ސަލްޓަންސްގެ ދެ ލޯންޗަށް 110 މިލިއަން ދައްކަން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

9 ނޮވެމްބަރ 2020 - 17:12

ރާއްޖެ އަށް އެތެރެކުރި ދެ ލޯންޗެއްގެ އަގު އޮޅުވައިލި މައްސަލާގައި ސަލްޓަންސް ކުންފުނިން ދައުލަތަށް 110 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސަލްޓަންސް ކުންފުނިން 2007 އަދި 2008 ގައި ރާއްޖެ އެތެރެކުރި ދެ ލޯންޗްގެ އަގު އޮޅުވާލާފައިވާ މައްސަލާގައި ޑިއުޓީ އާއި ޖޫރިމަނާގެ ގޮތުގައި 110 މިލިއަން ރުފިޔާ ދެއްކުމަށް އެންމެ ފުރަތަމަ ސިވިލް ކޯޓުން ހުކުމް ކުރީ 2010 ވަނަ އަހަރުއެވެ. ނަމަވެސް ސިވިލް ކޯޓުގެ އެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައެއް ނުވެއެވެ. ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލްކުރުމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް ކާމިޔާބު ހޯދާފައެވެ.

advertisement

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އެ ދެ ލޯންޗް އެތެރެކުރުމުގައި ސަލްޓަންސް އިން ދައުލަތަށް އޮޅުވާލާފައިވާކަން ހުށަހަޅާފައިވާ ހެކިތަކުން ސާބިތުވާ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ.

މި މައްސަލާގައި ސަލްޓަންސް އިން އެންމެ ބޮޑަށް ވަކާލާތުކޮށްފައި ވަނީ އެ އުޅަނދުތައް އެންމެ ފުރަތަމަ ބެލުމަށް ފަހު ކަސްޓަމްސް އިން ދޫކޮށްލާފައިވަނިކޮށް އަލުން ތަހުގީގެއް ކުރުމެވެ. ސިވިލް ކޯޓުން ކުރިން ކުރި ހުކުމުގައި ވެސް ބުނެފައި ވަނީ އަލުން ތަހްގީގެއް ނުކުރެވޭނެ ކަމަށް ގާނޫނަކުން ކަނޑައަޅާފައި ނުވާ ކަމަށެވެ. ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ދަމަހައްޓާފައެވެ.

ހުކުމުގައި ބުނެފައި ވަނީ މުދާ އެތެރެކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި އެފަދަ މައްސަލަތައް ތަހުގީގުކުރަން މިހާރު ކަނޑައަޅާފައިވީ ނަމަވެސް ސަލްޓަންސްގެ ލޯންޗްތަކުގެ މައްސަލަ ހިނގި އިރު އެފަދަ މުއްދަތެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން ފިޔަވަޅު އެޅުމުގެ ބާރު ކަސްޓަމްސް އަށް ލިބިގެންވާ ކަމަށް ހުކުމުގައި ވެއެވެ.

ކަސްޓަމްސް އިން ނިންމާފައި ވަނީ އެ ދެ ލޯންޗްގެ ޑިއުޓީ އަށް 53،6 މިލިއަން ރުފިޔާ އަރާ ކަމަށެވެ. އަދި ޖޫރިމާގެ ގޮތުގައި 56.6 މިލިއަން ރުފިޔާ އަރާ ކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0