ކޮވިޑްގެ ތެރޭގައި އެމްޕީއެލް އިން އަށް މިލިއަން ރުފިޔާގެ ވައްކަމެއް!
28 ނޮވެމްބަރ 2020 - 10:39
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އަށް މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައެއް ފަޅާއަރުވާލައިފިއެވެ.
މި މައްސަލަ މީޑިއާ އާއި އާންމުންގެ ސަމާލުކަމަށް ގެންނެވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ އެމްޕީއެލްގެ އަށް މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހުން ސަސްޕެންޑްކުރުމަށް މަސައްކަތް ކުރެއްވުމުން ބޯޑުގެ ތާއީދު އެ ކަމަށް ނުލިބުނު ކަމަށެވެ. އަދި އެކަމާ މެދު ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ޒަކީ ވިދާޅުވެފައިވާ ގޮތުން އެއީ ތެލާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެކެވެ.
ޒަކީގެ ޓްވީޓާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން އެމްޕީއެލް އިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ކޮރަޕްޝަންގެ މައްސަލަތައް އާދައިގެ މައްސަލަތަކެއްގެ ގޮތުގައި އެ ކުންފުނިން ނުނަގާނެ ކަމަށާއި ތުހުމަތުކުރެވޭ ފަރާތްތައް މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ލޮކްޑައުންގެ ތެރޭގައި ހިނގާފައިވާ ކަމަށް ބެލެވޭ އެ މައްސަލާގައި އޮޑިްޓުން ފާހަގަކުރެވޭ ކަންކަން އިތުރަށް ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓް އޮފީހާއި ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
“ކުންފުނީގެ އުޅަނދުތަކަށް ތެޔޮ އެޅުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް މި ކުންފުނީގެ މެނޭޖްމަންޓަށް ފާހަގަކުރެވި، ކުންފުނީގެ އުސޫލްތަކާ އެއްގޮތަށް މިކަމާ ގުޅޭ އިންޓާނަލް އޮޑިޓެއް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި،” އެ ބަޔާނުގައި ވެއެވެ.
މިކަމުގައި ޝާމިލްވާ ކަމަށް ތުހުމަތުކުރެވޭ މީހުން ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވީ ނަމަވެސް އެއީ ކިތައް މީހުން ކަމެއް އަދި ކޮން ލެވަލެއްގެ ބައެއް ކަމެއް ބަޔާނުގައި ބުނެފައެއް ނުވެއެވެ.
މީގެ އިތުރުން ހިޔާނާތުގައި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅިގެނއް ޒަކީ ކުރެއްވި ތުހުމަތުތައް އެ ބަޔާނުގައި ވަނީ ދޮގުކޮށްފައެވެ. މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި ސަސްޕެންޝަނުގައި ތިބި މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާފައި ވަނީ ވެސް އެ ބައްދަލުވުމުގެ ކުރިން ކަމަށް އެ ބަޔާނުގައި ވެއެވެ.