އަޒުރު އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ

18 ނޮވެމްބަރ 2020 - 12:07

ރަޝިޔާގެ “އަޒުރު އެއަރ” ގެ ދަތުރުތައް އަލުން މިމަހުގެ ތެރޭގައި ފެށުމަށް އެ އެއަރލައިނުން ނިންމައިފިއެވެ. މި ދތުރުތައް ފަށާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

އަޒުރު އެއަރގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ރަޝިއާގެ މޮސްކޯއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށްކަމަށެވެ. އަޒުރު އެއަރއިން ރާއްޖެއަށް ފަށާ މި ދަތުރުތައް ކުރާނީ ފިނި މޫސުމާއި ދިމާކޮށްކަމަށް އެ އެއަރލައިނުން ބުނެއެވެ. އެ އެއަރލައިނުން ބުނީ އަލުން ރާއްޖެއަށް ދަތުރުތައް ފަށަނީ ރަޝިއާގެ ފަތުރުވެރިންނަށް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންކަމަށެވެ.

އެ އެއަރލައިނުން މިއަހަރުގެ ފިނިމޫސުމާއި ދިމާކޮށް ފަށާ މި ދަތުރުތަކުގައު ހަފްތާއަކު 1 ދަތުރު ރާއްޖެއަށް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ދަތުރު ކުރާނީ ހަފްތާގެ ހޮނިހިރު ދުވަހުކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ފިނި މޫސުމާއި ދިމާކޮށްވެސް އަޒުރު އެއަރއިން ވަނީ ޗާޓަރ ފްލައިޓްތަކެއްވެސް ރާއްޖެއަށް ބާއްވާފައެވެ. ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ އެއް ޤައުމަކީ ރަޝިއާއެވެ.

advertisement

ރަޝިއާގެ އެހެން ބައެއް އެއަރލައިންތަކުންވެސް އަންނަނީ ބޯޑަރު ހުޅުވާލުމާއިއެކު ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުންވެސް ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ ޖުމްލަ 11،240 ފަތުރުވެރިންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0