ކޯވިޑް19 ގެ ސަބަބުން އަސަރުކުރި މީހުންގެ ދިރިއުޅުން އާރާސްތުކުރަން 25 މިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅައިފި

10 ނޮވެމްބަރ 2020 - 15:41

ކޮވިޑް19ގެ ސަބަބުން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން މަޖުބޫރުވާ ފަރާތަކަށް ދިރިއުޅުން އާރާސްތުކުރަން އެހީ ފޯރުކޮށްދޭން އަންނަ އަހަރުގެ ބަޖެޓުގައި 25 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ހުށައެޅި ބަޖެޓްގައި ވަނީ ކޯވިޑް19 އާއެކު ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެ ގިނަރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޕްރޮގްރާމްތައް ހިންގުމަށް ބަޖެޓުގައި ރާވައިފައިވާ ކަމަށް ވަނީ ބުނެފައެވެ.

advertisement

އެގޮތުން ކޯވިޑްގެ ސަބަބުން ދިމާވެފައިވާ އިގުތިސާދީ ހާލަތުގައި އާމްދަނީ ހޯދަން ދަތިވެ އެތައް އާއިލާތަކަކުން ދަރަނިވެރިވެ ހާލުގައި ޖެހިފައިވުމާއެކު އެފަދަ އާއިލާތަކަށް ދިރިއުޅުން އެހެން ރަށަކަށް ބަދަލުކޮށް އަލުން އާރާސްތުކުރުމަށް ދިމާވެފައިވާ ހުރަސްތައް ދުރުކޮށް އެހީތެރިވެދިނުމަށްޓަކައި 25 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ކަނޑައަޅައިފައެވެ.

މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން 18 އަހަރުން ދަށުގެ ކުދިން ތިބި، ދިރިއުޅުން އެހެން ރަށަކަށް ބަދަލުވާން ބޭނުންވެފައިވާ ފަރާތްތަކަށެވެ.

އެ ޕްރޮގްރާމުގެ ދަށުން މާލީ އެހީގެ ގޮތުގައި ފޯރުކޮށްދޭ އެސްޓަބްލިޝްމަންޓް ސަޕޯޓް އެލަވަންސާއި ރިލޮކޭޓްކުރުމަށް ބޭނުންވާ އެހެނިހެން ހަރަދުތައް ހިމަނައިފައިވާނެ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

ކޯވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގުތިސާދު މުޅިންހެން ހުއްޓި، މަޑުމަޑުން ހަރަކާތްތެރިވާން ފަށާފައިވީ ނަމަވެސް، އަންނަ އަހަރުވެސް ވެގެން ދާނީ އާމްދަނީގެ ގޮތުން ތަދު، އިގުތިސާދީ ލޮޅުމަށް ފަރުވާކުރުމަށް ހަރަދު ކުރަން ޖެހޭނެ އަހަރަކަށް ކަމަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0