެސް 12 ޕަސެންޓުން 10.5 ޕަސެންޓަށް ކުޑަކޮށްފައެވެ.
ބޭންކުން ބުނީ ބީއެމްއެލް އިސްލާމިކްގެ ލޯނުތައް ވެސް މި ރޭޓަށް ބަދަލުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ބޭންކްގެ ލޯނުތަކާއި ހިދުމަތްތަކަށް އިތުރު ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ބަދަލުތައް އިއުލާނުކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.