ރާއްޖެއިން ލަންކާއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުގެ ޓެކްސް ރޭޓު ބޮޑުކޮށްފި
3 ނޮވެމްބަރ 2020 - 14:44
ރާއްޖެއިން ލަންކާއަށް
އެކްސްޕޯޓުކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެކުހުގެ ރޭޓު ބޮޑުކޮށްފިއެވެ.
އާ ޓެކުހުގެ ރޭޓުތަކުގައިވާގޮތުން
ރާއްޖެއިން ލަންކާއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޓެކްސްގެ ގޮތުގައި
ކިލޯއަކަށް 62.49 ރުފިޔާ ނެގުމަށް އެޤައުމުން ވަނީ ނިންމާފައެވެ. މިބަދަލު ގެނެސްފައިވަނީ އެޤައުމުގައި މިދިޔަމަހުގެ
27ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ މަހުގެ ބާވަތްތަކުން ނަގަން
ކަނޑައަޅާފައިވާ އާ ޓެކުހުގެ ރޭޓުތަކާއި އެކުއެވެ.
ރާއްޖޭގެ މަހުގެ ބާވަތްތަކަކީ
ލަންކާގައި މަޤްބޫލު އުފެއްދުންތަކެކެވެ. އެހެން ގައުމުތަކުން ލަންކާއަށް
އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ޓެކްސް ރޭޓް ބޮޑުކޮށްފައިވަނީ ލަންކާގެ
މަސްވެރިންގެ އުފެއްދުންތައް ކުރިއެރުވުމަށް ކަމަށް ސްރީލަންކާގެ ފިޝަރީޒް
މިނިސްޓްރީން ހާމަކުރެއެވެ.
ރާއްޖެއިން ލަންކާއަށް އެތެރެކުރާ
މަހުގެ އިތުރުން އެހެން ޤައުމުތަކުން އެޤައުމަށް އެތެރެކުރާ ގަނޑުކުރި މަހުގެ
ކިލޯއަކަށް ނަގާ ޓެކްސްވެސް ވަނީ 41.39 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ހިކި މަސް
ކިލޯއަކަށް ނަގާ ޓެކްސްވެސް ވަނީ 26.28 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ރާއްޖެއިން ލަންކާއަށް
އެކްސްޕޯޓުކުރާ މަހުގެ އުފެއްދުންތަކުން ނަގާ ޓެކްސް ބޮޑުކޮށްފައިވީ ނަމަވެސް
ދިވެހި މަސް އެޤައުމަށް އެކްސްޕޯޓުކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް
ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
މޯލްޑިވްސް ކަސްޓަމްސްއިން
އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ
ނިޔަލަށް ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ޤައުމުތަކުގެ ތެރޭގައި
ލަންކާ ހިމެނެއެވެ.