މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ %57.9 ދަށް

11 ނޮވެމްބަރ 2020 - 11:44

މިއަހަރުގެ އޮކްޓޯބަރ މަހު ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާއަށް ލިބުނު އާމްދަނީ 57.9 އިންސައްތަ ދަށްވެއްޖެއެވެ.

މިއަހަރުގެ އޮކްޓޯބަރ މަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 390 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މީރާއަށް ލިބުނު އާމްދަނީއާއި އަޅާބަލާއިރު 57.9 އިންސައްތަ ދަށްއަދަދެކެވެ.

advertisement

މީރާއިން ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހާއި އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރ މަހު މީރާއަށް ލިބުނު އާމްދަނީ ދަށްވެފައިވަނީ ކޯވިޑް19 ގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިން ދަށްވެ ފަތުރުވެރިކަމުގެ އިޤްތިޞާދީ ހަރަކާތްތައް ދަށްވެ ފަތުރުވެރިކަމުގެ ދާއިރާއިން މީރާއަށް ލިބިފައިވާ ޓެކުހުގެ މިންވަރު ދަށްވެފައިވާތީކަމަށެވެ. މީގެތެރޭގައި ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ ވަރަށް މަދު އަދަދެއްކަމަށް މީރާއިން ބުނެއެވެ.

މިއަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ 63.3 އިންސައްތައާއިއެކު ޖީއެސްޓީއެވެ. އެއީ 247.42 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އިންކަމް ޓެކުހުގެ ގޮތުގައި 13.4 އިންސައްތަ ނުވަތަ 52.39 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެއިތުރުން ބީޕީޓީގެ ގޮތުގައި 20.32 މިލިއަން ރުފިޔާ، ރެސިޑެންޓް ޕާމިޓްގެ ގޮތުގައި 18.54 މިލިއަން ރުފިޔާ، ވެހިކަލް ފީގެ ގޮތުގައި 9.34 މިލިއަން ރުފިޔާ، އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 42.56 މިލިއަން ރުފިޔާ އޮކްޓޯބަރ މަހު މީރާއަށް ވަނީ ލިބިފައެވެ. އޮކްޓޯބަރ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 4.68 މިލިއަން އެމެރިކާ ޑޮލަރުވެސް ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0