އަމިއްލަ ހިޔާލު: ސްކޫޕީ ސިސްޓާސް އާއި ޖީއެން ބްރޯސް!

8 ފެބުރުއަރީ 2024 - 14:49

ކުރިމަތީގައި ސައިކަލުގައި އިނީ ޒުވާން އުމުރުފުރައިގެ އަންހެން ކުއްޖެކެވެ. ސްކޫޕީގައި މަޑު ދުވެއްޔެއްގައެވެ. މަޑުކޮށްލަން ބޭނުން ކޮންމެ ފަހަރަކު ދެ ފައި އެއްފަހަރާ ޖައްސައެވެ. ތަންކޮޅެއް ގާތްވެލާފައި މި ހަދާ ގޮތެއް ބަލައިލީމެވެ. އޭނާ ބްރެކި ޖެއްސުމުގެ ބަދަލުގައި ސައިކަލް މަޑުކުރަން ބޭނުންކުރަނީ ދެފައިހެން ވަރަށް ޔަގީން ކުރެވުމެވެ.

ވަރަށް ހަމަޖެހިލައިގެން ސަމާލުވެ އިނދެ ދުއްވަމުން ދަނިކޮށް ސިއްސުވާލީ ކައިރިން “ރޫސް” އަޅުވާލާފައި ދިޔަ ސައިކަލެއްގެ އަޑުންނެވެ. ގޮޅި ޖެހި އަތް ދިގު ގަމީހެއްގައި އިން އެ ޒުވާނާ އިނނީ ޖީއެން ސައިކަލެއްގައެވެ. ވައި އަޅުވާލާފައި ސައިކަލް ކައިރިން ދިޔަހެން ހީވި އެވެ. އިސާ ހިތަކު ލޮލުކޮޅަށް ގެއްލިއްޖެއެވެ. ސިއްސައިގެން ގޮސް ކޮންޓްރޯލުން ނުނެއްޓުނީ ކިރިޔާއެވެ.

advertisement

މިއީ “ސްކޫޕީ ސިސްޓާސް” އާއި “ޖީއެން ބްރޯސް” ގެ ވާހަކައެވެ. ނަމަވެސް މިއީ ސްކޫޕީ ދުއްވާ ހުރިހާ އަންހެނުންގެ ވާހަކައެއް ނޫނެވެ. އަދި ޖީއެން ދުއްވާ ހުރިހާ ޒުވާނުންގެ ވާހަކައެއް ނޫނެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ބަޔަކާ މެދު ސަމާލުވާންޖެހެއެވެ. މި ދެ ބައި މީހުންނާ ބެހޭ ގޮތުން ސޯސަލް މީޑިއާގައި ވަރަށް ގިނަ ވާހަކަތައް ހުރެއެވެ. އެކި “މީމްތައް” ހަދާފައި ހުރެއެވެ. އެއްބައި ވާހަކަތަކަކީ ވަރަށް މަޖާ ވާހަކަތަކެވެ. އަނެއް ބައި ކަންކަމަކީ ވަރަށް ސީރިއަސްކޮށް ދައްކާފައި ހުންނަ ވާހަކަތެކެވެ.

ހަމަ ކުއްލިއަކަށް ގިނަ އަދަދެއްގެ ޒުވާންކުދިން ސްކޫޕީތަކުގައި މަގުތަކަށް ނުކުތް

ފާއިތުވި ފަސް ވަރަކަށް އަހަރުގެ ތެރޭގައި ސައިކަލް ދުއްވާ އަންހެން ކުދިންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އަދި ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގާއި ލައިސަންސް ދިނުމަށް ގެނައި ލުއި ގޮތްތަކެއްގެ ސަބަބުން ޒުވާން ގިނަ އަންހެން ކުދިން ލައިސަންސް ނެގިއެވެ. އޭގެ ތެރޭގައި ކިރިޔާ ހުންގާނު ހިފާލަން ނޭނގޭ ކުދިން ވެސް ހިމެނެއެވެ.

އެއްގޮތަކަށް ސައިކަލް ދުއްވަން ނޭނގޭ ކުދިންނަށް ވެސް އެ ފަހަރު ލައިސަންސް ލިބުނެވެ. އަދި ފަހުން ދުއްވަން ދަސްކުރަން ނިންމައިގެން ވެސް ލައިސަންސް ނެގިއެވެ. އެހާ ވެސް ފަސޭހަ ކަމަކަށްވީއެވެ. ފަހުން އެ ފަދަ ފަރާތްތަކަށް އަމާޒުކޮށްގެން ދުއްވުމުގެ ކްލާސްތައް ވެސް ހިންގަން ޖެހުނެވެ. 

ނަތީޖާއަކަށްވީ ހަމަ ކުއްލިއަކަށް ގިނަ އަދަދެއްގެ ޒުވާން އަންހެން ކުދިން ސްކޫޕީތަކުގައި މަގުތަކަށް ނުކުތުމެވެ. ނުފަރިތަ އެތައް ކުދިންނެއް ސައިކަލް ދުއްވަން ފެށިއެވެ. އޭގެ ތެރޭގައި ޕާކް ކުރަންޖެހިއްޖެ ނަމަ އެހެން މީހުންގެ އެހީތެރިކަން ބޭނުން އެތައް ކުދިންނެއް ވެސް ހިމެނެއެވެ. ހުޅުމާލެ ބްރިޖް ހުރަސްކުރަން ނުކެރޭ އެތައް ބަޔަކު ވެސް އެބަ ތިއްބެވެ.

“ސްކޫޕީ ސިސްޓާސް”ގެ ސަބަބުން ވަރަށް ގިނަ އެކްސިޑެންޓްތައް ވެސް ހިނގަން މެދުވެރިވެފައި އެބަ ހުއްޓެވެ. އެ ގޮތުން ދޭ ސިގްނަލް ކަނޑާނުލައި ދުއްވުމަކީ ވެސް އާންމު ކަމެކެވެ. އޭގެ ސަބަބުން އަޅާ ގޯޅި ނޫން އެހެން ދިމާއަކަށް ސިގްނަލް ދެވި އެތައް ބަޔަކު ނުރައްކަލުގެ ތެރެއަށް ވެއްޓެއެވެ. ހުޅުމާލެ ބްރިޖާއި ހައި ވޭއަކީ ވަކި ބާރު މިނެއްގައި ދުއްވަން ޖެހޭ ތަންތަނެވެ.

މާ މަޑުން ދުއްވުމަކީ ވެސް އޭގެ ސަބަބުން ބަޔަކަށް ތުރާ ކުރިމަތިވާ ކަމެކެވެ. އެ ގޮތުން ބައެއް “ސްކޫޕީ ސިސްޓާސް” ހައިވޭގައި ދާ އިރު އެހެން މީހުން އެ ސައިކަލް ފަހަތުގައި ކިޔުޖެހިފައި އޮންނަންޖެހޭ ފަހަރު ވެސް އާދެއެވެ. ފަހަތުގައި އޮންނަ ވެހިކަލަށް ކުރިއަރަން ވެސް ފުރުސަތު ނުލިބެނީއެވެ.

ހިތަށް ތަދުވޭ ޕާކްކުރަން އެ އުޅޭ ހާލުން

“ހުރިހާ އެންމެންނެއް ނޫން. އެކަކު ވަރަށް ގިނަ ފަހަރު ހިތަށް ތަދުވޭ ޕާކްކުރަން އެ އުޅޭ ހާލުން. ބައެއް ފަހަރު ފެނޭ އެހެން މީހަކު އެހީ ވޭތޯ މަޑުކޮށްލައިގެން ތިބޭ ތަން ވެސް. އެކަމަކު ސައިކަލް ދުއްވަން ވާނީ އޭގެ ޒިންމާ އުފުލޭ ވަރު މީހުން،” ޒުވާނަކު ހިޔާލު ފާޅުކުރިއެވެ.

“ސްކޫޕީ ސިސްޓާސް”އެކޭ އެއްގޮތަށް “ޖީއެން ބްރޯސް” އަކީ ވެސް ސަމާލުވާން ޖެހޭ ބައެކެވެ. އެކަމަކު މި ބަސް ރައްދު ވަނީ ހަމައެކަނި ޖީއެން ސައިކަލް ދުއްވާ ޒުވާނުންނަށް އެކަންޏެއް ނޫނެވެ. 

އެހެން ބާވަތުގެ ސައިނަލްތައް ހަމައެއް ލަމައެއް ނެތި ދުއްވާ މީހުންނަށް ވެސް މި ބަސް ބޭނުންކޮށް އުޅެއެވެ. މިއީ “ބޫން” އަޅާފައި ވަރަށް ބާރަށް މަގުމަތި “ފަތަހަކުރަމުން” ދުއްވާ ބައެކެވެ. މަގު މަތީގައި ހޫރެމުން ކަހަލަ ގޮތަކަށް ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން މީގެ ކުރިން ވެސް އެތައް އެކްސިޑެންޓެއް ހިނގާފައި ވެއެވެ. އެފަދަ މީހުން އެކަން ކުރަނީ ކީއްވެގެން ކަމެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނެ އެވެ. ގައިމު ވެސް ގަޑިޖެހިގެން ދާނެ ތަނެއް ނެތް އެތައް ބަޔަކު ވެސް މި ގޮތަށް ދުއްވައެވެ. ފަހަރުގައި އެހެން މީހުންނަށް ދޭ މެސެޖަކަށް ވެސް ވެދާނެއެވެ. ނުވަތަ ސަމާލުކަން ހޯދަން ކުރާ ކަމަކަށް ވެސް ވެދާނެއެވެ.

މި ދެ ބައި މީހުންނާ މެދު ދުއްވާ މީހުން ސަމާލުވާންޖެހެއެވެ. އެތައް ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދަނީ ހަގީގަތުގައި ވެސް ފަރުވާކުޑަކުރުމުގެ ސަބަބުންނެވެ. އަދި އަނެކުންނާ މެދު އެއްވެސް ފިކުރެއް ހިޔާލެއް ނެތި ބާރު ސްޕީޑުގައި ވެހިކަލް ދުއްވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެތައް ބަޔަކު ވަނީ ނުކުޅެދުންތެރި ހާލަތުގައެވެ. ގޯޅި އެޅުމާއި ޕާކްކުރުމުގައި ސިގްނަލް ދިނުމުގައި ސަމާލުކަން ނުދިނުމުގެ ސަބަބުން ވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ބުރިޖުމަތިން ދުއްވާއިރު ހެލްމެޓް ރަނގަޅަށް ނޭޅުމާއި ރަނގަޅު ފަޅިން ނުދުއްވުމުގެ ނުރައްކާ އޮތީ ރައްކަލަށް ދުއްވާ މީހުންގެ ފުރާނައަށްވެސް ނުރައްކާ ވާގޮތަށެވެ.

މިއީ “ސްކޫޕީ ސިސްޓާސް” އާއި “ޖީއެން ބްރޯސް” އަށް މަލާމާތްކޮށް ފުރައްސާރަކުރުމަށް ލިޔުނު ލިޔުމެއް ނޫނެވެ. މިއީ އެފަދަ ފަރާތްތަކުން ވެސް އަދި އެހެން މީހުން ވެސް ވެހިކަލް ދުއްވާ އިރު ސަމާލުވުމަށް ކުރާ އިލްތިމާސްއެކެވެ.

ރިއެކްޝަންސް
1
1
1
1
0
2
1