މިއީ ދަތި ވަގުތެއް، އެހެންނަމަވެސް، ފައިސާ ހޯދައިގެން ވިޔަސް ރައްޔިތުންނަށް އެހީވާންޖެހޭ: ރައީސް ސޯލިހް

20 ނޮވެމްބަރ 2020 - 22:57

މިއީ ދަތި ވަގުތެއް ކަމަށާއި އެހެންނަމަވެސް، މިވަގުތަކީ ފައިސާ ހޯދައިގެން ވިޔަސް ރައްޔިތުންނަށް އެހީވާންވީ ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް އަހަރަށް ދައުލަތުން ކަނޑައަޅާ 34.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިއަދުގެ ޙާލަތަށް ބަލާފައި، ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ދުނިޔެއަށް ދިމާވެފައި މިއޮތް ކޯވިޑްގެ ދަތި އުނދަގޫ ޙާލަތާއި، ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައި މިއޮތް ދަތި ޙާލަތުގައި، ސަރުކާރުން ކުރަންޖެހޭނެ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ރައީސް ވިދަޅުވިއެވެ.

advertisement

“އިރާދަކުރެއްވިއްޔާ މި އަހަރުގެ މިވޭތުވެދިޔަތަނުގައި އަޅުގަނޑުމެން މިއައީ ވަރަށް ރަނގަޅަށް އެކަން ކުރަމުން. ސަރުކާރުގެ، ދައުލަތުގެ މަސައްކަތުގައި ހުރި އެއްވެސް މީހަކު ވަޒީފާއަކުން ވަތްކެއް ނުކުރަން. މުސާރައެއް ކުޑައެއްނުކުރަން. މަސް ނިމެންވާއިރަށް އެމީހަކަށް ދޭންވާ މުސާރަ އަޅުގަނޑުމެން ދީފައިވާނީ،” ރައީސް ވިދާޅުވިއެވެ.

ހުށަހެޅިފައި އޮތް ބަޖެޓުގައި، ޞިއްޙީ ދާއިރާއަށް ހަތަރު ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި ތަޢުލީމީ ދާއިރާއަށް 3.9 ބިލިއަން ރުފިޔާ، އިޖުތިމާޢީ ދާއިރާއަށް 3.7 ބިލިއަން ރުފިޔާ، ގެދޮރު ޢިމާރާތް ކުރުމަށް 2.3 ބިލިއަން ރުފިޔާ އަދި ތިމާވެށި ރައްކާތެރިކުރުމަށް 1.8 ބިލިއަން ރުފިޔާ ހިމެނިފައި އޮންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި 34 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނޭ ރިކަރެންޓް ޚަރަދުގެ ގޮތުގައި ވާނީ މުސާރަތަކާއި، ހިންގުމަށް ހިނގާ ޚަރަދާއި، އާސަންދައާއި، ދުވަސްވީ މީހުންނަށްދޭ ޢިނާޔަތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށްދޭ ޢިނާޔަތްތަކާއި، އެކަނިވެރި މައިންނަށްދޭ ޢިނާޔަތްތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކެޕިޓަލް ޚަރަދުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ބޮޑެތި މަޝްރޫޢުތައް ކަމަށާއި އޭގެތެރޭގައި، ހަނިމާދޫ އެއަރޕޯޓާއި އައްޑޫ އެއަރޕޯޓް ތަރައްޤީ ކުރުމާއި މާލޭ ބްރިޖް، މާލޭ ވިޔަފާރި ބަނދަރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތާއި ފަސް ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީ ކުރުން ހިމެނޭ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

“އަޅުގަނޑު މި ދެންނެވި މުހިންމު ބޮޑެތި ޕްރޮޖެކްޓްތަކުގެ ފައިސާހުރީ ހަމަޖެހިފައި. ބަޖެޓާ މެދު ބަޙުސް ކުރައްވަމުން ގެންދިޔައިރުގައި، ދައްކަވަމުން ގެންދެވި ބައެއް ވާހަކަތައް އަޅުގަނޑު އަޑުއެހިން. ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދިޔައީ ބަޖެޓް ކުޑަކުރަން. އަޅުގަނޑު ދަންނަވާނީ މިއީ މި ޕްރޮޖެކްޓްތައް ހުއްޓާލަންވީ ވަގުތެއް ނޫނޭ. ސަރުކާރުން ކުރަންޖެހޭނެ ކަމަކީ، މި ދަނޑިވަޅުގައި އިޤްތިޞާދު ހިންގުމޭ. މިއީ ލިބިފައި ހުރި ފައިސާ ކަމަށް ވާތީ، މި ޕްރޮޖެކްޓްތައް މެދުނުކެނޑި އިރާދަކުރެއްވިއްޔާ ހުއްޓުމެއް ނެތި އަޅުގަނޑުމެން ކުރިއަށް ގެންދާނަން،” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑު ކަމަށާއި ރައީސް ޔާމީނުގެ ވެރިކަން ހަވާލުވިއިރުގައި ރާއްޖޭގެ ދަރަނި އޮތީ 26 ބިލިއަން ރުފިޔާގައި ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި 60 ބިލިއަން ރުފިޔާއަށް ދައުލަތުގެ ދަރަނިއަރާފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރަށް ދެ އަަހަރު ވީ އިރު މިހާތަނަށް ނަގާފައި ވަނީ 15 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.

“އޭގެކުރި އަށް ޖެހިލަމާ ހިންގަވާ. 2008 ވަނަ އަހަރު އަޅުގަނޑުމެން އޭރު ވެރިކަމާ ހަވާލުވިއިރުގައި، އެމްޑީޕީ ވެރިކަމާ ހަވާލުވިއިރުގައި ދައުލަތުގެ ދަރަނި އޮތީ 6.5 ބިލިއަން ރުފިޔާ. ތިން އަހަރު ވުމަށް ފަހު އަޅުގަނޑުމެން ވަކިވިއިރުގައި، 26 ބިލިއަން ރުފިޔާއަށް ދަރަނި އަރައިފި. އެހެންވީމާ، ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން. ވަރަށް ސާފުކޮށް މި ދެންނެވީ. މި އަހަރުގެ ބަޖެޓުގައި، ދަރަނި ދެއްކުމަށް ޖަހާފައި އޮތް ހަތަރު ބިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ދަރަނިތައް ދައްކަން ޖަހާފައި ހުރި ފައިސާ،” ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރަށް “ވާރުތަވީއިރު”ގައި، ދައުލަތުގެ ރިޒަރވްގައި ފައިސާ ނެތް ކަމަށާއި އޮތީ 250 މިލިއަން ޑޮލަރު ކަމަށެވެ. މި ދަތި ހާލުގައި ވެސް ރިޒަރވްގައި މިހާރު ވެސް 250 މިލިއަން ޑޮލަރު ހުންނާނެ ކަމަށާއި ފިނޭންސް މިނިސްޓްރީގެ ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުމެން މަގަކުން ކައްސައެއްނުލާނަން. އިރާދަކުރެއްވިއްޔާ ހަރުމުދާ ނުވިއްކައި، މި ރާއްޖެ އަމާން އައްސޭރިއަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން،” ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވަނީ ބަޖެޓްގެ އިތުރުން ކުރީ ސަރުކާރުގައި ހިންގާފައިވާ ބައެއް ކަންކަން ވެސް އޮޅުން ފިލުއްވައިދެއްވާފައެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން ވިއްކާފައި އޮތް 85 ރަށް ރިޒޯޓު ނުހެދި އެބައޮތް ކަމަށާއި އެ ރަށްތަކުން ދައުލަތަށް ލިބެންވާ އާމްދަނީ ސަރުކާރަށް ނުލިބޭ ކަމަށް ވެސް ރައީސް ސޯލިހް ވިދަޅުވިއެވެ.

“އަޅުގަނޑުމެން މިހާތަނަށް އައިއިރުގައި، އެއްވެސް ފަޅުރަށެއް ރިޒޯޓު ހަދާކަށް އަދި ދޫކޮށްފައެއް ނޯންނާނެ. އަދި އެހިސާބުން ނިމުނީކީ ނޫނޭ އިނގޭތޯ. ރައީސް ޔާމީނުގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް، އެ ލިބުނު ފައިސާކޮޅު ވެސް ހިފައިގެން ވަޑައިގެންނެވީ. ފައިސާކޮޅު ވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓުގައި ހުރިނަމަތާ، މި ދަތި ޙާލަތުގައި އަޅުގަނޑުމެންނަށް އެއިން ޚަރަދު ކުރެވޭނީ،” ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުގެ އަމާޒު ވަރަށްސާފު ކަމަށާއި މި ދަނޑިވަޅުގައި ސަރުކާރަކުން ކޮށްދޭންޖެހޭނެ ކަންތައްތައް ކުރަމުން އަންނަ ކަމަށެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް މިކަމަށް އެހީތެރިވެދެއްވުމަށް ގޮވާލައްވާފައެވެ.

“އަޅުގަނޑު އިއްޔެ އެމް.އެމް.އޭ.ގެ ގަވަރުނަރާ ބައްދަލުކުރިން. މިއީ ޑޮލަރު ދަތި ވަގުތެއް. އެމަނިކުފާނަށް އަޅުގަނޑު ފުރިހަމައަށް އިތުބާރު އެބައޮތް. އެއީ ޓެކްނިކަލް ބޭފުޅެއް. އެތަނުން އެއާ ގުޅޭގޮތުން ނިންމަންޖެހޭ ކަންތައްތައް ނިންމާނެ. އެހެންނަމަވެސް، ޑޮލަރަށް ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން ސިޔާސަތުތަކެއް އެބަ ރާވަން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި އޭގެ ސަބަބުން ހެޔޮ ގޮތްތަކެއް ޑޮލަރަށް ވެގެންދާނެ،” ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ބަޖެޓް ފާސްކުރުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާ ވެސް މަޝްވަރާ ކުރެއްވި ކަމަށާއި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ބަޖެޓް ފާސްކޮށްގެން ކަމަށެވެ.

“އަޅުގަނޑުމެން ބޭނުން ދިއްދޫގެ ބަނދަރު ހަދަން. ބަޖެޓުކޮށްފައި އޮންނާނީ. މި ބަޖެޓް ފާސްކޮށްގެން އެކަން ވާނީ. އަޅުގަނޑުމެން ބޭނުން އިހަވަންދޫގެ ބިން ހިއްކަން. މި ބަޖެޓުގައި އޮންނާނެ. އެކަން ފާސްކުރަން އެބަޖެހޭ. ކެލާގެ ތަރައްޤީގެ މަޝްރޫޢުތައް ހުންނާނެ. މި ބަޖެޓް ފާސްކޮށްދެއްވާ. އެހެން ނޫނީވިއްޔާ އެކަމެއް ނުވާނެ،” ރައީސް ސޯލިހް ވިދާޅުވިއެވެ.

މިއީ ކޯވިޑުގެ ދަތި އުނދަގޫ ވަގުތު ކަމަށާއި މި ވަގުތުގައި ސަރުކާރުން ދެމުންގެންދާ ލުއިތަކާއެކު، ރައްކައުތެރިކަމާ އެކީގައި ކުރިއަށް ވަޑައިގަތުމަށް ރައީސް ގޮވާލެއްވިއެވެ.

“އުންމީދު ރަނގަޅު. ކުރިއަށް އޮތް ހަތަރު ފަސް މަސް ދުވަހުގެ ތެރޭގައި، ކޯވިޑުގެ ވެކްސިނެއް ރާއްޖެއާ ހިސާބަށް ވެސް ލިބުމުގެ އުންމީދު އެބައޮތް. އެހިސާބުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުންމީދުކުރާ ބަދަލުތައް ރާއްޖެއަށް އައިސް، ރާއްޖޭގެ އިޤްތިޞާދު ކުރިއަރައިގެންދާނެ.”

ރިއެކްޝަންސް
0
0
0
0
0
0
0