ރެސިޑެންސް ވިސާއާ އެކު ލުއިތައް ދޭން ކަނޑައެޅީ ކުރީގެ ސަރުކާރުން: އިކޮނިމިކް މިނިސްޓްރީ

12 ނޮވެމްބަރ 2020 - 11:07

ރެސިޑެންސް ވިސާއާ އެކު ދޭން ކަނޑައަޅާފައިވާ ލުއިތަކަކީ ކުރީގެ ސަރުކާރުން 2015 ވަނަ އަަހަރު ހެދި ގަވާއިދެއްގައި ހިމެނޭ ކަންކަން ކަށާއި މި ސަރުކާރުން އެ ވިސްނުން ނުގެންގުޅޭ ކަމަށް އިކޮނިމިކް މިނިސްޓްރީން ބުނެފިއެވެ.

ކޯޕަރޭޓިވް ވިސާއާ ގުޅޭ ގޮތުން އިމިގްރޭޝަން ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާ އެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޯޕަރޭޓިވް ރެސިޑެންސް ވިސާއާ ގުޅޭ ގަވާއިދެއް 2015 ވަނަ އަހަރު ގެޒެޓްކޮށްފައިވާ ކަމަށެވެ. މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައި ވަނީ އެ ގަވާއިދުގައި ހިމެނޭ ކަންކަމެވެ. އޭގެ ތެރޭގައި ޑިއުޓީ އާއި ޓެކްސް މައާފްކުރުމާއި ފާސްޓް ޓްރެކް ސާވިސް ހިމެނެއެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ބުނީ އެ އިނާޔަތްތައް ދިނުމަކީ މި ސަރުކާރުގެ ވިސްނުން ނޫން ކަމަށެވެ.

advertisement

ގާނޫނަށް އަލަށް ގެނައި ބަދަލަށް އަމަލުކުރަން ފެށުމާ އެކު މަދުވެގެން 250،000 ޑޮލަރު އިންވެސްޓްކުރާ ފަރާތަކަށް ވިސާ ލިބިގެންދާނެއެވެ. ކުރިން އެ އަދަދު އޮންނަނީ 50 މިލިއަން ޑޮލަރުގައެވެ. މިހާ ބޮޑު ލުޔެއް ދިނުމާ އެކު ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި ހާއްސަކޮށް އެ ވިސާއާ އެކު ދޭން ކަނޑައަޅާފައިވާ ލުއިތަކާ ގުޅިގެން ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އެ އަދަދަށް އިންވެސްޓްކުރާ ދިވެހިންނަށް ވެސް ނުލިބޭ އެތައް ލުއިތަކެއް އެ ވިސާއާ އެކު ދިވެހި ރާއްޖޭގައި ބޭރު ބަޔަކަށް ލިބުމަކީ އިންސާފެއް ނޫނެވެ.

ކުރިން 50 މިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް ދޭ އިނާޔަތްތައް ކަނޑައަޅައި ކުރީގެ ސަރުކާރުން ގެޒެޓްކުރި ގަވާއިދަށް އަމަލުކުރަން މި ސަރުކާރުން ނުވިސްނާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނި ނަމަވެސް އެ ގަވާއިދަށް ގެންނާނެ ބަދަލުތަކެއް ހާމަކޮށްފައެއް ނުވެއެވެ.    

ރިއެކްޝަންސް
0
0
0
0
0
0
0