ރިޕޯޓް: ސަރުކާރު ސަބްސިޑީގެ އަނދިރި ފަރާތް

2 މާޗް 2024 - 11:19

ދިވެހިންގެ އާންމު ދިރިއުޅުން ބައްޓަންވެފައި ވަނީ ދައުލަތުން ދޭ އެތައް ސަބްސިޑީއެއްގެ މައްޗަށެވެ. ސިއްހީ ހިދުމަތަށާއި ކަރަންޓާއި ކެއިން ބުއިމާއި މިހެން ގޮސް އެތައް ކަމެއް ދިވެހިންގެ އަތްފޯރާ ފަށުގައި ބެހެއްޓުމަށް ދައުލަތުން ހަރަދުތަކެއް ކުރެއެވެ. އެހެން ނަމަވެސް ބައެއް ދާއިރާތަކަށް ދޭ ސަބްސިޑީއާ މެދު މީގެ ކުރިން ވެސް އެކި ފޯރަމްތަކުގައި ސުވާލު އުފައްދާފައި ވެއެވެ. ދައުލަތުން ކުރާ ހޭދަ ހަގީގަތުގައި އާންމު މީހާ އަށް ފޯރަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ނުވަތަ އެ އެހީ ހަގީގަތުގައި ބޭނުންވާ މީހާއާ ހިސާބަށް ދޭ ހެއްޔެވެ؟

ފަގީރަކަށް މުއްސަންޖަކަށް ނުބަލާ, އެންމެންނަށް ހަމަހަމައިން ސަބްސިޑީ ދިނުން


ސިއްހީ ހިދުމަތްތަކަށް ދައުލަތުން ދޭ ސަބްސިޑީ ނުވަތަ އާސަންދައިގެ ނިޒާމުގެ ތެރެއިން އެންމެ މުއްސަނދި މީހާ އަށް ވެސް ބޭސްފަރުވާގެ ކަންކަން ހަމަޖެހިގެން ދެއެވެ. ހިލޭ ބޭސްފަރުވާކުރެވޭ މި ނިޒާމަށް ބައެއް ފަރާތްތަކުން ފާޑުކިޔަނީ އެހެންވެގެންނެވެ. އަދި މިއީ ދެމެހެއްޓެނިވި ނިޒާމެއް ނޫން ކަމަށް އެ ހިދުމަތް ފޯރުކޮށްދީ ކުންފުނިން ވެސް ބުނެފައި ވެއެވެ. އަދި ސަރުކާރުން އެތައް ބިލިއަން ރުފިޔާއެއް ހޭދަކުރާ އިރު މީގެ ތެރެއިން އެތައް ބިލިއަން ރުފިޔާއެއް މުއްސަނދިންގެ ޖީބަށް ވެސް ވަދެއެވެ. އާންމު މީހާ އަށް ލިބެނީ ބޭސްކޮޅާއި އާދައިގެ ޑޮކްޓަރަކަށް ދައްކާލުމުގެ ފުރުސަތެވެ. އަގު ބޮޑު ބޭސް ވިއްކައިގެންނާއި ކްލިނިކްތައް މެދުވެރިކޮށް އާސަންދައިގެ ބޮޑު ބައެއް ކަހާލަނީ މުއްސަނދިންގެ ޖީބަށެވެ. އެހެންކަމުން ސިއްހީ ނިޒާމަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދައިގެ ނުވަތަ ދޭ ސަބްސިޑީގެ ބޮޑުބައެއް ހަގީގަތުގައި އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާ ގޮތެއް ނުވެއެވެ.

advertisement

ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓް ފޯރުކޮށްދެން ވެސް އަހަރެއްގެ މައްޗަށް 100 މިލިއަނެއްހާ ރުފިޔާ ކޮންމެ އަހަރެއްގެ ވެސް ބަޖެޓުން ހޭދަކުރެއެވެ. އެހެން ނަމަވެސް ސްޓެލްކޯ އިން ކަރަންޓް ފޯރުކޮށްދިނުމުގައި ފަގީރެއް މުއްސަންޖެއް ފަރަގެއް ނުކުރެއެވެ. ފަރަގު އޮންނަނީ ބޭނުންކުރާ ނިސްބަތުގައެވެ. މިސާލަކަށް ހަތަރު މީހުން ތިބީ މުއްސަނދި އާއިލާއަކަށް ދައުލަތުން ދޭ ސަބްސިޑީގެ މިންވަރަށް ވުރެ 7 މީހުން ތިބޭ އާދައިގެ މީހާ އަށް ދޭ ސަބްސިޑީ ކުޑަވާ ފަހަރު ވެސް އާދެއެވެ. އެހެން ކަމުން ހެޔޮ އަގުގައި ކަރަންޓް ފޯރުކޮށްދިނުމަށް ދައުލަތުން ދޭ ސަބްސިޑީގައި ވެސް އިންސާފެއް ނެތޭ ބުނެވިދާނެއެވެ.

މަސްވެރިކަމުގެ ސިނާއަތަށްދޭ ސަބްސިޑީގެ ފައިދާ ރައްޔިތުންނަށް ކުރޭތަ?


ދެން އޮތީ މަސްވެރިކަމެވެ. ޓުއަރިޒަމް ނަގާފައި ރާއްޖޭގެ އެންމެ ބޮޑު ސިނާއަތެވެ. އެހެން ނަމަވެސް މިއީ ވެސް ދައުލަތަށް ބަލަދު އަރާފައި އޮތް ސިނާއަތެކެވެ. އެ ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީ އަށް ވުރެ ދައުލަތުން ހޭދަކުރާ މިންވަރު ބޮޑެވެ. މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށާއި މަސްވެރިން ބާނާ މަހަށް ހަމަ އަގު ފޯރުކޮށްދިނުމުގެ ނަމުގައި ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ބޮޑު ހޭދައެއް ކުރެއެވެ. ނިމިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މަސްވެރިކަމަށް ސަބަސިޑީގެ ގޮތުގައި މިދިޔަ އަހަރު 215.8 މިލިއަން ރުފިޔާ ދީފައި ވެއެވެ. ނަމަވެސް ސުވާލަކީ މީގެ ސަބަބުން ހަގީގަތުގައި ރައްޔިތުންނަށް ލިބުނީ ކޮން ފައިދާއެއް ހެއްޔެވެ؟

މަސްވެރިކަމަށް ދޫކުރާ ސަބްސިޑީގެ ވެސް ބޮޑު ބައެއް ހަގީގަތުގައި ލިބިގެންދަނީ ވިޔަފާރިވެރިންނަށެވެ. ތެލުގެ ސަބްސިޑީ ލިބެނީ އޮޑިވެރިޔާއަށެވެ. އޮޑިވެރިން މެދުވެރިކޮށް މަސްވެރިކަމުގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރި ކުންފުނިތަކަށް ލިބޭ މިންވަރު ވެސް ކުޑައެއް ނޫނެވެ. ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮތް މިފްކޯ މެދުވެރިކޮށް ދޭ ސަބްސިޑީ ވެސް އާހިރުގައި ގޮތް ވަންނަނީ އޮޑިތައް ގެންގުޅޭ މީހުންގެ ޖީބަށެވެ. އޭގެ ތެރެއިން މަދު ބައެއް ފަޅުވެރިންނަށް ލިބުނަސް ރާއްޖޭގެ ގިނަ ދޯނިތަކުގައި މި ވަގުތު ތިބީ ބިދޭސީންނެވެ. އެހެން ކަމުން އެ ސަބްސިޑީގެ ބޮޑު ބައެއް ވެސް އެ މީހުންގެ ޖީބުގެ ތެރެއިން ރާއްޖޭގެ ކަނޑައޮޅި ހުރަސްކޮށް ދަނީ ބޭރަށެވެ.


ކާބޯތަކެތީގެ ސަބްސިޑީގައި ވެސް އޮތީ މި އުސޫލެވެ. ހެޔޮ އަގެއްގައި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރެއެވެ. މީގެ ތެރެއިން ބޮޑު ބައެއް އެސްޓީއޯ އަށް ލިބޭ އިރު އަމިއްލަ ކުންފުނިތަކަށް ލިބޭ މިންވަރު ވެސް ވަކި ކުޑައެއް ނޫނެވެ. އާންމު މީހާ އަށް ލިބެނީ ހަނޑުލާއި ހަކުރާއި އަދި ފުށް ކިލޯ އިން ލިބޭ މަދު ރުފިޔާކޮޅެވެ. އޭގެ ތެރެއިން ވެސް ސަބްސިޑީ ލިބޭ ހަނޑޫ މިހާރު ގިނަ މީހުން ބޭނުމެއް ނުކުރެއެވެ. އެ ހަނޑޫ ގިނައިން ކައި އުޅެނީ ބިދޭސީންނެވެ. އެހެން ކަމުން ކާބޯތަކެއްޗަށް ދައުލަތުން ދޭ ސަބްސިޑީގެ ބޮޑު ބައެއްގެ ފައިދާ ވެސް ބިދޭސީންނަށް ކުރެއެވެ.


އިންޑައިރެކްޓް ސަބްސިޑީގެ ބަދަލުގައި ސަބްސިޑީ ބޭނުންވާ މީހާ އަށް ސީދާ ގޮތެއްގައި ލިބޭނެ ނިޒާމެއް ގެނައުމަށް މީގެ ކުރިން ވެސް އެކި ފަހަރު މަތިން ވާހަކަ ދެކެވުނެވެ. ގާނޫނު ހަދާ މަޖިލީހުގައި ވެސް ބަހުސްތައް ކުރެވުނެވެ. އެހެން ނަމަވެސް އެ މަޖިލީހުގައި ވެސް އޮތީ މަހުޖަނުންގެ ބާރެވެ. ސަބްސިޑީގެ ބޮޑު ބައެއް ވަންނަނީ މަހުޖަނުންގެ ޖީބަށެވެ. އެހެން ކަމުން މިހާރު އޮތް ނިޒާމު ބަދަލުކޮށް އާންމު މީހާ އަށް އެއިން ބޮޑު ފައިދާއެއް ލިބޭނެ ގޮތެއް މިހާތަނަށް ވަނީ ނުހޯދިއެވެ.

ރިއެކްޝަންސް
2
0
0
0
1
0
0