ދިވެހިންގެ ސަމާލުކަން ފިނޮޅުތަކަށް! މިހާރު ކުނިގޮނޑުތަކެއް!

16 ނޮވެމްބަރ 2020 - 10:13

މާލޭގައި ދިރިއުޅޭ މީހުންނަށް ކޮވިޑްގެ ސަބަބުން ރަށްރަށަށް ދަތުރު ނުކުރެވި ހައެއްކަ މަސް ވެއްޖެއެވެ. ބަންދުވެފައި ތިބެންޖެހުމުން ހާސްކަން އިންތިހާ އަށް ބޮޑެވެ. އާއިލާއާ އެކު ހިތްއުފާކޮށްލަން ނުކުމެ އުޅޭނެ ގިނަ ތަންތަން ވެސް މިހުރިހާ ދުވަހަކު އޮތީ ބަންދުކޮށްފައެވެ. ހުޅުމާލެ އާއި ވިލިނގިލި ގޮނޑުދޮށް ވެސް އާންމު ގޮތެއްގައި ތޮއްޖެހޭތީ ގިނަ މީހުން އެތަން ތަނަށް ދާން ޖެހިލުން ވެއެވެ. ނުވަތަ ބޭނުމެއް ނުވެއެވެ. ކޮވިޑްގެ ނުރައްކާގެ އިތުރުން މިނިވަންކަމާ އެކު ހަރަކާތްތެރިވުމުގެ ފުރުސަތު ވެސް ކުޑަވުމުން ކަމަށް ވެދާނެއެވެ. އެހެންކަމުން ގިނަ ބަޔަކު އާއިލާތައް މި ދުވަސްވަރު އުފާކޮށްލުމަށް އިހްތިޔާރު ކުރަނީ މާލެ ސަރަހައްދުގައި ހުރި ފިނޮޅުތަކެވެ. މީގެ ކުރިން ދިވެހިންނަށް ވުރެ އެތަންތަން ރައްޓެހީ ރާއްޖެ އަންނަ ޓުއަރިސްޓުންނައާއެވެ. ދިވެހިންގެ ދިރިއުޅުމުގެ އާދަތަކާ ނުގުޅޭ މަންޒަރުތައް ފިނޮޅުތަކަށް ދާ ޓުއަރިސްޓުންގެ ފަރާތުން ފެންނާތީ އާއިލާތަކުން އެ ތަންތަނަށް ދާން މީގެ ކުރިން ޖެހިލުން ވެއެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން ރާއްޖޭގެ ބޯޑަރުތައް ބަންދުވެ ޓުއަަރިސްޓުން ނާންނާތީ ފިނޮޅުތައް ވެސް އޮތީ ވަރަށް ބޮޑަށް ފަޅުވެފައެވެ. އޭގެ ފައިދާ ދިވެހިންނަށް ކުރިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ ހިލާފަށް ވިޔަސް މާލެ ސަރަހައްދުގައި އުޅޭ އެތައް ބަޔަކު ވަނީ ފިނޮޅުތަކަށް ދަތުރު ދާން ފަށާފައެވެ. މިހާރު މަދުމަދުން ޓުއަރިސްޓުން އަންނަން ފެށި ނަމަވެސް ފިނޮޅުތަކުގައި މި ދުވަސްވަރު ބާރުގަދައީ ދިވެހިންނެވެ. ހާއްސަކޮށް އެޗްޕީއޭ އިން މީޑިއާތައް މެދުވެރިކޮށް ފިނޮޅުތައް ވަނީ ވަރަށް ބޮޑަށް އިސްތިހާރުކޮށްފައެވެ. އެ ތަންތަނަށް ނުދިއުމަށް އެޗްޕީއޭ އިން ތަކުރާރުކޮށް އިލްތިމާސްކުރަމުން ދިޔުމުން މީގެ ކުރިން ފިނޮޅުތައް އޮންނަކަން ނޭނގޭ ނުވަތަ އެތަން ތަނަށް ދިއުމަށް ހުއްދަތައް ނަގަންޖެހޭ ކަމަށް ދެކި އެ ތަންތަނަށް ނުގޮސް ތިބި އެތައް ބަޔަކު ވެސް މިހާރު އެތަން ތަނަށް ދެ އެވެ.

advertisement

މާލެ ސަރަހައްދުގައި ދަތުރު ދާނެ ހާއްސަ ސަރަހައްދެއް ނެތުމުގެ ޝަކުވާ އަހަރުތަކެއް ވެއްޖެއެވެ. އެނބޫދޫ ފަޅު ހިއްކައިގެން ދިވެހިންނަށް ދަތުރު ދާނެ ހާއްސަ ރަށެއް ހެދުމުގެ މަސައްކަތް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެ ތަން ނުނިމުނަސް ހިއްކާފައި އޮތް އެ ފަސްގަނޑަށް ވެސް އެތައް ބަޔަކު މިހާރު ދަތުރު ދެއެވެ. އެޗްޕީއޭގެ ގައިޑްލައިންތަކުން އެ ފުރުސަތު ނުލިބި އޮތް ނަމަވެސް ހާސްކަން ފިލުވާލައި އާއިލާތަކާ އެކު ވަގުތު ހޯދަކޮށްލުމަށް ފިނޮޅުތަކަށް ވުރެ ވަކި ރަނގަޅު މަގެއް ނެތެވެ.

ނަމަވެސް ދިމާވެގެން އުޅެނީ އެހެން މައްސަލައެކެވެ. އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވުމަށް ވުރެ ބޮޑު ޖަރީމާއެއް ފިނޮޅުތަކުގައި ދިވެހިން އެބަ ހިންގައެވެ. މީގެ ކުރިން ޓުއަރިސްޓުން ދަތުރުކުރާ ތަންތަނަށް ވުމުން ކައިރި ރިސޯޓްތަކުންނާއި އެ ފިނޮޅުތައް ބޭނުންކުރަމުން އައި ފަރާތްތަކުން އެތަންތަން އައީ ވަރަށް ބޮޑަށް ބަލަހައްޓަމުންނެވެ. ނުވަތަ ޓުއަރިސްޓުން ގޮވައިގެން ދާ އުޅަނދުފަހަރުން ދަތުރު ނިންމާފައި އެނބުރި އަންނަ އިރު އަންނަނީ އެތަންތަން ސާފުކޮށްފައެވެ. ނުވަތަ އެ ބައެއްގެ ފަރާތުން އުފެދޭ ކުނި ހިފައިގެންނެވެ. ފަހަރުގައި ޓުއަރިސްޓުން ޝަކުވާ ކުރާތީ ކަމަށް ވެސް ވެދާނެއެވެ. ނުވަތަ އެ މީހުންނަށް ކުނިވެފައި އޮންނަ މަންޒަރު ދައްކަން ބޭނުން ނުވަނީ ކަމަށް ވެސް ވެދާނެއެވެ. ކޮންމެ ސަބަބަކާ ހުރެ ވެސް މިހާތަނާ ޖެހެންދެން އެ ތަންތައް އޮތީ ވަރަށް ސާފުކޮށެވެ.

މި މަންޒަރު މިހާރު ބަދަލުވާން ފަށައިފިއެވެ. ދިވެހިން ދަތުރު ދާން ފެށުމުން ހުދު ދޮންވެލީގެ ފިނޮޅުތައް ގޮނޑުވާން ފަށައިފިއެވެ. ދަތުރު ގޮސްފައި އެނބުރި އަންނަ އިރު މުޅި ފިނޮޅު ގޮނޑުކުރުން އާދައަކަށް ވެއްޖެއެވެ. މީގެ ކުރިން އެތަންތަން ބަލަހައްޓަމުން އައި ފަރާތްތަކުން އެ ޝަކުވާތައް އެބަކުރެއެވެ. ޓުއަރިސްޓުން ނުދާތީ އެ ފަރާތްތަކުން ވެސް ކަމާ ކަންފަށައި އެ ތަންތަން ސާފުނުކުރާތީ ކަމަށް ވެސް ވެދާނެއެވެ. ނުވަތަ ކުރިން ދާ ވަރަށް ވުރެ ގިނަ މީހުން ދާތީ އެހެން ބަޔަކު އަޅާ ކުނި ނަގަން އެހާ ފަސޭހަ ކަމަކަށް ނުވާތީ ކަމަށް ވެސް ވެދާނެއެވެ. ކޮންމެ ސަބަބަކާ ހުރެ ވެސް ހުދު ދޮންވެލި ފިނޮޅުތަކުން މިހާރު އެ ހުދުކަން ގެއްލެން ފަށައިފިއެވެ. ދަތުރު ދާ ދިވެހިން އެނބުރި އަންނަ އިރު އޮންނަނީ މުޅި ފިނޮޅު ގޮނޑުވެފައެވެ. ކާން ބޭނުންކުރި ޕްލާސްޓިކް ތަށިތަކާއި ކޮތަޅުތައް ފިނޮޅަށް ދޫކޮށްލުން ވަނީ އާންމު ކަމަކަށް ވެފައެވެ.

އަމިއްލަ ބައެއް ފަރާތްތަކުން އިސް ނަގައިގެން ފިނޮޅުތައް ސާފުކުރުމުގެ މަސައްކަތް ކުރިން ވެސް އައީ ކުރަމުންނެވެ. އަދި މިހާރު ވެސް ބައެއް ފަރާތްތަކުން އެ މަސައްކަތް އެބަ ކުރެއެވެ. އެއީ ޝުކުރު ހައްގު މަސައްކަތެކެވެ. ނަމަވެސް އެހާ ގިނަ ބަޔަކު ދަތުރު ގޮސް ކުނި އަޅާ ނަމަ މިއީ ކުޅަދާނަ ކަމަކަށް ނުވާނެއެވެ. އެ ބަޔަކު އުފައްދާ ކުނި އެ ބަޔަކު ހިފައިގެން އައިސްގެން ނޫނީ މި މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބޭނެއެވެ.

ފިނޮޅުތަކަކީ ނާޒުކު ތިމާވެއްޓެއް އޮންނަ ތަންތަނެވެ. އެ ތަންތަނުގެ ދިރުން ގުޅިފައި ވަނީ ވަށައިގެން އޮންނަ ފަރާއެވެ. އެހެންކަމުން ފޮނޮޅުތަކަށް ދޫކޮށްލާ ކުނިތައް ބޮޑުވާ ދިޔަވަރާ އެކު މޫދަށް ދެމިގެން ދާ ނަމަ ފަރުތަކަށް އެދެވެނީ ބޮޑު ގެއްލުމެކެވެ. ފިނޮޅުތަކަކީ ވެސް ދިވެހިންނަށް އާމްދަނީ ލިއްބައިދޭ ވަސީލަތްތަކެކެވެ. އެ ތަންތަން ފަށައިގެން ވާ ފަރުތައް ދެކިލަން އެތައް ބަޔަކު މި ރާއްޖެ ޒިޔާރަތްކުރެއެވެ. އެހެންކަމުން އެ ފަރުތަކަށް ދޫކޮށްލާ ކުނީގެ ސަބަބުން އާމްދަނީގެ އެ މަގު ބަންދުވުމުގެ ބިރު އެބަ އޮތެވެ. ފިނޮޅުތައް ގޮނޑުވާ ނަމަ އެ ތަންތަނަށް ދާ ޓުއަރިސްޓުން މަދުވާނެއެވެ. ފަރުތައް ހަލާކުވާ ނަމަ ފީނާ މީހުން މަދުވާނެއެވެ. މިއީ ވިސްނަންޖެހޭ ކަމެކެވެ. ހަމައެކަނި ޓުއަރިސްޓުންނަށްޓަކައެއް ނޫނެވެ. އަމިއްލަ ގޯތި ގޮނޑުވެފައި އޮންނަން ނޭދޭ ފަދައިން އެއީ ވެސް އެތައް ބަޔަކު ބޭނުންކުރާ ތަންތަނެވެ. އެ ތަންތަން ރީތިކޮށް ބޭއްވުމުގެ ފައިދާ އެންމެންނަށް ވެސް ކުރާނެއެވެ. ދެން އެނބުރި އަންނަން ނުޖެހޭނެ ކަމަށް ބަލައި ދޫކޮށްލާފައިވާ ކުނި ކޮތަޅުގެ ސަބަބުން އެ ދެވެނީ ވަރަށް ބޮޑު ގެއްލުމެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0