އެސްއެމްއީތަކަށް ޙާއްސަކޮށްގެން އެޗްޑީސީން “އީޖާދީ މަންސަ” މުބާރާތެއް ލޯންޗްކޮށްފި

21 ނޮވެމްބަރ 2020 - 11:21

ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން “އީޖާދީ މަންސަ” ގެ ނަމުގައި މުބާރާތެއް ފަށައިފިއެވެ.

މި މުބާރާތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރ އަލްއުސްތާދު ފައްޔާޟު އިސްމާއިލްއެވެ.

އީޖާދީ މަންސަ މުބާރާތަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފަށަން ގަސްތުކުރާ ޒުވާނުންނަށް އެ ޒުވާނުންގެ އައު ހިޔާލުތައް ދައްކުވައިދީ ވާދަވެރި މާހައުލެއްގައި މިހިޔާލުތައް އަސްލަކަށް ހެދުމަށް މަގުފަހިކޮށްދޭ މުބާރާތެއްކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މި މުބާރާތުގެ އެންމެ މުހިންމު ބޭނުމަކީ ކޯވިޑް19 އިން ލިބުނު ގެއްލުމުން އަރައިގަނެ ޒުވާން ވިޔަފާރިވެރިން އުފައްދައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ކުރިއެރުންތައް ހޯދައިދިނުމެވެ.

އީޖާދީ މަންސަ މުބާރާތް ކުރިއަށްދާނީ ޖުމްލަ 5 ދާއިރާއަކަށް ބަހާލައިގެންނެވެ. އެއީ ދުޅަހެޔޮ ނުވަތަ ވެލްނަސްގެ ދާއިރާ، ވައްޓަފާޅި ނުވަތަ ލައިފްސްޓައިލްގެ ދާއިރާ، ޚިދުމަތް ދިނުމުގެ ދާއިރާ، ފަންނު ނުވަތަ އާރޓްގެ ދާއިރާ، އަދި ކާބޯތަކެތީގެ ދާއިރާއެވެ.

މި މުބާރާތުގައި މިވަގުތު ޙިދުމަތްދެމުންއަންނަ ވިޔަފާރިތަކަށާއި، ގޭގަ މަސައްކަތްކުރާ ފަރާތްތަކަށާއި، އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް، ވިޔަފާރި ފައްޓަން ބޭނުންވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެކަމަށް އެޗްޑީސީން ބުނެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރުން މަތީގެ ދިވެއްސަކަށް ވުމާއި، ރާއްޖޭގައި ދިރިއުޅޭ ފަރާތަކަށް ވުން ހިމެނެއެވެ.

މުބާރާތުގައި ބައިވެރިވުމަށްޓަކައި ފުރަތަމަ ބިޒްނަސް ޕްލޭންއެއް ބައިވެރިން ހުށައަޅަން ޖެހެއެވެ. ބިޒްނަސް ޕްލޭން ހުށައަޅަންޖެހޭނީ އެޗްޑީސީން ދީފައިވާ ގައިޑްލައިންތަކާއި، ބިޒްނަސް ޕްލޭން ފޯމެޓާއި އެއްގޮތްވާގޮތަށެވެ. އެއަށްފަހު ޝޯޓްލިސްޓްކުރާ ފަރާތްތަކުން ޕްރެޒެންޓޭޝަންއެއް ދިނުމުން އޭގެތެރެއިން ޖުމްލަ 10 ފަރާތެއް ހޮވުމަށް ވަނީ ނިންމާފައެވެ. ކޮންމެ ކެޓަގަރީއަކުން 1 ވަނަ 2 ވަނަ ހޮވާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ. ވަނަ ހޮވޭ ކޮންމެ ފަރާތަކަށް 550 އަކަފޫޓުގެ ކޮމާޝަލް އޭރިއާއެއް ދިނުމަށް ވަނީ ނިންމާފައެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0