އަމިއްލަ ހިޔާލު: ވޭޕް — ހުއްޓުވަންޖެހޭ އެއްޗެއް!

31 މާޗް 2024 - 11:51

ސިނގިރޭޓްގެ ބަދަލުގައި ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ވޭޕް އަދި އީ- ސިނގިރޭޓް ތައާރަފްވުމާ އެކު މުޅި ދުނިޔޭގައި ވެސް ދާދި އަވަހަށް ވަނީ ވައިގައި ހިފާފައެވެ. އެހެން ނަމަވެސް މިއީ ސިނގިރޭޓުން ލިބޭ ގެއްލުން ވަކި ކުޑަކޮށްދޭ އެއްޗެއް ނޫން ކަމަށް ސިއްހީ މާހިރުން އަންނަނީ އިންޒާރު ދެމުންނެވެ.

އަދި ބައެއް ހާލަތްތަކުގައި މިއީ ސިނގިރޭޓަށް ވުރެ ވެސް ނުރައްކާ ބޮޑު އަދި ދެވި ހިފާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ. އެހެންކަމުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މި ކަމާ ދެކޮޅަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

advertisement

ހަލުވިކަމާއެކު ފެތުރިގެން ގޮސްފައިވާ އެއްޗެއް

ރާއްޖޭގައި ވެސް ވޭޕާއި އީ-ސިނގިރޭޓް ބޭނުންކުރުން ވަނީ ވަރަށް ހަލުވިކަމާއެކު ފެތުރިގެން ގޮސްފައެވެ. ހާއްސަކޮށް ޒުވާން އުމުރު ފުރައިގެ ކުދިންނާއި ކުޑަކުދިން ވެސް ވަނީ މި ދުމުގެ ތެރެއަށް ގަރަގު ވެފައެވެ. މީގެ ތެރޭގައި ސްކޫލްތަކުގައި ކިޔަވާ ކުޑަކުދިން ވެސް ހިމެނެއެވެ. އަދި ސްކޫލްތަކަށް ވޭޕާއި އީ-ސިނގިރޭޓް ގެންދާ މައްސަލަ ވެސް ފެންމަތިވެފައި ވެއެވެ

ވޭޕްގެ އެކި ރަހަތަކާ އެކު މަސްތުވާ ބާއްވަތްތައް ހިމެނޭ ރަހަތަށް ވެސް ރާއްޖޭގެ ބާޒާރުގައި ދައުރުވާން ފަށާފައި ވެއެވެ. އަންޑަގްރައުންޑް ޓެލެގްރާމް ޗެނަލްތައް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އޭގެ ވިޔަފާރިކުރާ ކަމާއި އަދި އެކަމުގައި ޒުވާނުން ބޭނުންކުރާކަމުގެ މައްސަލަ މިހާރު މި ވަނީ ފެންމަތިވެފައެވެ. އެ ގޮތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އިންފިއުޒްކޮށްފައި ހުންނަ ވޭޕް ރާއްޖޭ އަށް ވަގަށް އެތެރެކޮށް ވިއްކަމުން އެބަ ގެންދެއެވެ. މިއީ ނުރައްކާތެރި ކަމެކެވެ. މިއީ ކަމާ ބެހޭ އިދާރާތަކަށް ވެސް ދެނެގަންނަން އުނދަގޫ ކަމެކެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މިހާރު ވެސް އަންނަނީ އީ-ސިމގިރޭޓާއި ވޭޕްއާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ. ބޭސްވެރިކަމަށް މަރުވާނާ ހުއްދަކޮށްފައިވާ ތައިލެންޑްގައި ވެސް ވޭޕް ވަނީ މަނާކޮށްފައެވެ. އެގައުމުން 2014 ވަނަ އަހަރު ވޭޕް މަނާކުރި ނަމަވެސް ތަންފީޒުކުރުމުގައި މާބޮޑު ސަމާލުކަމެއް ނުދޭތީ އާންމު ތަންތަނުގައި ވެސް ވޭޕް ވިއްކަމުން ދިޔައެވެ. 

އެހެން ނަމަވެސް މި އަހަރުގެ ތެރޭގައި ބެންގްކޮކް ފަދަ ސަރަހައްދުތަކުގައި ވޭޕް ވިއްކުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް ވަނީ އަޅާފައެވެ. އެ ގޮތުން ވޭޕް ވިއްކާ ފަރާތްތަކާ ދެކޮޅަށް އަންނީ ފިޔަވަޅު އަޅަމުންނެވެ. މީގެ ކުރިން މަގުމަތީ ގާޑިޔާތަކުން ހާމަކަން ބޮޑު ގޮތެއްގައި ވޭޕް ވިއްކި ނަމަވެސް މިހާރު އެ ވިޔަފާރި ކުރަނީ ވަގަށެވެ. މަގުމަތީގައި ވޭޕްކުރާ ފަރާތްތަކާ ދެކޮޅަށް މިހާތަނަށް ހަރުކަށި ފިޔަފަޅުތަކެއް އަޅާފައި ނުވި ނަމަވެސް ކުރިއަށް އޮތްތަނުގައި އެކަން މަނާކޮށް ތަންފީޒުކުރުމުގެ މަޝްވަރާތައް ވެސް ކުރިއަށް ދާ ކަމަށް ވެއެވެ.

ރާއްޖޭގެ އަވަށްޓެރިން ކަމަށްވާ ސްރީ ލަންކާ އާއި އިންޑިއާގައި ވެސް އީ-ސިނގިރޭޓާއި ވޭޕްގެ ވިޔަފާރި ވަނީ މަނާކޮށްފައެވެ. އަދި އެ ތަންތަނުގެ އެއާޕޯޓްތަކުން އެފަދަ ތަކެތި ގެންދަނީ ހިފަހައްޓަމުންނެވެ. މީގެ އިތުރުން ވެސް ގިނަ ގައުމުތަކެއްގައި ވޭޕް ބޭނުންކުރުމަށް ދެކޮޅަށް ފިޔަވަޅުތައް އަޅަމުން އަންނަ އިރު ރާއްޖެ ފަދަ ކުޑަކުޑަ މުޖުތަމައުއެއްގައި މިކަން ހައްދުފަހަނަ އަޅައިގެންދާ އިރު ބަލައިގެން ތިބުމަކީ ގޯހެކެވެ. މިކަމުގެ ހައްލެއް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން މަސައްކަތްތަކެއް ކުރަންޖެއެވެ.

ފިޔަވަޅުތަކުން މާ ބޮޑު ނަތީޖާތަކެއް ނެރެވިފައެއް ނުވޭ 

ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ވެސް މީގެ ކުރިން ސަރުކާރުތަކުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ މީހުންނަށް ހިތްވަރު ދިނުމާއި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ. އެހެން ނަމަވެސް މިހާތަނަށް ފެންނަން އޮތީ މި ފިޔަވަޅުތަކުން މާ ބޮޑު ނަތީޖާތަކެއް ނެރެވިފައި ނުވާ ކަމެކެވެ. 

ޑިއުޓީ ބޮޑުކުރި ނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަދުވިކަން އެނގޭނެ ދިރާސާއެއް ނެތެވެ. އަދި މަދުވާ ކަމަކަށް ވެސް ނުދައްކައެވެ. ނަމަވެސް ވޭޕް ވައިގައި ހިފުމާ ގުޅިގެން މީގެ ކުރިން ދުންފަތުގެ އިސްތުމާލުކުރަމުން ދިޔަ އެތައް ބަޔަކު އީ-ސިނގިރޭޓް އަދި ވޭޕް އަށް ހިޖުރަކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަދި ކުރިއާ ހިލާފަށް މި ކަމުގެ ތެރެއަށް އަންހެނުން ވަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ވެސް ފާހަގަކުރެވެއެވެ.

ވޭޕް އަދި އީ-ސިނގިރޭޓް ބޭނުންކުރުން ހުއްޓުވުމަށް ނުވަތަ މަދުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އަދި އެކަމުގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުތަކުން ގެންގުޅެފައިވާ ފިޔަވަޅުތަކުން ނެރެވިފައިވާ ނަތީޖާތައް ދިރާސާކޮށް ބަލަންޖެހެއެވެ. 

އަދި ހެދިފައިވާ ގޯސްތައް އިސްލާހުކޮށް އާ މަގަކުން މިކަންކުރަންޖެހެއެވެ. ބޭރުގެ ބައެއް ގައުމުތަކުން ހެދި ގޮތަށް ކުއްލިއަކަށް އެތަކެތި މަނާކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އަދި ވަގަށް އެކަންކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. 

އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ ވޭޕްގެ ދުމުގެ ތެރެއިން މަސްތުގެ ތެރެއަށް ގެނބި ގެއްލިދާ ޒުވާނުން ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި އެކަމުގައި ސްކޫލް ދަރިވަރުން ހަލާކުވެ ދިއުމަކީ ގައުމަށް ލިބޭ ބޮޑު ގެއްލުމެކެވެ. 

ރިއެކްޝަންސް
0
0
0
1
0
0
0