ބަޣާވާތްތެރިންގެ ކިބައިން ދައުލަތް ސަލާމަތްކުރުމުގެ ރޫޙު އުފެދޭނީ ތެދުވެރިކަމާއި އަމާނާތްތެރިކަން ހުރެގެން: ރައީސް
28 ނޮވެމްބަރ 2020 - 10:35
ބަޣާވާތްތެރިންގެ ކިބައިން ދައުލަތް ސަލާމަތްކުރުމުގެ ރޫޙު އުފެދޭނީ ތެދުވެރިކަމާއި އަމާނާތްތެރިކަން ސިފައިންގެ ކިބައިގައި ހުރެގެން ކަމަށާއި އިސްލާމް ދީނާއި ޤައުމުގެ ޙައްޤުގައި ހަށިގަނޑާއި، ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ޙާލަތެއްގައި، އެކަންކުރެވޭނީ ވެސް އެ ދެ ސިފަ ހުރެގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމަށް ޅ. މާފިލާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ހުވާކުރި ކޮންމެ މީހަކީ، ދިވެހި ޢަސްކަރިއްޔާގެ ކޮންމެވެސް ޔުނިޓަކާ ގުޅޭނެ މީހެއް ކަމަށާއި އެހެންކަމުން އެމީހަކު ޢަމަލީ ޚިދުމަތަށް ނުކުންނަ ދާއިރާއަކާ ގުޅޭ ގޮތުން، އިތުރަށް ތަޢުލީމު ޙާޞިލުކޮށް، ރާއްޖެ އާއި ރާއްޖެއިން ބޭރުން ލިބޭ ތަމްރީން ފުރުޞަތުތަކުގެ ބޭނުން ހިފައި، ތިމާގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
“މިއަދަކީ ތިޔަ ސިފައިންގެ ޙަޔާތުގައި ވަރަށް ޚާއްޞަ ދުވަހެއް. ޙަޔާތުގެ މުޅިން އައު ޞަފްޙާއެއް ލިޔަން ފަށާ ދުވަހެއް. މުޅިން ތަފާތު ހައިސިއްޔަތަކުން، ޤައުމުގެ އެންމެ އަގުހުރި ޚިދުމަތަށް ނުކުންނަ ދުވަސް. ތިޔަބޭފުޅުންގެ ޒުވާންކަމުގެ ތާޒާ ލޭގެ ވިންދާއެކު، މިއަދު ތިޔަ ކުރިމަތިލައްވަނީ، މިޤައުމުގެ އެންމެ މަތިވެރި ޒިންމާތަކާ. ތިޔަ ސިފައިން ދެންމެ ކުރި ހުވަޔަކީ، ތިޔަ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާ. އެއީ މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާއާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއް،” ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ދިވެހި ޢަސްކަރިއްޔާއަކީ، ވަފާތެރިކަމާއި ތެދުވެރިކަމުގައި ދެމިއޮތް، 128 އަހަރުގެ ފަޚުރުވެރި މާޒީއެއްގެ މަތީގައި ބިނާވެފައިވާ މުއައްސަސާއެއް ކަމަށާއި މި ޤައުމުގެ ނަން ކިލަނބުކޮށްލައި، ޣަދަރުވެރިން ރޭވި ހުރިހާ ރޭވުންތަކެއް ނާކާމިޔާބުކޮށްލީ، މި މުއައްސަސާއިން އުފެއްދި ޤައުމީ ބަޠަލުން ކަމަށެވެ.
“ސިފައިންގެ ޚިދުމަތަކީ، ވަރަށް މަތީ އަޚްލާޤީ މިންގަނޑުތަކެއްގެ މަތީގައި، މީހާ ތަމްރީނުވެ ތަރުބިއްޔަތުވެގެން އަދާކުރެވޭނެ ޚިދުމަތެއް. އެ ތަމްރީނުތަކާއި ތަރުބިއްޔަތުގެ ހެޔޮ އަސަރު، ތިޔައިން ކޮންމެ މީހެއްގެ ޢާންމު ދިރިއުޅުމުގައިވެސް ފެންނަންޖެހޭނެ. ތަމްރީން މަރުޙަލާގައި ބެހެއްޓި ފަރުވާތެރިކަމާއި، ވަގުތަށް ކަމޭހިތުމުގެ ސިފަ، ޚިދުމަތުގެ ޢަމަލީ މައިދާނުގައި ސާބިތުކޮށްދޭންޖެހޭނެ،” ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮންމެ މީހެއްގެ ކިބައިގައި، އަޚްލާޤީ އަދި ޤައުމީ ވަރަށް މުހިންމު ތިން ސިފައެއް އަބަދުވެސް ހަރުލާފައި ހުރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް ކަމަށާއި އެންމެ ފުރަތަމަ ސިފައަކީ، އިސްލާމީ ޢަޤީދާގައި، ޢަމަލާއި ބަހުން ސާބިތުވެ ހުރުން ކަމަށް ރައީސް ވިދާޅުވިއެވެ. ދެވަނަ ކަމަކީ، ކޮންމެ ޙާލަތެއްގައިވެސް، ޤައުމީ ޚިދުމަތުގައި ތިމާގެ އަމިއްލަ ނަފުސަށްވުރެ ދިވެހި ޤައުމު އިސްކުރުން ކަމަށާއި ތިންވަނަ ސިފައަކީ، އެއިރެއްގައި ރައްޔިތުން ޤާއިމުކޮށްފައި އޮންނަ ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުން ކަމަށް ރައީސް ވިދާޅުވިއެވެ.
“މިއަދު ތިޔަ ޙަވާލުވީ، މި ލޮބުވެތި ވަޠަން ދިފާޢު ކުރުމުގެ މުހިންމު މަސްއޫލިއްޔަތާ. ދިވެހި ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޤައުމީ ވާޖިބާ. ހަމައެފަދައިން، މި ރާއްޖޭގެ ޞުލްޙަޔާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމުގެ މުހިންމު ޒިންމާއާ. އެކަމަށްޓަކައި، މުޅި ޢަސްކަރިއްޔާ މަސައްކަތްކުރަންޖެހޭނީ، އެއް ޢަޒުމެއްގައި އެއް އަމާޒަކަށް،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަމްރީނުތަކުގައި ހަތިޔާރު ބޭނުންކުރާނެ ގޮތް ދަސްކުރިއިރު، ސިފައިންގެ ވާޖިބަކީ ހަނގުރާމަކުރުމޭ ހިތަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް ޢަސްކަރިއްޔާއެއް އޮތުމުގެ ޙަޤީޤީ ބޭނުމަކީ، ހަނގުރާމަތަކާއި ލޭއޮހޮރުވުންތަކުން ދުރުވެ، ޞުލްޙަ ޤާއިމުކުރުމާއި އަމާންކަން ދެމެހެއްޓުން ކަމަށެވެ. އަދި ޢަސްކަރީ ޤާބިލުކަން އިތުރުކުރަން ޖެހެނީ، ޞުލްޙަ ދެމެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތައިލުމަށްޓަކައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
“މިއަދުގެ އެންމެ ބޮޑު ގޮންޖެހުމަކީ، ތަފާތު ބާވަތްތަކުގެ ޓެރަރިޒަމްގެ ޢަމަލުތައް. ބައިނަލްއަޤްވާމީ ޞުލްޙަޔަށްވެސް، މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ޓެރަރިޒަމް. ތިޔަ ސިފައިން ޙާޞިލުކުރި ޢިލްމާއި ހޯދި ތަމްރީނަކީ، ޓެރަރިޒަމް ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުހެލިވެ، ޞުލްޙަވެރި މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިކުރާނެ ޢިލްމާއި ތަމްރީނުތަކެއްކަން އަޅުގަނޑަށް ޔަޤީ،” ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިފައިންގެމީހެއްގެ ގޮތުގައި ޤައުމަށް ކޮށްދޭ ތެދުވެރި ޚިދުމަތަކީ، ރަންރިއްސާއި ޖަވާހިރުން ނުވަތަ ފައިސާއާއި މުދަލުން އަގުކުރެވޭނެ އެއްޗެއް ނޫން ކަމަށާއިި ސިފައިންގެ ޚިދުމަތުގައި، ދީނާއި ޤައުމަށްޓަކައި ޤުރުބާންވެގެންދާ މުޖާހިދުންގެ ޚިދުމަތަކީ، މި ދުނިޔެމަތީގައި އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާމަތިވެރި އަދި އެހާމެ މާތް ޚިދުމަތެއް ކަމަށެވެ. އެފަދަ ބަޠަލުންގެ ހަނދާންތައް، އެ ޤައުމެއްގައި އަބަދުވެސް އާކުރެވޭނެ ކަމަށާއި ހުރިހާ ޖީލުތަކެއްގައި ވެސް އެމީހުންނަށް ހެޔޮދުޢާކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
“ޝަހީދު ޢަލީ ރަސްގެފާނު، އުތީމު ބޮޑުތަކުރުފާނު، އަދި ހުރާ ދޮން ބަންޑާރައިންނާއި، ޝަހީދު ޙުސައިން އާދަމް ފަދަ ބަޠަލުންގެ ނަންފުޅުތައް، ޤައުމީ މުނާސަބާތަކުގައި އަބަދުމެ ގުގުމަމުން ދަނީ އެ ސަބަބަށްޓަކައި،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ ޤައުމީ ބަޠަލުންގެ ޒިކުރާ އާކުރެވޭ ކޮންމެ ފަހަރަކުވެސް، އަޅުގަނޑުމެންގެ ހިތްތަކަށް ލިބޭ އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމަކީ، މި ރާއްޖޭގެ ދިފާޢުގައި، ދިވެހި ދަރިންގެ ޙައްޤުގައި، ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ތައްޔާރަށް އޮތް، ޤާބިލް ޢަސްކަރީ ފައުޖެއް، މިއަދުވެސް މި ރާއްޖޭގައި ޤާއިމުވެފައި އޮތުމުގެ ހިތްހަމަޖެހުން ކަމަށެވެ.
ސިފައިންގެ ޚިދުމަތަކީ ޢަސްކަރީ ޚިދުމަތަކަށްވިޔަސް، މަދަނީ އަދި އިޖުތިމާޢީ ވަރަށް ގިނަ ވާޖިބުތަކެއްވެސް ސިފައިންގެ ޚިދުމަތާ ލާމެހިފައިވާކަން ހަނދާންކުރަންޖެހޭ ކަމަށާއި އުދައެރުމާއި، އަލިފާނުގެ ހާދިސާތަކާއި، ވާރޭވެހި ފެންބޮޑުވުމާއި، ކަނޑުމަތީގެ ހާދިސާތަކުގައިވިޔަސް، އެންމެ ފުރަތަމަ ރައްޔިތުންނަށް އެހީވާން ނުކުންނަ އެއްބަޔަކީ ދިވެހި ސިފައިން ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި މަސްކަނޑުތައް ޙިމާޔަތްކުރުމުގައި ވެސް، ދިވެހި ސިފައިން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
“މިހާރު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ، ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްޔިތުން ރައްކާތެރިކުރުމުގައިވެސް، އެންމެ ކުރީ ސަފުގައި ވަރަށް ގިނަ ޢަދަދެއްގެ ސިފައިން އެބަ މަސައްކަތްކުރޭ. ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމާއި، ކަރަންޓީނު ފެސިލިޓީތައް ބެލެހެއްޓުމާއި، ޞިއްޙީ ޚިދުމަތްދޭނެ ވަގުތީ ތަންތަން ޢިމާރާތްކުރުމުގައިވެސް، ސިފައިން އެ އަދާކުރަނީ ވަރަށް މުހިންމު ޤައުމީ ޚިދުމަތެއް،” ރައީސް ވިދާޅުވިއެވެ.