ބީއެމްއެލްގެ ވެހިކަލް ލޯނުގެ އިންޓަރެސްޓް ކުޑަކޮށް ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފި

19 ނޮވެމްބަރ 2020 - 10:03

ބޭންކް އޮފް މޯލްޑިވްސްގެ ވެހިކަލް ލޯންގެ އިންޓަރެސްޓް ކުޑަކޮށް ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލް އިން ބުނީ މީގެ ކުރިން އެއްގަމު އުޅަނދުފަހަރު ގަތުމަށް ދޫކުރި ލޯނަށް ބަދަލުތަކެއް ގެނެސް އިންޓަރެސްޓް ރޭޓް ވެސް 18 އިން 15 ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށެވެ. އެ ގޮތުން އެއްގަމު އުޅަނދުފަހަރުގެ އިތުރުން އިންޖީނުލީ ޑިންގީ އާއި ޖެޓްސްކީ ފަދަ ކަނޑު އުޅަނދުފަހަރު ވެސް މި ލޯނުން ގަނެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

advertisement

ބީއެމްއެލް އިން ބުނީ ކުރިން ހަމައެކަނި ބީއެމްއެލްގައި ރެޖިސްޓާކޮށްފައިވާ ޑީލަރުން މެދުވެރިކޮށް ނޫނަސް ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏެއް މެދުވެރިކޮށް ވެސް ވެހިކަލް ގަނެވޭނެ ކަމަށެވެ.

މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި އުޅަނދުފަހަރު ޕްރޮމޯޓްކުރުމުގެ ގޮތުން މުޅިން އިލެކްޓްރިކް ވެހިކަލް ގަންނަ ނަމަ އިންޓަރެސްޓް ރޭޓް 12 ޕަސެންޓަށް ކުޑަވާނެ ކަމަށް ވެސް ބޭންކް ބުންޏެވެ.

ބީއެމްއެލްގެ ވެހިކަލް ލޯނަކީ އެއްވެސް އިތުރު ރަހުނަކާ ނުލައި 500،000ރ. އާ ހަމައަށް ލިބޭ ލޯނެކެވެ. އަދި ލޯނު ދެއްކުމަށް ފަސް އަހަރު ދުވަސް ލިބެއެވެ.

“މުޅި މާކެޓްގައި ކަސްޓަމަރުންނަށް އުޅަނދުގަތުމަށް އެންމެ އަގު ހެޔޮ އަދި ފަސޭހަ ގޮތްތަކެއް ލިބިގެންދާނީ ބީއެމްއެލް އިން. މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ އިންޓްރެސްޓް ރޭޓް މިވަނީ %12 އަށް އިތުރަށް ދަށްކުރެވިފަ. މީގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުން އިތުރުވުމަށް ބާރުއެޅިގެންދާނެ،” ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވިއެވެ.

ފަހަކަށް އައިސް ބީއެމްއެލް އިން އަންނަނީ އެ ބޭންކުން ދޫކުރާ ލޯންތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެ ގޮތުން ޕާސަނަލް ލޯންތަކާއި ހޯމް ލޯންތަކުގެ އިންޓަރެސްޓް ރޭޓް ދަށްކޮށް ދޫކުރާ އުސޫލްތަކަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0